ރަން ވަނަތަކަކާއެކު ސްޕެޝަލް އޮލިމްޕިކްސް ޓީމު އެނބުރި ރާއްޖެއަށް

ޖަރުމަނުގައި ބޭއްވި ސްޕެޝަލް އޮލިމްޕިކްސްގައި ރާއްޖެއަށް މެޑަލްތައް ހޯދައިދިން އެތުލީޓުން -- ފޮޓޯ/ ރައީސް އޮފީސް

ޖަރުމަނުގައި ބޭއްވި ސްޕެޝަލް އޮލިމްޕިކްސްގައި ރަން ވަނަތަކެއް ހޯދި ދިވެހި އެތުލީޓުން އެނބުރި ރާއްޖެ އަތުވެއްޖެއެވެ.

އެ އެތުލީޓުން އެނބުރި ރާއްޖެ އައުމުން ވަނީ ހޫނު މަރުހަބާއެއް ކިޔައިފައެވެ. އެ އެތުލީޓުންނަށް މަރުހަބާ ކިޔުމަށް ބޭއްވި ހަފްލާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި އަނބިކަނބަލުން ފަޒްނާ އަހުމަދު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މިދިޔަ މަހުގެ 17 ވަނަ ދުވަހުން ފެށިގެން 25 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދިޔަ ސްޕެޝަލް އޮލިމްޕިކްސްގައި ރާއްޖެއިން ދެ ރަން މެޑަލް އާއި ލޯ މެޑެލްއެއް ހޯދިއެވެ. ބެޑްމިންޓަން އިވެންޓުން އައިޝަތު މާނިޔާ އާދަމް ރަން މެޑަލް ހޯދައިދިން އިރު، އައިޝަތު ލައިކާ ހުސެއިން ވަނީ ލެވެލް ބީ - އެފް07 ޑިވިޝަންގެ 100 މީޓަރު ދުވުމުން ރަން މެޑަލް ހޯދައިދީފައެވެ. އަދި ލޯ މެޑަލް ހޯދައިދީފައިވަނީ ލެވެލް ސީ - ޑިވިޝަން އެފްއޯ3 ކެޓަގަރީގެ 200 މީޓަރު ދުވުމުގައި ވާދަކުރި ޒާނާ އަލީ ޝަރީފެވެ.

ޖަރުމަނުގައި ބޭއްވި ސްޕެޝަލް އޮލިމްޕިކްސްގައި ވާދަކުރި ދިވެހި އެތުލީޓުންނާއެކު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި އަނބިކަނބަލުން ފަޒްނާ އަހުމަދު -- ފޮޓޯ/ ރައީސް އޮފީސް

ދިވެހި އެތުލީޓުންނާ ބައްދަލުކުރައްވައި ރައީސް ސޯލިހު ވަނީ ބައިނަލްއަގުވާމީ ބޮޑު މުބާރާތަކުން ރާއްޖޭގެ އެތުލީޓުން ވަރަށް ފުރިހަމަ ކާމިޔާބީއެއް ހާސިލުކޮށްފައިވާތީ އެކަން ފާހަގަކުރައްވައި، މި ކާމިޔާބީ ހޯދުމުގައި މަސައްކަތްކޮށްދެއްވި ހުރިހާ ފަރާތްތަކާއި އަދި ހާއްސަކޮށް ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވް އާއި ޔޫތު މިނިސްޓްރީން އަދާކޮށްފައިވާ މުހިންމު ދައުރު ފާހަގަކުރައްވައި ޝުކުރު އަދާކުރެއްވިއެވެ.

ރައީސް ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ އެއްވެސް މީހަކު ބާކީނުކޮށް ހުރިހާކަމެއްގައި ޝާމިލުކޮށްގެން ކުރިއަށްދިއުން ކަމަށާއި ކުޅިވަރުގެ ދާއިރާގައިވެސް ސަރުކާރުން ގެންގުޅޭ ސިޔާސަތަކީ އެއީ ކަމަށެވެ. އޭގެ އިތުރުން މި ސަރުކާރު ވެރިކަމަށް އައުމަށްފަހު، ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް އުފައްދަފައިވަނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުން ކުޅިވަރުގައި ބައިވެރިވުމަށް ފުރުސަތުތައް ފަހިކޮށްދެއްވުމަށް ކަމަށް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ކުޅިވަރުގެ މައިދާނުން ކަންކަން ފަހިކޮށްދިނުމުގައި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެކަމުގެ ޔަގީންކަން ދެއްވައިފައެވެ.

comment ކޮމެންޓް