މަރުގެ އިންޒާރު ދިން މައްސަލައެއްގައި އަައްޑޫން މީހަކު ހައްޔަރުކޮށްފި

އައްޑޫ ސިޓީ، ހުޅުމީދޫ --

އައްޑޫ ސިޓީ ހުޅުމީދޫގައި މީހަކަށް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އުމުރުން 40 އަހަރުގެ އެ މީހާ ވަނީ ރަށުތެރޭގެ އަމަން ނަގާލަން އުޅުމުގެ ތުހުމަތުގައި މި މަހުގެ 27 ވަނަ ދުވަހު ހައްޔަރު ކުރުމަށްފަހު 24 ގަޑި އިރު ފަހުން ދޫކޮށްލާފައެވެ.

ދޫކޮށްލުމަށްފަހު އިއްޔެ ކޯޓު އަމުރެއްގެ ދަށުން އަލުން އޭނާ ހައްޔަރުކޮށްފައިވަނީ މީހަކަށް މަރުގެ އިންޒާރު ދީގެން ނެވެ.

ފުލުހުން އަންނަނީ މި ދެމައްސަލަ ވެސް އިތުރަށް ތަހުގީގު ކުރަމުންނެވެ.

މީހަކަށް މަރުގެ އިންޒާރު ދިނުމަކީ ގާނޫނުތައް ބުނާ ގޮތުން ޖަލު ހުކުމެއް އަންނަ ކުށެކެވެ.

ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގައި ބުނެފައި ވަނީ މީހެއްގެ ފުރާނައަށް ނުވަތަ ހަށިގަނޑަށް ނުވަތަ އާއިލާގެ މެންބަރަކަށް ނުވަތަ ތިމާގެ ބެލެވެރިކަމުގެ ދަށުގައިވާ މީހަކަށް ގެއްލުމެއް ދީފާނެކަމުގެ ބިރުދެއްކުން ނުވަތަ އިންޒާރުދިނުމަކީ ކުށެއް ކަމަށެވެ.

އެއީ ހަމަސް ދުވަހާއި 18 މަސް ދުވަހާއި ދެމެދުގެ ޖަލު ހުކުމެއް އަންނާނެ ކުށެކެވެ.

comment ކޮމެންޓް