ޖެނީން (5 ޖުލައި 2023): އިސްރާއީލުން ޖެފަލަސްތީނުގެ ނީންގެ ރެފިއުޖީ އަވަށުގައި ހިންގަމުން ގެންދިޔަ އަސްކަރީ އޮޕަރޭޝަން ނާކާމިޔާބުވެ މަގްސަދު ހާސިލު ނުވުމާ އަދި ފަލަސްތީނުގެ ރައްދު ހަމަލާތަކުގައި އިސްރާއީލު ސިފައިން މަރުވާން ފެށުމުން އެއޮޕަރޭޝަން ހުއްޓާލައި އެތަނުން ފާބައިފިއެވެ.
ފަލަސްތީނުގެ މުޖާހިދުން ބުނާގޮތުން ޖެނީން ރެފިއުޖީ އަވަށަށް ވަދެގަތް އިސްރާއީލުގެ އަސްކަރީ އުޅަނދުތަކާ އަދި ސިފައިންގެ ލަޝްކަރު މިހާރުވަނީ އެތަނުން ފާބައިފައެވެ. މިހާރު އިސްރާއީލުގެ ލަޝްކަރާއި އެމީހުންގެ އުޅަނދުތައްވަނީ ޖެނީން އަވަށުގެ ބޭރުގައިކަން އިސްރާއީލު ސިފައިންގެ ރަސްމީ ރެޑިއޯ އިންވެސް މިއަދުވަނީ ކަށަވަރުކޮށްދީފައެވެ.
ނަމަވެސް ޖެނީން އަވަށުން އިސްރާއީލު ސިފައިން ފާބައިފައިވަނީ މަގްސަދު ހާސިލުނުވެ ކަމަށްވާތީ މިކަމާބެހޭގޮތުން އިސްރާއީލު ސިފައިންގެ ފަރާތުން އަދި ރަސްމީ ބަޔާނެއް ނެރެފައެއް ނުވެއެވެ.
އިސްރާއީލު ސިފައިން މީގެ ދެދުވަސްކުރިން ޖެނީން ރެފިއުޖީ އަވަށަށް ބަރުހަތިޔާރާއެކު އަރައިގަތީ އެއަވަށުގައި އިސްރާއީލުގެ އިސްތިއުމާރާ ދެކޮޅަށް ހަރަކާތްތެރިވާ ފަލަސްތީނުގެ ޒުވާނުންތަކެއް (މުޖާހިދުން) ހައްޔަރު ކުރުމަށެވެ. އެމީހުން ހައްޔަރުކުރުމަށް ބަރުހަތިޔާރާއެކު އެއްހާސް ސިފައިންގެ ލަޝްކަރެއް އެއަވަށަށް ވަދެގަތް ނަމަވެސް އެޒުވާނުންތައް އަތުލެވޭގޮތެއް ނުވުމުން އިސްރާއީލު ސިފައިން ހަމަލާދިނީ އެއަވަށުގެ ރެފިއުޖީންގެ ގެތަކަށެވެ.
ގެތަކަށް ހަމަލާދީ ފަލަސްތީނުގެ 13 މީހުން ޝަހީދުކޮށް 100 އަށްވުރެ ގިނަމީހުން ޒަޚަމްކޮށްލިއެވެ. އަދި ރެފިއުޖީ އަވަށުގެ އެތަށް ސަތޭކަ ގެއެއްގެ އެތަންމިތަން ހަލާކުކޮށް މުޅި އަވަށުން ފެނާއި ކަރަންޓް ކަނޑާލައި ޓެރަރިޒަމްގެ އަމަލުތަކެއް ފުޅާދާއިރާއެއްގައި އިސްރާއީލު ސިފައިން ހިންގިއެވެ. މިއާއެކު އެއަވަށުގައި ދިރިއުޅޭ ފަލަސްތީނުގެ 500 އަށްވުރެ ގިނަ އާއިލާ މަގުމަތިކޮށްލިއެވެ.
ނަމަވެސް ފަލަސްތީނުގެ ޒުވާން މުޖާހިދުން އަތުލުމުގައި އިސްރާއީލު ސިފައިން މުޅިން ނާކާމިޔާބުވިއެވެ. އަނެއްކޮޅުން މުޖާހިދުންވަނީ އިސްރާއީލުގެ އަސްކަރީ އުޅަނދުތަކެއް ގޮއްވާލައި އިސްރާއީލުގެ އަސްކަރީ 4 ޑްރޯން ވައްޓާލާފައެވެ. ނަމަވެސް ޖެނީން އަވަށުން ފައިބަން އިސްރާއީލު ސިފައިންނަށް މަޖުބޫރުވީ މުޖާހިދުންގެ ހަމަލާތަކެއްގައި އިސްރާއީލު ސިފައިންގެ މީހަކު މަރުވެ އިތުރު ބަޔަކު ޒަޚަމްވުމާއެކު މުޖާހިދުން އަތުލެވޭނެކަމުގެ އުންމީދު މުޅިން ގެއްލި އިތުރު ސިފައިން މަރުވާނެކަމުގެ ބިރު އޮތުމުންކަމަށް ޖެނީންގެ ހާލަތު ކަވަރު ކުރަމުންގެންދާ އަލްޖަޒީރާގެ މުރާސިލުން ބުނެއެވެ.
ފަލަސްތީނުގެ މިޑިއާ ބުނާ ގޮތުންވެސް އިސްރާއީލް ސިފައިން ޖެނިންއިން ފައިބަންފެށީ މުޖާހިދުންގެ ކުއްލި ހަމަލާއެއްގައި އިސްރާއީލް ސިފައިންގެ މީހަކު މަރުވުމާ ގުޅިގެންނެވެ. އަދި ޖެނީންގައި ހަރަކާތްތެރިވާ ފަލަސްތީނު މުޖާހިދުން އަތުލުމުގައި އިސްރާއީލު ސިފައިން ނުކުޅެދުމުންނެވެ.
1967 ވަނަ އަހަރު އިސްރާއީލު ވެރިގެންފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި 19 ރެފިއުޖީ ކޭމްޕް ނުވަތަ އަވަށް އޮންނައިރު އޭގެތެރެއިން އެންމެ މީހުންގިނަ، އެންމެކުޑަ އަދި ފަގީރުން އެންމެ ގިނައީ ޖެނީން ރެފިއުޖީ އަވަށުގައެވެ. އެއަވަށުގައި އަކަ ކިލޯމީޓަރެއްގެ ސަރަހައްދުގައި 14,000 ރެފިއުޖީން ވަރަށް ދަތިހާލުގައި ދިރިއުޅެއެވެ.
ޖެނީންގެ ތެރެއިން އިސްރާއީލުގެ އަނިޔާވެރިކަމާ އަދި އިސްތިއުމާރާ ދެކޮޅަށް ޒުވާނުން މުޖާހިދުންގެ ގޮތުގައި ނުކުންނަނީވެސް އިސްރާއީލުގެ އަނިޔާވެރިކަމާއި އިސްތިއުމާރުން ސަލާމަތްވެ މިނިވަންކަން ލިބޭނެ ހުރިހާ ދޮރުތަކެއް އިސްރާއީލު ބަންދުކުރުމުންނެވެ. އަދި އެމެރިކާއާއި އިނގިރޭސިވިލާތްފަދަ ހުޅަނގުގެ އިސްތިއުމާރީ ބާރުތަކުން އިސްރާއީލުގެ އަނިޔާވެރިކަމަށް އެހީވަމުން ގެންދާތީ އެހެން އެއްވެސް ގޮތެއް ނެތިގެންނެވެ.
މުރާސިލުން ބުނާގޮތުގައި އިސްރާއީލަށް ޖެޖީން އިން ލިބިގެން މިދިޔައީ ވަރުގަދަ ފިލާވަޅެކެވެ. މިކަމުގެ ސަބަބުން ހުޅަނގު އައްސޭރީގައިވާ އެހެން ރެފިއުޖީ ކޭމްޕްތަކުންވެސް މިފަދަ މުޖާހިދުން ފާޅުވެ ހުޅަނގު އައްސޭރިވެސް ޣައްޒާގޮތަށް އިސްރާއީލުގެ ކޮންޓްރޯލް ނެތް ސަރަހައްދަކަށް ކައިރި މުސްތަގްބަލެއްގައި ބަދަލުވެގެންދާނެއެވެ.
މުޖާހިދުންގެ ސްޓްރެޓެޖީ އަކީ ހުޅަނގު އައްސޭރި އަށް ވެރިވެގަނެގެން އިސްރާއީލަށް އޮވެވޭނީ އެކަމަށް ބޮޑު އަގެއްދައްކައިގެންކަމުގެ މެސެޖު އިސްރާއީލަށް ދިނުމެވެ. މިއަގަކީ އިސްރާއީލު ސިފައިން މަރުވުމާއި ހުޅަނގު އައްސޭރީގައި އިސްރާއީލު ވަޒަންވެރިކުރުވާފައިވާ ޔަހޫދީންނަށް އަމާންކަން ނެތްކަމުގެ އިހުސާސު ކުރެވެން ފެށުމެވެ.
އަމާންކަން ނެތްކަމުގެ އިހުސާސު ކުރެވެން ފެށުމާއެކު ބައެއް ޔަހޫދީ ވަޒަންވެރިން މިހާރުވެސް ވަނީ އެމީހުން ހިޖުރަކޮށްގެންއުޅޭ ހުޅަނގު އައްސޭރި ދޫކޮށް އެމީހުން އައި އެމީހުންގެ އަމިއްލަ ގައުމުތަކަށް އެނބުރި ދިޔުމުގެ މަސައްކަތް ފަށާފައެވެ. މިހާލަތު ދިގުލައިގެންދާނަމަ ހުޅަނގު އައްސޭރިން ފޭބުމާމެދު ވިސްނަން އިސްރާއީލަށް މަޖުބޫރުވާނެކަމަށް ފަލަސްތީނު ގެ މުޖާހިދުންނާ އަދި އާންމުންވެސް ދެކެއެވެ.
ޔޫކްރެއިން އަށް ހަތިޔާރު ލިބޭ ގޮތަށް ފަލަސްތީނު މުޖާހިދުންނަށް ޒަމާނީ ހަތިޔާރު ލިބޭނަމަ އިސްރާއީލަށް އެންމެ ދުވަހަކުވެސް ފަލަސްތީނު ހިފައިގެން ނޯވެވޭނެކަމާއި އިސްރާއީލު ބަލިކޮށްލަން މުޖާހިދުން ކުރުމުއްދަތެއް ނޫނީ ނުނަގާނެކަމަށް މުހައްލިލުން އިއްތިފާގުވެފައެވެ.