ބަނގުލަދޭޝް އަތުން ހޯދި އުނދަގޫ މޮޅާއެކު ކުވައިތު ފައިނަލަށް

ސާފް ޗެމްޕިއަންޝިޕް 2023 ގެ ސެމީ ފައިނަލުގައި ކުވައިތާއި ބަންގުލަދޭޝް ބައްދަލުކުރި މެޗުގެ ތެރެއިން -- ސަން ފޮޓޯ/ އަބްދުﷲ އަބީދު

ސާފް ޗެމްޕިއަންޝިޕް 2023 ގައި ބަންގުލަދޭޝް އަތުން ހޯދި އުނދަގޫ މޮޅާއެކު ކުވައިތުން ފައިނަލުގެ ފުރަތަމަ ޖާގަ ހޯދައިފިއެވެ.

ކުވައިތުން ފައިނަލުގެ ޖާގައެއް ހޯދީ އިންޑިއާގެ ބެންގަލޫރުގެ ސްރީ ކަންތީރަވާ ސްޓޭޑިއަމްގައި މިއަދު މެންދުރުފަހު ކުޅުނު ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި 1-0 ގެ ނަތީޖާއަކުން ބަންގުލަދޭޝް ބަލިކޮށްގެންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ކުވައިތުން އެޓޭކިން ކުޅުމެއް ކުޅެމުންދިޔަ އިރު، ބަންގުލަދޭޝް އިން ފެނުނީ ވަރަށް ބޮޑަށް ފަހަތަށް ޖެހި ޑިފެންސިވް ކުޅުމެއް ކުޅެމުންދިޔަ ތަނެވެ. އެކަމާ ގުޅިގެން ކުވައިތަށް ގޯލު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކުރަން އުނދަގޫތަކަކާ ކުރިމަތިވެގެންދިޔައެވެ.

މެޗުގެ ފުރަތަމަ ދެ މިނެޓުގެ ތެރޭގައި ބަންގުލަދޭޝަށް ގޯލު ޖަހާނެ ވަރަށް ހުސް ފުރުސަތެއް ލިބިގެންދިޔައެވެ. ކައުންޓާ އެޓޭކެއްގައި ކުރިއަށް ގޮސް، ރާކިބް ހުސައިން އަރިމަތިން ނަގައިދިން ހުރަހަކުން، ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ ބަންގުލަދޭޝްގެ ޝެއިޚް މުރުސަލީން ފޮނުވާލި އެ ހަމަލާ އަމާޒުވީ ކުވައިތުގެ ކީޕަރު އަބްދުލް ރަހުމާން މަރުޒޫގާ ދިމާއަށެވެ.

އޭގެ ފަސް މިނެޓު ފަހުން ކުވައިތަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. މުބާރަކް އަލް ފަނީނީ ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، ކުވައިތުގެ ސަލްމާން މުހައްމަދު ބޮލުން ފޮނުވާލި އެ ހަމަލާ، ބަންގުލަދޭޝްގެ ޑިފެންޑަރުން ވަނީ ދިފާއުކޮށްފައެވެ.

މެޗުގެ 29 ވަނަ މިނެޓުގައި ކުވައިތަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ބޭރުން ލިބުނު ބޯޅައަކުން އަރިމަތިން ކުވައިތުގެ އީދް އަލް ރާޝިދީ ފޮނުވާލި ހަމަލާ، ބަންގުލަދޭޝްގެ ކީޕަރު އަނީސުރް ރަހުމާން ވަނީ މަތަކޮށްފައެވެ.

އޭގެ ދެ މިނެޓު ފަހުން ބަންގުލަދޭޝަށް ވެސް ގޯލު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ޝެއިޚް މުރުސަލީން ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، ބަންގުލަދޭޝްގެ ރާކިބް ހުސައިން ފޮނުވާލި ހަމަލާ އަމާޒުވީ ކުވައިތު ކީޕަރު އަބްދުލް ރަހުމާން މަރުޒޫގާ ދިމާއަށެވެ.

މެޗުގެ ފުރަތަމަ ހާފު ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް، ކުވައިތަށް ފުރުސަތެއް ލިބިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ބޭރުން ކުވައިތުގެ އީދް އަލް ރާޝިދީ ފޮނުވާލި އެ ހަމަލާ، ގޯލުގެ ތިރީ ކަނަކަށް އަމާޒުވާން ދަނިކޮށް، ބަންގުލަދޭޝް ކީޕަރު އަނީސުރް ރަހުމާން ވަނީ މަތަކޮށްފައެވެ. ފުރަތަމަ ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އެއްވަރުވެގެންނެވެ.

ސާފް ޗެމްޕިއަންޝިޕް 2023 ގެ ސެމީ ފައިނަލުގައި ކުވައިތާއި ބަންގުލަދޭޝް ބައްދަލުކުރި މެޗުގެ ތެރެއިން -- ސަން ފޮޓޯ/ އަބްދުﷲ އަބީދު

މެޗުގެ ދެވަނަ ހާފު ފެށިތާ ފަސް މިނެޓު ފަހުން ބަންގުލަދޭޝްގެ ނުރައްކަލެއް ފެނިގެންދިޔައެވެ. ކުވައިތުގެ ހާފުގެ މެދެއްހާ ހިސާބުން ބަންގުލަދޭޝްގެ ރާކިބް ހުސައިން ފޮނުވާލި ބާރު ހަަމަލާ ދިޔައީ ކުވައިތު ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށެވެ.

މެޗުގެ 61 ވަނަ މިނެޓުގައި ބަންގުލަދޭޝަށް އިތުރު ފުރުސަތެއް ލިބިގެންދިޔައެވެ. ކައުންޓާ އެޓޭކެއްގައި ޝެއިޚް މުރުސަލީން ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، ބަންގުލަދޭޝްގެ ރާކިބް ހުސައިން ފޮނުވާލި އެ ހަމަލާ އަމާޒުވީ ކުވައިތު ގޯލުގެ ހުރަސް ދަނޑިއަށެވެ.

މެޗުގެ 63 ވަނަ މިނެޓުގައި ކުވައިތަށް ކައިރިކައިރީގައި ދެ ފުރުސަތެއް ލިބިގެންދިޔައެވެ. ހިލޭ ޖެހުމަކުން ކުވައިތުގެ އަހްމަދު އަލް ދެފީރީ ފޮނުވާލި ހަމަލާ އަދި އީދް އަލް ރާޝިދީ ފޮނުވާލި ހަމަލާ ވެސް ބަންގުލަދޭޝްގެ ކީޕަރު އަނީސުރް ރަހުމާން ވަނީ މަތަކޮށްފައެވެ.

އޭގެ ފަހުން ވެސް ކުވައިތަށް ރަނގަޅު ތިން ފުރުސަތެއް ލިބިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ، ކުވައިތުގެ ޝަބައިބް އަލް ޚަލްދީ ފޮނުވާލި ހަމަލާ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށް ދިޔަ އިރު، ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ކުވައިތުގެ މުހައްމަދު އަބްދުﷲ ފޮނުވާލި ހަމަލާ، ބަންގުލަދޭޝްގެ ކީޕަރު އަނީސުރް ރަހުމާން ވަނީ މަތަކޮށްފައެވެ. އަދި ޕެނަލްޓީ އޭރިއާ ތެރެއިން ކުވައިތުގެ އީދް އަލް ރާޝިދީ ފޮނުވާލި ހަމަލާ ވެސް ޕަރު އަނީސުރް ރަހުމާން ވަނީ މަތަކޮށްފައެވެ.

ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި ވެސް ކުވައިތަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ކުވައިތުގެ މުހައްމަދު އަބްދުﷲ ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށެވެ. ދެވަނަ ހާފުގައި ވެސް ނަތީޖާ ނެރެވިފައިވުމުން ދެން ކުޅެން ޖެހުނީ އިތުރު ވަގުތުގެ ދެ ހާފެވެ.

އިތުރު ވަގުތުގެ ކުރީކޮޅުގައި ކުވައިތަށް ރަނގަޅު ދެ ފުރުސަތެއް ލިބިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ކުވައިތުގެ ޝަބައިބް އަލް ޚަލްދީ ފޮނުވާލި ހަމަލާ އަދި ޕެނަލްޓީ އޭރިއާ ބޭރުން އީދް އަލް ރާޝިދީ ފޮނުވާލި ހަމަލާ ވެސް ބަންގުލަދޭޝްގެ ކީޕަރު އަނީސުރް ރަހުމާން ވަނީ މަތަކޮށްފައެވެ.

އިތުރު ވަގުތުގެ ފުރަތަމަ ހާފު ނިމެނިކޮށް، ކުވައިތުން ވަނީ ގޯލެއް ޖަހައި ލީޑު ހޯދައިފައެވެ. ކުވައިތަށް އެ ގޯލު ކާމިޔާބުކޮށްދިނީ އަބްދުﷲ އަބްލޫޝީއެވެ. އޭނާ އެ ގޯލު ކާމިޔާބުކުރީ ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ، ބަންގުލަދޭޝް ގޯލުގެ ތިރީ ކަނަކަށް ބޯޅަ ފޮނުވާލައިގެންނެވެ.

އިތުރު ވަގުތުގެ ދެވަނަ ހާފުގައި ބަންގުލަދޭޝަށް ނަތީޖާ ހަމަހަމަކޮށްލުމަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ބިޝްވަނާންތު ގޯޝް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ބަންގުލަދޭޝްގެ ރާކިބް ހުސައިން ފޮނުވާލި ހަމަލާ، ކުވައިތުގެ ކީޕަރު އަބްދުލް ރަހުމާން މަރުޒޫގު ވަނީ ކުރިއަށް ނުކުމެ މަތަކޮށްފައެވެ.

ސެމީ ފައިނަލުގެ ދެވަނަ މެޗުގައި މިރޭ 7:00 ގައި އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ އިން ނުކުންނާނީ ލުބުނާނާ ދެކޮޅަށެވެ. އެ މެޗުން މޮޅުވާ ޓީމެއް އަންނަ އަންގާރަ ދުވަހު ކުޅޭ ފައިނަލުގައި ކުވައިތާ ދެކޮޅަށް ނުކުންނާނެއެވެ.

comment ކޮމެންޓް