ދެކުނު އިންޑިއާކަނޑަށް 6.0 މެގްނިޓިއުޑްގެ ބާރުމިނުގައި ބިންހެލުމެއް މިއަދު އަތުވެއްޖެއެވެ.
މި ބިންހެލުން އައިސްފައިވަނީ މާލެއާ 1748 ކިލޯ މީޓަރު ދުރުންނެވެ. ބިން ހެލުމާ ގުޅިގެން ރާއްޖޭގެ މޫސުމާ ބެހޭ އިދާރާ މެޓް އޮފީހުން ބުނީ، މި ބިންހެލުމާ ގުޅިގެން ރާއްޖެއަށް އެއްވެސް ނުރައްކަލެއް ނެތްކަމަށެވެ.
މި ފަހަކުން މެއިމަހު ދެކުނު ޕެސިފިކް ކަނޑުގެ ސަރަހައްދަށް ވަނީ 7.7 މެގްނިޓިއުޑްގެ ބާރުމިނުގެ ބިންހެލުމެއް އައިސްފައެވެ. ދޭތެރެއަކުން ރާއްޖެއާ މާ ދުރުނޫން ކަނޑުގެ ހިސާބުތަކަށް ބިންހެލުން އަންނައިރު، އާންމުކޮށް ބިންހެލުން އަންނަނީ ސްމަޓްރާ ހިސާބަށެވެ.
މިގޮތަށް އައި ބިން ހެލުމެއްގެ އަސަރު ރާއްޖެއަށް މިހާތަނަށް ކޮށްފައިވަނީ، 2004 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު އިންޑޮނޭޝިއާ ގެ ސުމަޓްރާ އަށް އެރި ބާރުގަދަ ބިންހެލުމާ ގުޅިގެންނެވެ. އެފަހަރު 9.1 މެގްނިޓިއުޑްގެ ބާރުމިނުގައި އައި ބިން ހެލުމާ ގުޅިގެން އިންޑިއާ ކަނޑުގައި އުފެދުނު ސުނާމީގެ ސަބަބުން ރާއްޖޭގެ ބައެއް ރަށްތަކަށް ރާޅުއަރައި ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. ސުނާމީގެ ސަބަބުން އެވަގުތު ރާއްޖޭގެ 14 ރަށަކުން މީހުން ހުސްކުރަން ޖެހުނެވެ.