ބ. މާޅޮހު ބަނދަރު މަރާމާތުކުރުމުގެ މަސައްކަތް ލަސްވެ ރައްޔިތުން ރަތަށް

ބ މާޅޮހު ބަނދަރު އަދުގެ ހާލަތު--- ސަން ފޮޓޯ/ ޢަބްދުﷲ ހުސައިން

ބ. މާޅޮހު ބަނދަރު ހަލާކުވެ، ބަނދަރު މަރާމާތުކުރުމަށް އާދޭސް ކުރާތާ 11 އަހަރަށްވުރެ ގިނަދުވަސް ވެއްޖެކަމަށް މާޅޮހު ކައުންސިލުން ބުނެފިއެވެ.

މާޅޮހުގެ ބަނދަރަކީ ބ. އަތޮޅުގައި މީހުން ދިރިއުޅެމުންދާ ރަށްތަކުގެ ތެރެއިން ބަނދަރުގެ ހާލަތު އެންމެ ދަށުގައި އޮތް ރަށްކަމަށް މާޅޮހުގެ ރައްޔިތުން ބުނެއެވެ. މާޅޮހު ބަނދަރުގެ އެއްގަމު ތޮއްޓާއި ބޭރު ތޮށިވެސް ވަނީ ވަރަށްބޮޑަށް ހަލާކުވެފައެވެ.

"ސަން" އާ ވާހަކަ ދައްކަވަމުން މާޅޮހު ކައުންސިލްގެ ރައީސް ޢަބްދުﷲ ސުޖާއު ވިދާޅުވީ، ބަނދަރުގެ މައްސަލައަކީ މިހާރު އެރަށު ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުން އޮތް މައްސަލަ ކަމަށާއި، ރަށުގެ ބަނދަރު މަރާމާތުކުރުމަށް ވޭތުވެދިޔަ 12 އަހަރުތެރޭގައި އެތައް މަސައްކަތްތަކެއް ކުރެވިފައިވާކަމަށެވެ.

ސުޖާއު ވިދާޅުވީ ބަނދަރު ހަލާކުވުމުގެ ސަބަބުން އަންނަ އުޅަނދުފަހަރުން މީހުން ފޭބުމާއި މުދާ ބޭލުމަށް ވަރަށްބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހޭކަމަށެވެ.

"އެއްގަމު ތޮށިގަނޑު މުޅިން ކަހަލަ ގޮތަކަށް އެވަނީ ހަލާކުވެފައި،" ސުޖާއު ވިދާޅުވިއެވެ.

ސުނާމީ ކާރިސާއަށްފަހު މާޅޮހު ބަނދަރު މަރާމާތުކުރުމުގެ މަސައްކަތް ރަށުގެ ރައްޔިތުން ކޮންމެ އަހަރަކުހެން ކުރަމުން އަންނައިރު، ރައްޔިތުން ނެރެގެން މަރާމާތު ކުރެވޭވަރަށްވުރެ ބޮޑަށް ބަނދަރު ހަލާކުވެފައިވާކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

ބ މާޅޮހު ބަނދަރު މަރާމާތުކުރުމުގެ މަސައްކަތް ރައްޔިތުން 2015 ވަނަ އަހަރުކުރަނީ --- ފޮޓޯ/ މާޅޮހު ކައުންސިލް

"ސަން"އަށް ލިބިފައިވާ މާޅޮހު ބަނދަރުގެ ފޮޓޯތަކަށް ބަލާއިރު، ބަނދަރުގެ އެއްގަމު ތޮށީގެ އެކި ހިސާބުތަކުން ވަނީ ވެލިގަނޑު ދަމައިގަނެ، ބޮޑެތި ފުން ވަޅުގަނޑުތައް ހެދިފައެވެ. އަދި އެއްގަމު ތޮށި ހަލާކުވެ ބައެއް ބައިތައް ވަނީ ބަނދަރުގެ ތެރެއަށް ފައިބާފައެވެ.

މާޅޮހުގެ ބަނދަރު މަރާމާތު ކުރުމަށް ސަރުކާރުން ވަނީ މިއަހަރުގެ މާޗްމަހުގެ އެއްވަނަ ދުވަހު އެމްޓީސީސީއާ ހަވާލުކޮށްފައެވެ. އޭގެ ފަހުން ތިން މަސްދުވަސް ނިމިގެންދިޔައިރު، އަދި ކުރިއަށްދަނީ ބަނދަރުހެދުމުގެ ކުރިން ހަދަންޖެހޭ ތިމާވެއްޓާ ބެހޭ ރިޕޯޓް ތައްޔާރުކުރުމުގެ މަސައްކަތެވެ.

ބ. އަތޮޅަކީ ރާއްޖޭގެ ނިސްބަތުން އެންމެ ގިނަ އަދަދަކަށް ޓެކްސް ދައްކާ އަތޮޅެވެ. ދައުލަތުގެ ޓެކްސް އިދާރާގެ ތަފާސްހިސާބުތަކަށް ބަލާއިރު، 2022 ވަނަ އަހަރު އެކަނިވެސް ބިމުކުލިން އެކަނިވެސް ބ. އަތޮޅުގެ ރަށްތަކުން 233 މިލިއަނަށްވުރެ ގިނަ ޑޮލަރު ދެއްކިއެވެ. މިއީ ދިވެހި ރުފިޔާއިން ބަލާނަމަ، 3.5 ބިލިއަނަށްވުރެ ގިނަ ރުފިޔާއެވެ.

ރާއްޖޭގެ ބައެއް ރަށްތަކުގެ ބަނދަރު ދެވަނަ ފަހަރަށް މަރާމާތު ކުރުމުގެ މަސައްކަތް އެކި ސަރުކާރުތަކުން ކޮށްފައިވާއިރު، ބ. އަތޮޅުގެ ބައެއް ރަށްތަކުގެ ބަނދަރުތައް މަރާމާތުކުރުމުގެ މަސައްކަތް ވަނީ ކޮށްފައެވެ. މީގެ ތެރޭގައި ތުޅާދޫ، ކިހާދޫ ދޮންފަނު އަދި ކުޑަރިކުލު ހިމެނެއެވެ.

މާޅޮހު ކައުންސިލްގެ ރައީސް ވިދާޅުވީ، ބ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކުން ދައުލަތަށް ޓެކްސް ދައްކާ ނިސްބަތަށް ބަލާއިރު، މާޅުހުން އެކަނިވެސް ޓީޖީއެސްޓީ އާއި ގްރީން ޓެކްސްގެ ގޮތުގައި ދައްކާ އަދަދު ކުޑަނުވާނޭކަމަށެވެ. ކަން އެހެން އޮތްއިރު، މާޅޮހު ބަނދަރު މަރާމާތުކުރުމުގެ މަސައްކަތް މިހާތަނަށްވެސް ނުކުރެވި އޮތުމަކީ އިންސާފެއް ނޫންކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ބ މާޅޮހު ބަނދަރުގެ ކަނޑުތޮށި މަރާމާތުކުރުމުގެ މަސައްކަތް ރައްޔިތުން ކުރަނީ--- ފޮޓޯ/ މާޅޮހު ކައުންސިލް

މާޅޮހު ބަނދަރަކީ 1999 ވަނަ އަހަރު އަމިއްލަ ފަރާތެއްގެ ދީލަތި އެހީއާއެކު ހަދާފައިވާ ބަނދަރެކެވެ. ބަނދަރު ހަލާކުވީ، 2004 ވަނަ އަހަރު ކުރިމަތިވި ސުނާމީ ކާރިސާގެ ސަބަބުންނެވެ. އެއަށްފަހު މާޅޮހުގެ ރައްޔިތުން އަންނަނީ އަހަރަކު އެއްފަހަރު ބަނދަރު މަރާމާތުކުރުމުގެ މަސައްކަތް ކުރަމުންނެވެ.

މާޅޮހުގެ ރައްޔިތުން ވޭތުވެދިޔަ އަހަރުތަކުގައި ނިކުމެ ބަނދަރު މަރާމާތުކުރުމުގެ މަސައްކަތް ނުކުރިނަމަ، މިއަދު އެ ފެންނަ ވަރަށްވެސް ބަނދަރު ނޯންނާނޭކަމަށް މާޅޮހު ކައުންސިލުން ބުނެއެވެ.

comment ކޮމެންޓް