އެންމެ މުހިންމު ކުޅުންތެރިޔާގެ ސަަސްޕެންޝަނާއެކު ކިންގްސް ޔުނައިޓެޑް ފައިނަލަށް

ދަރަވަންދޫ ފުޓްސަލް މެޗުގެ ތެރެއިން --

ލީގު ބުރުގެ އެއްވަނައާއެކު ސީދާ ފައިނަލުން ކިންގްސް ޔުނައިޓެޑް ޖާގަ ހޯދި ޖާގައާއެކު ޓީމުގެ އެންމެ މުހިއްމު އެއް ކުޅުންތެރިއާ މުހައްމަދު ރަޝްވާން (ރައްސެ) ފައިނަލް މެޗަށް ސަސްޕެންޑުކޮށްފިއެވެ.

ދަރަވަންދޫ ފުޓްސަލް ފިއެސްޓާގެ ލީގު ބުރުގެ ކުޅުން ރޭ ނިމިގެންދިޔައީ ކިންގްސް ޔުނައިޓެޑް ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ 13 ޕޮއިންޓާއެކު އެއްވަނައިގައެވެ.

ރޭގެ މެޗުގައި އެ ޓީމުގެ ކެޕްޓަން އަދި ގޯލް ކީޕަރު ރައްސެއަށް ވަނީ، ގޯލަށް ވަންނަށް ދިޔަ ބޯޅައެއްގައި ޕެނަލްޓީ އޭރިއާ ބޭރުން އަތްލުމުން ރަތްކާޑެއް ދައްކައި ދަނޑުން ފޮނުވައިލައިފައެވެ.

އެއާއެކު ކުރިއަށް އޮތް ފައިނަލް މެޗުގައި ނުކުޅެވޭ ގޮތަށް ކީޕަރު ރައްސެ ވަނީ ސަސްޕެންޑުވެފައެވެ.

ކިންގްސް ޔުނައިޓެޑާއި ނިއު ސްޕީޑް ބައްދަލުކުރި މި މެޗު ކިންގްސް ކާމިޔާބުކުރީ ފަސޭހަކަމާއެކު 11-3 ގޯލުންނެވެ.

ދަރަވަންދޫ ފުޓްސަލް މެޗުގެ ތެރެއިން --

މި މެޗުގައި ކިންގްސްއިން ޖެހި 11 ލަނޑުގެ ތެރެއިން ހަތް ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ސާމިޙް އަލީ ޝަރީފް (ސާމިއްޓޭ)އެވެ. މި މެޗުގައި ޖެހި ހަތް ލަނޑާއެކު ސާމިއްޓޭ ވަނީ މުބާރާތުގައި ޖުމްލަ 16 ލަނޑު ހަމަކޮށްފައެވެ.

އެހެންނަމަވެސް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިންގެ ލިސްޓުގެ އެންމެ ކުރީގައި މި ވަގުތު އޮތީ ރޭ ކުޅުނު ދެވަނަ މެޗުގައި ހެޓްރިކް ހެދި ފެލްކަން ޔުނައިޓެޑްގެ މުހައްމަދު ސިމާން (ޝިމަޅޭ)އެވެ.

މި މެޗުގައި ޝިމަޅޭ ޖެހި ތިން ލަނޑާއެކު އޭނާވަނީ މުބާރާތުގައި ޖުމްލަ 18 ލަނޑު ހަމަކޮށްފައެވެ. ފެލްކަން ޔުނައިޓެޑް ރޭގެ މެޗުގައި ބައްދަލުކުރީ ޔުނައިޓް މަލަންމަގާއެވެ. މި މެޗު ފެލްކަން ކާމިޔާބުކުރީ 8-2 ގޯލުންނެވެ.

މި ނަތީޖާއާއެކު ފެލްކަން ލީގު ބުރު ނިންމާލީ ތިން ވަނައިގައެވެ. އަދި މުބާރާތުގެ ސެމީފައިނަލުން ފެލްކަން ވަނީ ޖާގަ ހޯދައިފައެވެ.

ދަރަވަންދޫ ޒުވާނުންނަށް އަމާޒުކޮށް ކޮންމެ އަހަރަކުވެސް ދަރަވަންދޫ ކައުންސިލުން ބާއްވަމުންދާ މިމުބާރާތުގެ ޗެމްޕިއަން ޓީމަށް 20،000 ރުފިޔާ އަދި ދެވަނައަށްދާ ޓީމަކަށް 15،000 ރުފިޔާގެ ފައިސާގެ އިނާމެއް ރަށު ކައުންސިލްގެ ފަރާތުން ވަނީ ދިނުމަށް ނިންމާފައެވެ.

comment ކޮމެންޓް