ދިވެހިން އުމްރާއަށް ފޮނުވަން ކަމަށް ބުނެ އޮޅުވާލި މައްސަލައިގައި މަޝްއަރް ޕްރައިވެޓް ލިމިޓެޑް ކުންފުނީގެ ވެރިޔާ، އަލީ ފާރިޝްގެ މައްޗަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ޓެކުމާއި މަނީ ލޯންޑަރިންގެ ދައުވާކޮށްފިއެވެ.
ޕީޖީ އޮފީހުން މިއަދު ބުނީ މަޝްއަރު ޙައްޖު އެންޑް އުމްރާ ގްރޫފްއިން އުމްރާއަށް ގެންގޮސްދޭނެކަމަށް ބުނެ މީހުން އަތުން ފައިސާ ނަގައި އެ ފައިސާއަށް ޚިޔާނާތްތެރިވިކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ފާރިޝްގެ މައްޗަށް ދައުވާ ކުރަން މިއަދު ކްރިމިނަލް ކޯޓަށް ހުށަހަޅައިފައިވާ ކަމަށެވެ.
އޭގެ ތެރޭގައި ގާނޫނުލްއުގޫބާތުގެ ދަށުން ޓެކުމުގެ ކުށުގެ ހަ ދައުވާއެއް ހިމެނޭ ކަމަށް އެ އޮފީހުން ބުންޏެވެ.
ދައުވާތައް ކުރާ ސަބަބުގެ ގޮތުގައި ޕީޖީ އޮފީހުން ފާހަގަކޮށްފައިވަނީ، ފާރިޝްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ މަޝްއަރު ޕްރައިވެޓް ލިމިޓެޑްގެ ދަށުން ހިންގާ ގުރޫޕުން މިދިޔަ އަހަރު އުމްރާއަށް މީހުން ގެންގޮސް ދިނުމުގެ ހުއްދަ ލިބިފައިނުވަނީސް، އެކި މީހުން ގާތުގައި އެ ކުންފުނީގެ ފަރާތުން އުމްރާއަށް ގެންގޮސްދޭނެކަަމަށް ބުނެ، ދިވެހި ފައިސާއާއި އެމެރިކާ ޑޮލަރު ނެގުމަށްފަހު އެ މީހުން އުމްރާއަށް ގެންގޮސްދީފައިނުވާތީއާއި، އެ ފައިސާ އަނބުރައި ރައްދުކޮށްދީފައިނުވުމެވެ.
އެ ދައުވާތައް ކޮށްފައިވާނީ ފައިސާ ދެއްކި ވަކިވަކި މީހުންގެ ބައިތައް ވަކިންނެވެ. މީގެ ތެރޭގައި ގްރޫޕެއް ގޮތުގައި އުމްރާއަށް ދިއުމަށް ބޮޑެތި އަދަދުތަކުން ފައިސާ ދެއްކި މީހުން ހިމެނޭކަން ޕީޖީ އޮފީހުން ފާހަގަކުރިއެވެ.
އެ އޮފީހުން ބުނީ، ފާރިޝް 391،072 ރުފިޔާއާއި 8،100 އެމެރިކާ ޑޮލަރަށް، އެއީ ޖުމްލަ 515،812 ރުފިޔާއަށް، ޚިޔާނާތްތެރިވެފައިވާ ކަމަށް ތުހުމަތުވާ ކަމަށެވެ.
"މި ފައިސާ ދެއްކި ފަރާތްތަކަށް ވީ ގެއްލުމުގެ ބަދަލުގެ ގޮތުގައި އަލީ ފާރިޝް އަތުން މި ފައިސާ ނަގައިދިނުމަށް ދައުވާގައި އެދިފައިވާނެއެވެ." ޕީޖީން ބުންޏެވެ.
މީގެ އިތުރުން އޭނާގެ މައްޗަށްވަނީ މަނީ ލޯންޑްރިންގެ ދައުވާކޮށްފައެވެ.
އެ ދައުވާކުރާ ސަބަބަކީ އުމްރާއަށް ގެންދާނެ ކަމަށް ބުނެ އޮޅުވާލައި، ފައިސާއާއި އެމެރިކާ ޑޮލަރު ނެގުމަށްފަހު އެ ފައިސާ ޓެކުމަކުން އެމީހުން އަތުން ނިގުޅައިގަނެ، އެ ފައިސާ ފާރިޝްގެ އަމިއްލަ އެކައުންޓުތަކާއި އޭނާގެ ހިއްސާ އޮންނަ ޓްރިއާ ޕްރައިވެޓް ލިމިޓެޑާއި ހާފްޓަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ އިތުރުން އިތުރު ކުންފުނިތަކަށް ޖަމާކޮށް، އެ ފައިސާ ބޭނުންކޮށް ފައިސާ ލޯންޑާކޮށްފައިވާތީ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
ފާރިޝް ލޯންޑާކޮށްފައިވާކަމަށް ތުހުމަތުކުރެވެނީ ވެސް 515،812 ރުފިޔާއަށްވާ ފައިސާއެވެ.
ޕީޖީ އޮފީހުން ވަނީ މި މައްސަލައިގެ ތަހުގީގު އަދިވެސް ހިނގަމުންދާކަން ފާހަގަކޮށްފައެވެ. އެގޮތުން މަޝްއަރު ގުރޫޕުން މީހުން އުމްރާއަށް ގެންދިއުމަށް ފަހު، އެމީހުން ރާއްޖެ އައުމުގެ އިންތިޒާމު ހަމަޖައްސައިނުދީ، އެމީހުންގެ ފައިސާއަށް ޚިޔާނާތްތެރިވި ކަމުގެ ތަހުގީގު ނިންމައި އެ އޮފީހަށް ހުށަހެޅުމުން، އެ ތަހުގީގާ ގުޅުވައި ދައުވާކުރުމާމެދު ގޮތެއް ނިންމާނެ ކަމަށް ޕީޖީން ބުންޏެވެ.
މަޝްއަރު ޓުއާސްއިން ފޮނުވި ޗެކްތަކެއް ބައުންސްވި މައްސަލަ ފުލުހުން ތަހުގީގު ކުރުމަށް ފަހު، އެކުންފުންޏަށް ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ހުށަހެޅީ މިދިޔަ ޑިސެމްބަރު މަހުގެ ދެވަނަ ދުވަހުގައެވެ. އަދި އެ މައްސަލައިގައި ޚިޔާނާތުގެ ތުހުމަތު ވެސް ކޮށް ދައުވާކުރަން މިދިޔަ މަހުގެ 25ގައި ފޮނުވާފައިވެއެވެ.
މަޝްއަރު ގުރޫޕުން އުމްރާވެރިން ފޮނުވަން ކަމަށް ބުނެ ފޮނުވި ޗެކްތަކެއް ބައުންސް ވެފައިވާ މައްސަލަ ރިޕޯޓުކޮށްފައި ވަނީ މިދިޔަ އަހަރުގެ އޭޕްރިލް މަހުގެ 13ވަނަ ދުވަހުގައެވެ.
އެ ޗެކްތައް ބައުންސްވެގެން މަޝްއަރު ޓުއާސްގެ ފަރާތުން މިދިޔަ ރޯދަމަހު ޢުމްރާއަށް ގެންދިޔަ 48 ޢުމްރާވެރިން ސައުދީގައި ތާށިވިއެވެ. އެ މީހުން އުމްރާއަށް ދިޔައީ ދެކޮޅު ދަތުރަށް ފައިސާ ދެއްކުމަށް ފަހު ނަމަވެސް، ސައުދީގައި އެ މީހުން ތާށިވުމުން، އަމިއްލައަށް ޓިކެޓް ނަގަން މަޝްއަރު ގުރޫޕުން އެންގިއެވެ. އަދި ޓިކެޓަށް ޚަރަދުވާ ފައިސާ އަނބުރާ ދޭނެ ކަމަށް އެއިރު އެ ގުރޫޕުން ބުނެފައިވެއެވެ.