ގދ. ތިނަދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރަމުންދާ މަޝްރޫއުގެ ތެރެއިން ފަސް މަގެއްގައި ތާރު އެޅުމުގެ މަސައްކަތް ނިންމާލައިފިއެވެ.
ތިނަދޫ ކައުންސިލްގެ ރައީސް ސައުދު އަލީ މިއަދު "ސަން"އަށް ވިދާޅުވީ އެ ރަށުގެ ފަސް މަގެއްގައި ތާރުއަޅާ ނިމިފައިވާ ކަމަށާއި އިތުރު މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ.
"އަސްލު ލަސްވަނީ، ބައެއް ގޭގޭގެ ފެނާއި ނަރުދަމާ ހޮޅިތަކުގެ ސަބަބުން. އެހެން ނަމަވެސް ހަމަ ވީ އެންމެ އަވަހަކަށް މިކަން ކުރެވޭތޯ މި ބަލަނީ." ސައުދު ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ ތިނަދޫގެ ރައްޔިތުންނަށް މިކަމުގެ ސަބަބުން ލުއި ފަސޭހަތަކެއް ލިބޭނެ ކަމަށެވެ. ޚާއްޞަކޮށް ފުރޮޅުލީ ގޮނޑިީގައި ދުއްވާ އުޅޭ މީހުންނަށާއި ހިނގާ ބިނގާވެ އުޅޭ މީހުންނަށް ފަސޭހަ ވާނެ ކަމަށް ސައުދު ވިދާޅުވިއެވެ.
"މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލައަށް ވެސް ބޮޑު ހައްލެއް ލިބިގެން ދާނެ. މަގުތައް ކުނި ކެހުމާއި ވިނަ ނޮޅުން ފަދަ ކަންކަން ކުރަން ވެސް މިހާރު ރައްޔިތުންނަށް ނުޖެހޭނެ. އެކަހަލަ ފަސޭހަތަކެއް ލިބޭނެ ތިނަދޫ ރައްޔިތުންނަށް،" އޭނާ ވިދާޅުވިއެވެ.
ގދ. ތިނަދޫގެ މަގުތައް ޒަމާނީ ފެންވަރަކަށް ތަރައްގީކޮށް ތާރު އެޅުމުގެ މަސައްކަތް ކުރަނީ ރޯޑް ޑިވިލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ ފަރާތުންނެވެ.
އާރްޑީސީން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ތިނަދޫގެ އާބާދީ ހިނގުން، އޯކިޑް މަގު، ރަނަހަމައިދި މަގު، ނަރުގިސް މަގު އަދި ކާންނާ މަގުގައި ތާރު އަޅާ ނިމިފައިވާ ކަމަށެވެ.