ހައްޖަށް ގޮސް ގެއްލި ޚަބަރެއް ނުވާތާ ހަތަރު ދުވަސް، އަދިވެސް ނުފެނޭ!

މި އަހަރު ޙައްޖުގެ އަޅުކަން އަދާކުރަން ދިޔަ ދިވެއްސަކު ގެއްލި އޭނާ ހޯދަމުން އަންނަތާ ހަތަރު ދުވަސްވެފައިވީއިރު އަދިވެސް އޭނާގެ ޚަބަރެއް ނެތްކަމަށް އޭނާގެ އާއިލާއިން ބުނެފިއެވެ.

ގެއްލިގެން ހޯދަނީ އުމުރުން 71 އަހަރުގެ ރ. މާކުރަތު، މުހައްމަދު ނަސީމް އަލީއެވެ.

ނަސީމް ގެއްލިގެން ހޯދަމުން އަންނަނީ މިނާއިން ޢަރަފާތު ބިމަށް ދިއުމުގެ ކުރިންނެވެ.

އެ ކަން އެނގުމާއެކު އެ ކަމުގެ މައުލޫމާތު ރާއްޖޭގައި ހުރެ ހޯދަމުން އަންނަ ކަމަށް އޭނާގެ އައިލާގެ މީހަކު "ސަން"އަށް ކިޔައިދިނެވެ. ނަމަވެސް ތަފްސީލީ މައުލޫމާތެއް ނުލިބޭ ކަމަށް އޭނާ ބުންޏެވެ.

"އެކޮޅުން ބުނަނީ ހޯދަން ހަމަ ވަރަށް މަސައްކަތްކުރަމުންނޭ މި އަންނަނީ. އެ ކަމު އަދި ހަމަ އެއްވެސް ޚަބަރެއް ނެތް. އެހެންވީމާ އަޅުގަނޑު އެކޮޅުގައި ބުނެފިން ތަފްސީލީ ޖަވާބުތަކެއް ދޭށޭ،" އޭނާ ބުންޏެވެ.

އެހެންވެ މައްކާގައި ހުރި ރައްޓެއްސެއް މެދުވެރިކޮށް މައުލޫމާތު ހޯދުމުން، ރާއްޖޭގެ ހައްޖު މިޝަނުން މިހާރު އެ ކަން ކުރަމުން އަންނަކަން ވަނީ އެނގިފައި ކަމަށް އޭނާ ބުންޏެވެ.

އޭނާ ބުނީ މީގެ ކުރިން ވެސް ނަސީމް ދެ ފަހަރެއްގެ މަތިން ޙައްޖުގެ އަޅުކަން އަދާކުރުމުގެ ގޮތުން މައްކާއަށް ދިޔަކަމަށާއި އެއިން އެއްވެސް އިރަކު އެ ފަދަ މައްސަަލައެއް ދިމާވެފައިނުވާކަމަށެވެ.

ނަމަވެސް މިހާރު އުމުރުން ދުވަސްވެފައިވުމުން ހަނދާނުގެ މައްސަލަ ޖެހޭކަމަށާއި މިފަހަރު މި ހާދިސާ ކުރިމަތިވީ އެހެންވެކަމަށް ބެލެވޭކަމަށް އާއިލާއިން ބުންޏެވެ.

"އަނެއްހެން ބައްޕައަކީ އެކްޓިވްކޮށް ރަނގަޅަށް އުޅޭ މީހެއް. އަނެއްހެން ހަނދާނުގެ މައްސަލަ އެކަނި ހުންނާނީ،" ނަސީމްގެ ދަރިފުޅު ކިޔައިދިނެވެ.

ނަސީމް ޙައްޖަށް ފުރީ އަލް ޙަރަމައިން ޖަމާއަތުގެ ހަވާލުގައެވެ. އެ ޖަމާއަތުން ވެސް ނަސީމް ހޯދަން ކުރާ މަސައްކަތުގައި އަންނަނީ އެހީވަމުންނެވެ.

comment ކޮމެންޓް