ދިޔަވަރު ބޮޑުވާ ވަގުތު މާލޭ ސަރަހައްދަށާއި އަތޮޅުތެރޭ ރަށްރަށަށް އުދަ އެރުން އެކަށީގެންވާކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ބުނެފިއެވެ.
"ސަން"އަށް މައުލޫމާތު ދެމުން މެޓް އޮފީހުގެ ފޯކާސްޓަރަކު ވިދާޅުވީ، އުދަ އެރުން އެކަށީގެންވާ ކަމަށް ލަފާކުރެވެނީ ކުރިއަށް އޮތް 24 ގަޑިއިރުތެރޭ ކަމަށެވެ.
ދިޔަވަރު ބޮޑުވާ ގަޑިތަކަށް ބަލާއިރު، މުޅި ރާއްޖެއަށް އެންމެ ދިޔަވަރު ބޮޑުވާ ވަގުތުތަކަކީ ފަތިހު ފަހެއް ޖަހާއިރާއި ހަވީރު ފަހެއް ޖަހާއިރެވެ.
ދިޔަވަރު ބޮޑުވެ، މިއަދު ވެސް މާލެއާއި ބައެއް ރަށްތަކަށް ވަނީ އުދަ އަރާފައެވެ.
މެޓް އޮފީހުން ބުނީ ކުރިއަށް އޮތް 24 ގަޑިއިރަށް ބަލާއިރު، ރާއްޖޭގެ މޫސުން އާންމު ގޮތެއްގައި ރަނގަޅުވާނެ ކަމަށެވެ. އެގޮތުން ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެކަމަށް ލަފާކުރާއިރު، ވައި ޖެހޭނެކަމަށް ބެލެވެނީ ހުޅަނގާއި ހުޅަނގުއުތުރުން ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު ތިން މޭލާއި 10 މޭލާ ދެމެދުގެ ބާރުމިނުގައެވެ.
ހުޅަނގުދެކުނާއި ހުޅަނގުން އެހެން ހިސާބުތަކަށް ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައި ޖެހޭނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައިވެއެވެ.
މި ދުވަސްވަރު ރާއްޖެއަށް ކުރަނީ ހުޅަނގު މޫސުމުގެ ވިއްސާރައެވެ.