މި އަހަރު ރާއްޖެއިން ހައްޖަށްދާ ހައްޖުވެރިންގެ ވައިގެ ދަތުރުތައް ހަމަޖެއްސުމަށް ދިވެހިރާއްޖޭގެ ޙައްޖު ކޯޕަރޭޝަނާއި ގައުމީ އެއާލައިން މޯލްޑިވިއަންއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ މިއަދު އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ކުރިއަށް ގެންދިޔަ ހާއްސަ ރަސްމިއްޔާތެއްގައެވެ.
މި އެއްބަސްވުމުގައި ހައްޖު ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލެވެ. އަދި މޯލްޑިވިއަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓާ އިބްރާހިމް އިޔާސްއެވެ.

ޙައްޖުވެރިންގެ ވައިގެ ދަތުރުތައް ހަމަޖެއްސުމަށް މޯލްޑިވިއަންއާއެކު އެއްބަސްވުމެއްގައި ސޮއިކުރުމުގެ ތެރެއިން -- ފޮޓޯ/ މިނިސްޓްރީ
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ވިދާޅުވީ، އަހަރުތަކެއް ފަހުން ދިވެހި ހައްޖާޖީން، ދިވެހިންގެ އަމިއްލަ އެއާލައިނެއްގައި ހައްޖަށް ދިއުމުގެ ފުރުސަތު ލިބުނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހިކުމަތްތެރި ސިޔާސަތުތަކުގެ ސަބަބުން، ޤައުމީ އެއާލައިނަށް އައިސްފައިވާ ބޮޑު ކުރިއެރުމުގެ ސަބަބުން ކަމަށެވެ.
މިކަން ހަޤީޤަތަކަށް ހެއްދެވުމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުހައްމަދު އަމީންގެ ފަރާތުން ލިބިލެއްވި އެހީތެރިކަމަށް ވަޒީރު ޝަހީމް ވަނީ ޝުކުރު އަދާކުރައްވާފައެވެ.
މިއަދު ސޮއިކުރެވުނު މި އެއްބަސްވުމުގެ ދަށުން މިއަހަރު ރާއްޖެއިން ޙައްޖަށް ދަތުރުކުރާ ހައްޖާޖީންގެ 50ޕަސަންޓު މީހުން އުފުލާނީ މޯލްޑިވިއަންއިންކަން އެ ކުންފުނިން ވަނީ ފާހަގަކޮށްފައެވެ.