ދެހާހުގެ ކުރީކޮޅުގައި އުފެއްދި މަގުބޫލު ފްރެންޗައިޒްއެއް ކަމަށްވާ "ނާނިއާ" ރީބޫޓުކޮށް އަލުން ފިލްމު ސީރީޒްއެއް އުފެއްދުމަށް ނިންމައިފިއެވެ.
ނާނިއާ އަލުން ރީބޫޓުކޮށް އުފެއްދުމުގެ މަސައްކަތް ކުރާނީ އެންމެ ބޮޑު ސްޓްރީމިން ސާވިސް، ނެޓްފްލިކްސް އިންނެވެ.
ޖުމްލަ ތިން ފިލްމު ނެރެފައިވާ މި ފްރެންޗައިޒް ވަނީ 2005 އާއި 2010އާ ދެމެދު ބޮކްސް އޮފީހުގައި 1.5 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދާފައެވެ.
މިހާރު ނެޓްފްލިކްސްއިން ބޭނުންވަނީ އެ ކާމިޔާބީ ސްޓްރީމިން ސާވިސްއަށް ވެސް ހޯދުމަށެވެ. އެއާއެކު "ދަ ކްރޮނިކްލްސް އޮފް ނާނިއާ" ވާހަކަ ފޮތްތަކަށް ބިނާކޮށް ނާނިއާގެ ދެ ފިލްމެއް އުފެއްދުމަށް މިހާރު ވެސް ވަނީ ހަވާލުކޮށްފައެވެ. މި ދެ ފިލްމު ޑައިރެކްޓު ކުރުމަށް ހަވާލުކޮށްފައިވަނީ ގްރެޓާ ގާވިގް އާއެވެ.
ގްރެޓާ އަކީ މި ދުވަސްވަރު އެންމެ ގިނަ ބަޔަކު ވާހަކަ ދައްކަމުން އަންނަ އެއް ޑައިރެކްޓަރެވެ. އެގޮތުން ގްރެޓާ ޑައިރެކްޓު ކުރާ "ބާބީ" މިހާރު ސިނަމާތަކުގައި ދައްކަން ރެޑީ ވަމުން އަންނައިރު އެތައް ބަޔަކު ތިބީ މި ފިލްމަށް ކެތްމަދުވެފައެވެ.
ނެޓްފްލިކްސްއިން ނާނިއާ ވާހަކަ ފޮތްތަކުގެ ޓީވީ ރައިޓްސް ހޯދާފައިވަނީ 2018 ވަނަ އަހަރުގައެވެ. އެއަށްފަހު ނާނިއާ އަލުން ނެރޭނެ ކަމަށް ވާހަކަތަކެއް ދެކެވެމުން ދިޔައެވެ. ނަމަވެސް މިކަން ކަށަވަރުކޮށްދީފައިވަނީ ދާދިފަހުންނެވެ.
ނާނިއާގެ އާ ފިލްމުތަކެއް ނެރުމަށް މަސައްކަތް ކުރާ އިރު މި ފިލްމުގެ މާ ގިނަ މަސައްކަތްތަކެއް އަދި ނިމިފައެއް ނުވެއެވެ. ފިލްމުގެ ކާސްޓު ވެސް އަދި ހަމަޖެހިފައި ނުވާއިރު މި ފިލްމުތައް ދައްކަން ފަށާނެ ދުވަހެއް އަދި ނޭނގެއެވެ.