ޝިހާބު، ރައީސްގެ އެޑްވައިޒަރުކަމުން އިސްތިއުފާ ދެއްވައިފި

ޖުމްހޫރީ ދުވަސް ފާހަގަކުރުމަށް ރޭ ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ އެޑްވައިޒަރު މުހައްމަދު ޝިހާބު ---

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ އެޑްވައިޒަރު މުޙައްމަދު ޝިހާބު އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

އެމްޑީޕީގެ ރައީސްގެ މަގާމުގައި ހުންނެވުމަށް ފަހު ދާދި ފަހުން ޕާޓީއިން ވަކިވެވަޑައިގަތް މުޙައްމަދު ނަޝީދަށް ތާއިދު ކުރައްވާ ޝިހާބު އެޑްވައިޒަރުކަމުން އިސްތިއުފާ ދެއްވާފައިވާކަން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުޙައްމަދު ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

ރައީސް ނަޝީދަށް ތާއިދު ކުރައްވާ ފަރާތްތަކުން އެމްޑީޕީގެ ތެރޭގައި ވަކި ފެކްޝަނެއްގެ ގޮތުގައި ހަރަކާތްތެރިވެ، ޖުމްހޫރީ ޕާޓީއާ އެކު ކޯލިޝަން އެއްބަސްވުމެއް ހެދުމާ ބެހޭ ގޮތުން އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓާއެކު ބޭއްވި މަޝްވަރާތަކުގައި ޝިހާބު ބައިވެރިވެވަޑައިގެންނެވިއެވެ.

އޭގެ ތެރެއިން ބައްދަލުވުންތަކެއްގައި، ނަޝީދުގެ މަންދޫބެއްގެ ގޮތުގައި ޝިހާބު ހުންނަވާ ފޮޓޯތައް ސޯޝަލް މީޑިއާގައި އާންމުވެފައިވެއެވެ.

ޝިހާބު މީގެ ކުރިން ފުރުއްވާފައިވާ މަގާމުތަކުގެ ތެރޭގައި ހޯމް މިނިސްޓަރު ކަމާއި ފިނޭންސް މިނިސްޓަރު ކަމާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމާއި މާލޭ ސިޓީގެ މޭޔަރުކަން ވެސް ހިމެނެއެވެ.

މިދިޔަ ޖޫން މަހުގެ 21 ވަނަ ދުވަހު ނަޝީދު އެމްޑީޕީއިން ވަކިވެވަޑައިގެންފައިވާއިރު، އެ މަނިކުފާނަށް ތާއިދު ކުރާ ފަރާތްތަކުން އުފައްދަން މަސައްކަތް ކުރާ 'ދަ ޑިމޮކްރެޓްސް' އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ ދީފައެވެ. އަދި އެ ޕާޓީ އުފެއްދުމަށް އަންނަ ބުދަ ދުވަހުގެ ރޭ ބާއްވާ ޖަލްސާގައި އެ މަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެކަން ވަނީ އިއުލާންކުރައްވާފައެވެ.

comment ކޮމެންޓް