ޕާސްޕޯޓުގެ ޚިދުމަތްދޭ ވަގުތު އިތުރުކޮށް، ގިނަ ލުއިތަކެއް ދޭން ނިންމައިފި

އިމިގްރޭޝަނުން ހިދުމަތް ހޯދާ ކައުންޓަރެއް -- ފޮޓޯ: އިމިގްރޭޝަން

މާދަމާއިން ފެށިގެން ޕާސްޕޯޓުގެ ޚިދުމަތްދޭ ވަގުތުތައް އިތުރުކޮށް، ޕާސްޕޯޓަށް އެދުމުގައި ލުއިތަކެއް ދިނުމަށް އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) ނިންމަވައިފިއެވެ.

ޕާސްޕޯޓަށް އެދި މިހާރު ހުށަހަޅަން ޖެހެނީ އިމިގްރޭޝަންގެ "އިމުގާ" ޕޯޓަލް މެދުވެރިކޮށެވެ. ނަމަވެސް އެކަމުގައި ހުރި ދަތިތައް ދެނެގަނެ އިމިގްރޭޝަނުންވަނީ ޚިދުމަތް ދިނުމުގައި އިތުރު ލުއި ފަސޭހަ ގޮތްތަކެއް ކަނޑައަޅާފައެވެ.

ޕާސްޕޯޓުގެ ޚިދުމަތަކީ ޑިމާންޑު ބޮޑު ޚިދުމަތެއް ކަމުން، ފަސޭހަ ކަމާއެކު އަވަސް ޚިދުމަތެއް ފޯރުކޮށްދިނުމަށް އިމިގްރޭޝަނުން ވަނީ މައިގަނޑު ހަތަރު ބަދަލެއް ގެނެސްފައެވެ.

  • ފޯމު ފުރިހަމަކޮށް، ސްކޭން އަޕްލޯޑް ކުރަން ނުޖެހުން
  • ކުރީގެ ޕާސްޕޯޓާއި އައިޑީ ކާޑުގެ ކޮޕީ ހުށަހަޅަން ނުޖެހުން
  • ޑިޖިޓަލް ސޮއި ނުވަތަ ފޮޓޯއެއް އަޕްލޯޑް ކުރެވުން
  • އީފާސް މެދުވެރިކޮށް ލޮގިން ވެވުން

މި ބަދަލުތަކާއެކު ޕާސްޕޯޓަށް އެދި ފޯމާ ނުލައި އެޕްލިކޭޝަން ހުށަހެޅޭނެއެވެ. އަދި ޕާސްޕޯޓަށް އެދި ހުށަހަޅާއިރު، ޑިޖިޓަލް ސޮއި ނުވަތަ ރަނގަޅަށް ސާފުވާނެހެން ހުދު ކަރުދާހުގައި އެމީހެއްގެ ސޮއި ކުރުމަށް ފަހު އަޕްލޯޑް ކުރެވޭނެއެވެ.

މީގެއިތުރުން، ހަމައެކަނި ރަސްމީ ގަޑީގައި އެ ޚިދުމަތް ދިނުމުގެ ބަދަލުގައި ދެ ދަންފަޅިއަކަށް ބަހާލައިގެން ޚިދުމަތްދޭން ވަނީ ނިންމާފައެވެ. އެގޮތުން، މާދަމާއިން ފެށިގެން ހެނދުނު 8:00 އިން ފެށިގެން ރޭގަނޑު 9:00 އާ ހަމައަށް ޕާސްޕޯޓުގެ ޚިދުމަތް ލިބޭނެއެވެ. ނަމަވެސް ޕާސްޕޯޓާ ހަވާލުވުމަށް ނަމްބަރު ދޫކުރަން ހަމަޖެހިފައިވަނީ ހެނދުނު 8:30 އިން މެންދުރު 12:00 އަށް އަދި މެންދުރު ފަހު 12:45 އިން ހަވީރު 17:00 އަށެވެ.

އިމިގްރޭޝަނުން ބުނީ އެ އިދާރާގެ އަމާޒަކީ އަބަދު ވެސް އާންމުންނަށް ލުއި ފަސޭހަކަމާއެކު، ހިދުމަތް ހޯދޭނެ މަގު ތަނަވަސް ކޮށްދިނުން ކަމަށެވެ.

comment ކޮމެންޓް