ހަކުރު ފުކެއް ވަރުވާ ދަބަހެއް، 63،000 ޑޮލަރަށް!

ސައިޒުން ހަކުރު ފުކަކަށް ވުރެ ކުޑަކޮށް ތައްޔާރުކޮށްފައިވާ ލުއީ ވުޓޯންގެ އަތް ދަބަހެއް 63،000 އެމެރިކާ ޑޮލަރަށް ވިކިއްޖެއެވެ.

ފްލޮރިޒެންޓް ރީނދޫ ކުލައިގެ މި އަތް ދަބަހަކީ ނިއު ޔޯކް އާޓް ކަލެކްޓިވް އިން ތައްޔާރުކޮށްފައިވާ ދަބަހެކެވެ. ލުއީ ވުޓޯން ބްރޭންޑިން ދީފައިވާ މި ދަބަހަކީ ފުޅާ މިނުގައި 0.03 އިންޗި ކިރިޔާ ހުންނަ ދަބަހެކެވެ. މިއީ ހަކުރު ފުކެއް ވަރުވާ ދަބަހެކެވެ.

"މައިކްރޮސްކޮޕިކް ހޭންޑް ބޭގް"ގެ ނަން ދެވިފައިވާ މި ދަބަހުގައި ލުއީ ވުޓޯންގެ ދަބަސްތަކުގައި ވާ ޑިޒައިންތައް ހިމެނޭނެއެވެ. މި ދަބަސް ފަރުމާ ކޮށްފައިވަނީ "ޓޫ ފޯޓޯން ޕޮލިމަރައިޒޭޝަން" ކިޔާ ޓެކްނީކެއް ބޭނުންކޮށްގެނެވެ. މިއީ ކުދި ކުދި ތަކެތި ތުރީޑީ ޕްރިންޓު ކުރުމަށް ބޭނުން ކުރާ ޓެކްނީކެކެވެ.

މި ދަބަސް ދާދި ފަހުން ވިއްކާލާފައިވަނީ ނީލަމަށް ލައިގެންނެވެ. "މިސްޗިފް" ކިޔާ ބްރޭންޑެއްގެ ދަށުން ދަބަސް ވިއްކާލާފައިވާއިރު މި ދަބަހަކީ ލުއީ ވުޓޯންގެ އަސްލު ދަބަހެއް މިސާލަކަށް ނަގަައިގެން ތައްޔާރު ކުރި ދަބަހެކެވެ. އަސްލު ދަބަހުގެ އަގު އުޅެނީ 3،000 ޑޮލަރާއި 4،000 ޑޮލަރާ ދެމެދުގައެވެ.

މި ދަބަސް ވިއްކާލި އިރު މި ދަބަސް ބެލުމަށް ހާއްސަ މައިކްރޮސްކޯޕެއް އެއާއެކު ހަދިޔާކޮށްފައިވެއެވެ. މި މައިކްރޮސްކޯޕަކީ ހާއްސަ ޑިސްޕްލޭއެއް ހިމެނޭ އެއްޗެކެވެ. އެއާއެކު ފަސޭހަ ކަމާއެކު ދަބަސް ބަލާލެވޭނެއެވެ.

މިސްޗިފް ކުންފުންޏަކީ މިފަދަ އާޓިސްޓިކް ފެޝަން މަސައްކަތްތައް އާންމުކޮށް ސަޕޯޓު ކުރާ ކުންފުންޏެކެވެ. އެގޮތުން 2021 ވަނަ އަހަރުގައި ލަގްޒަރީ ބްރޭންޑެއް ކަމަށްވާ ބާކިންގެ ދަބަހެއް ބޭނުންކޮށްގެން އުފެއްދި ފައިވާނެއް ވަނީ މި ކުންފުނިން ވިއްކާފައެވެ. މި ކުންފުނިން މި ފައިވާންތައް ވިއްކާފައިވަނީ 76،000 ޑޮލަރަށެވެ.

comment ކޮމެންޓް