ފައިސާގެ މައްސަލައެއް ބަލައިކަން އެނގިފައެއް ނެތް: އާރުޑީސީ

ފުލުހުންގެ މައި އިދާރާ. އާރްޑީސީއާ ގުޅޭ މައްސަލައެއް ފުލުހުން ބަލަމުންދާކަމަށް އެ މުއައްސަސާއިން ވަނީ ބުނެފައި--

މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އާރުޑީސީ)އާ ގުޅުންހުރި މާލީ ނަހަމަ އެއްވެސް މުއާމަލާތާ ގުޅޭ މައްސަލައެއް، ފުލުހުން އަދި މަރުކަޒީ ބޭންކުން ބަލަމުންދާ ކަމެއް އަންގާފައިނުވާ ކަމަށް އާރުޑީސީން ބުނެފިއެވެ.

އާރްޑިސީގެ އެކަައުންޓުން އެ ކުންފުނީގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) ޔާސިރު ހަސަންގެ އެކައުންޓަށް 13 މިލިއަން ރުފިޔާ ޖަމާކޮށްފައިވާ ކަމަށް ބުނާ މައްސަލައެއް ފެންމަތިވެ އެ މައްސަލަ ފުލުހުން ބަލަން ފަށާފައިވާކަމުގެ އަޑު ވަނީ ފެތުރިފައެވެ.

މި ކަމާ ގުޅޭގޮތުން އާރުޑީސީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، އެ ކުންފުންޏާއި ގުޅުންހުރި ފައިސާގެ އެއްވެސް މައްސަލައެއް ތަހުޤީޤު ކުރަމުންދާކަން ނުވަތަ ތަހުޤީޤު ކުރަން ބޭނުންވާކަން ފުލުހުން އަދި މަރުކަޒީ ބޭންކަކުން ވެސް އަންގާފައިނުވާ ކަމަށެވެ.

އާރުޑީސީން ކުންފުނީގެ ޚަރަދުތަކާއި ފައިސާގެ މުއާމަލާތްތައް ކުރަމުންދަނީ ރާއްޖޭގައި ހެދިފައިވާ މާލީ ޤާނޫނުތަކާއި ޤަވާއިދުތަކުގެ އިތުރުން ކުންފުނީގެ އުސޫލުތަކާއި އެއްގޮތަށް ކަމަށްވާއިރު، ނަހަމަ ގޮތުގައި ފައިސާގެ އެއްވެސް މުއާމަލާތެއް ހިންގުމުގެ އެއްވެސް ފުރުސަތެއް ނޯންނާނޭ ކަމަށް އާރުޑީސީން ބުނެއެވެ.

ކުންފުނީގެ އެކައުންޓުން 13 މިލިއަން ރުފިޔާ އެކުންފުނީގެ ސީއެފްއޯ ޔާސިރު ހަސަންގެ އަމިއްލަ އެކައުންޓަށް ޖަމާކުރި ކަމަށް ބުނެ އެ މައްސަލަ ފުލުހުން ބަލަމުންދާކަމަށް ބައެއް މީޑިއާތަކުން ޚަބަރު ފަތުރާފައިވަނީ، މައުލޫމާތުގެ ޞައްޙަކަން ބެލުމެއްނެތި ކަމަށާއި، އެފަދަ ކަމެއް ހިނގާފައި ނުވާކަމުގެ ޔަޤީންކަން ދޭ ކަމަށް ވެސް އާރުޑީސީގެ ބަޔާނުގައި ބުނެފައިވެއެވެ.

އާރުޑީސީއަކީ ޤަވާއިދުން އޮޑިޓް ކުރަމުންދާ ކުންފުންޏެއްކަން ފާހަގަކުރަމުން އެ ކުންފުނިން ބުނީ މިހާރު ވެސް އެ ކުންފުނީގެ ޙާއްޞަ އޮޑިޓެއް ކުރަމުންދާއިރު، ހިޔާނާތުގެ އެފަދަ މައްސަލައެއް ފާހަގަ ކުރެވިފައި ނެތް ކަމަށް ވެސް އާރުޑީސީން ބުނެއެވެ.

އާރްޑީސީގެ އެމްޑީ މޫސާ އަލިމަނިކު (މޫކޭ)އާ މައްސަލަ ގުޅުވައި، ފައިސާ ޖަމާ ކޮށްފައިވަނީ ޔާސިރުގެ އަމިއްލަ އެކައުންޓަށް ކަމަށް ބުނާ އެ މައްސަލަ މޫކޭ ވެސް ވަނީ ދޮގުކޮށްފައެވެ.

"ސަން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުން އާރްޑީސީގެ މައްސަލަ ތަހުގީގު ކުރަމުން އަންނަނީ އެމްބެޒެލްމެންޓު އަދި މަނީލޯންޑަރިންގެ މައްސަލައެއްގެ ގޮތުގައެވެ.

ނަމަވެސް މި މައްސަލައާ ގުޅޭ އެއްވެސް ތަފްސީލެއް ފުލުހުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. މި މައްސަލަ ފެންމަތިވެ، އެކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން، ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ އާރްޑީސީއާ ގުޅޭ މައްސަލައެއް އެ މުއައްސަސާއިން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

މި މައްސަލަ ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ފައިނޭންޝަލް އިންޓެލިޖެން ޔުނިޓު (އެފްއައިޔޫ)އިން ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މޫކޭއާއި ޔާސިރަކީ ގާތް ދެ ރަހުމަތްތެރިންނަށް ވާއިރު، ޔާސިރު ވަނީ ދާދި ފަހުން މޫކޭގެ ކޮއްކޮ އާ ކައިވެނި ކޮށްފައެވެ.

comment ކޮމެންޓް