އދ. ދިއްދޫ ބަނދަރުގެ މައްސަލައިގައި އެންމެ ފަހުން ރައްޔިތުން ލޭ ހޫނުވެ، ބައެއް މީހުން ކައުންސިލް އިދާރާއަށް ވަދެ މުޒާހަރާކޮށްފިއެވެ.
ދިއްދޫ ބަނދަރާ ގުޅޭގޮތުން ރައްޔިތުންގެ އޮތް ކަންބޮޑުވުމަކީ ބަނދަރު ހެދިއިރު ނެރު ކަނޑާފައި އޮތް ދިމާ ކަމު ނުގޮސްގެންނެވެ. ދިއްދޫ ބަނދަރު ހަދައި ނިންމާފައިވަނީ 2021 ވަނަ އަހަރެވެ.
"ސަން" އާ ވާހަކަދައްކަމުން ދިއްދޫ ރައްޔިތަކު ބުނީ، މައްސަލައަކީ ބަނދަރު ހެދިއިރު ނެރު ކަނޑާފައި އޮތް ދިމާލުގެ ގޮތުން މޫސުން ގޯސްވެ ކަނޑު ގަދަވާ ދުވަސްވަރު ބަނދަރު ތެރޭގައި ކަނޑެކޭ އެއްގޮތަށް ރާޅު އުފެދުންކަމަށެވެ. އެހެންވެ، މޫސުން އެންމެ ގޯސްވާ ދުވަސްވަރު، ބަނދަރުގައި ނަގަމުންދާ ބިޔަ ބާނިތައް ރަށުތެރެއަށް ބިންދައި ގެއްލުންތައް ވަމުން އަންނަކަމަށް އޭނާ ބުންޏެވެ.

"މިހާރު މިއޮތީ މޫސުން ގޯސް ދުވަސްވަރު ލައިގަނެފައި. އިއްޔެ ކުރި ގަދައިގައި ފަޅުގައި އަޅާފައިއޮތް ލޯންޗެއް ބަންޑުން ޖަހާލައި ފަޅުގައި އަޅާފައި އޮތް އިތުރު އުޅަނދުތަކަށް ވަނީ ގެއްލުން ލިބިފައި. މިކަން މިހެންވީމައި ރައްޔިތުން މަޑަކުން ނުތިބޭނެތާ،" ދިއްދޫއިން ވާހަކަ ދެއްކި މީހާ ބުންޏެވެ.
އޭނާ ބުނީ ރައްޔިތުންގެ ބަޔަކު ރުޅިއައިސްގެން މިއަދު ކައުންސިލް އިދާރާ ދޮށަށް އެއްވީ ބަނދަރު ނެރު މައްސަލައަށް މިއަދާ ހަމައަށްވެސް ހައްލެއް ނުލިބުމުންކަމަށެވެ.
ދިއްދޫ ކައުންސިލް އިދާރާ ތެރެއަށް ވަދެ ކުރި މުޒާހަރާއާ ގުޅޭގޮތުން "ސަން" އާ ވާހަކަދައްކަވަމުން ކައުންސިލް މެމްބަރު ރުގިއްޔާ ހުސައިން ވިދާޅުވީ، ކައުންސިލް އިދާރާގައި ތިބި އާންމުން އެތަނުން ނުކުތީ މާމިގިލިން ފުލުހުންތަކެއް ގޮސް ނަސޭހަތްތެރިވުމުން މިރޭ ނުވައެއް ޖަހާއެހާކަންހާއިރު ކަމަށެވެ.
މުޒާހިރާގެ ސަބަބުން މިއަދު ކައުންސިލް އިދާރާގެ ރަސްމީ މަސައްކަތްތަކަށް ވެސް ބުރޫއެރި ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެކަމާ ގުޅިގެން ސަރުކާރުގެ ކަމާ ބެހޭ މިނިސްޓްރީގެ ބޭފުޅަކާ މުއާމަލާތް ނުކުރެވުމުގެ ސަބަބުން ޝުއޫރު ފާޅުކުރި މީހުން ބޭނުންވާ ޖަވާބެއް ނުދެވުނުކަންވެސް ރުގިއްޔާ ފާހަގަކުރެއްވިއެވެ.

ބަނދަރުގެ މައްސަލައިގައި ދިއްދޫ ރައްޔިތުންގެ ބަޔަކު މިއަދު ކުރިއަށްގެންދިޔަ މުޒާހަރާގައި ކައުންސިލް އިދާރާ ދޮށުގައި--- ފޮޓޯ/ސޯޝަލް މީޑިއާ
އެ އިހުތިޖާޖުގައި ބައިވެރިވި މީހުން އެދިފައިވަނީ ބަނދަރުގެ ނެރުގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފަށާނޭ ދުވަހެއް ބުނެ ދިނުމަށެވެ.
"ސަން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ދިއްދޫ ބަނދަރު ހަދަމުން ދިޔައިރުވެސް ނެރު ކަނޑާފައިއޮތް ދިމާ ކަމުނުގޮސްގެން ދިއްދޫގެ ބައެއް އިސް ފަރާތްތަކުން ވަނީ އެ މައްސަލަ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނެސްފައެވެ.

ބަނދަރުގެ މައްސަލައިގައި ދިއްދޫ ރައްޔިތުންގެ ބަޔަކު މިއަދު ކުރިއަށްގެންދިޔަ މުޒާހަރާގައި ކައުންސިލް އިދާރާގެ ތެރޭގައި--- ފޮޓޯ/ސޯޝަލް މީޑިއާ
އެ މައްސަލައަށް އަވަސް ހައްލެއް ގެނެސްދޭނޭކަމަށް މީގެ ކުރިން ސަރުކާރުން ބުނެފައިވާކަމަށް ވެސް ދިއްދޫ ކައުންސިލުން ބުނެއެވެ.
ދިއްދޫ ބަނދަރު ހެދުމުގެ މަސައްކަތް ކޮށްފައިވަނީ އަމިއްލަ ކުންފުންޏެއް ކަމަށްވާ ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑުންނެވެ. އެއީ 500 ފޫޓު ދިގު، 250 ފޫޓް ފުޅާ ބަނދަރެކެވެ.
އެ ރަށުގެ އާބާދީއަކީ 111 މީހުން ކަމަށް އެންމެ ފަހުގެ ބޯހިމެނުމުން ދައްކާއިރު، މި ބަނދަރު ހެދުމަށް ދައުލަތުގެ ބައިތުލްމާލުން ވަނީ 21 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައެވެ.