ބ ތުޅާދޫގައި މިހާރު ހަދަމުންދާ 100 ރޯ ހައުސްގެ މަސައްކަތް ނިންމައި އަންނަ މަހުގެ 15 ގައި ސަރުކާރާ ހަވާލުކުރާނޭކަމަށް ތުޅާދޫ ކައުންސިލުން ބުނެފިއެވެ.
ސަން އާ ވާހަކަދައްކަވަމުން ތުޅާދޫ ކައުންސިލްގެ މެމްބަރު އިސްމާއީލް ދާއޫދު ވިދާޅުވީ، މިހާރު ހަމަޖެހިފައިވާގޮތުން، 100 ގޭގެ މަސައްކަތް ނިންމައި ކުރިއަށްއޮތް ޖުލައި މަހުގެ 15 ގައި ހައުސިން މިނިސްޓްރީއާ ހަވާލުކުރާނެ ކަމަށެވެ. އޭނާ ވިދާޅުވީ މިހާރު ކުރިއަށް ދަނީ ރޯހައުސްތަކުގެ ފިނިޝިން މަސައްކަތްތައް ކަމަށެވެ. މިގޮތުން މިހާރު ކުރިއަށްދަނީ ކުލަލުމުގެ މަސައްކަތްކަން ވެސް އޭނާ ފާހަގަކުރިއެވެ.
ތުޅާދޫ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ސަރުކާރުން، އެރަށުގެ ހިއްކި ބިމުގައި ހަދަމުންދާ މި 100 ގޭގެ މަސައްކަތް ކުރިއަށްގެންދަނީ އަމިއްލަ ކުންފުންޏެއް ކަމަށްވާ ފްލެކްސް އިންކް ޕްރައިވެޓް ލިމިޓެޑުންނެވެ.

ތުޅާދޫގައި މިހާރު ނިންމުމަށް މަސައްކަތް ކުރަމުންދާ 100 ރޯ ހައުސްގެ ތެރޭގައި ހިމެނޭ ގެއެއް--- ސަން ފޮޓޯ/ ޢަބްދުﷲ ހުސައިން
ހައުސިން މިނިސްޓްރީން ވަނީ މީގެކުރިން މި 100 ރޯހައުސްގެ މަސައްކަތް ނިންމުމަށް ތަފާތު އެކި ފަހަރުމަތިން މަސައްކަތް ކޮށްފައެވެ. ނަމަވެސް ތަފާތުއެކި ސަބަބުތަކާއި ހެދި ކުރިން ބުނި ތާރީހުތަކަށް ނުނިމި މަސައްކަތް ވަނީ ދިގުލައިގެން ގޮސްފައެވެ.
ޕްރިސިޝަން އިންޖީނިއަރިން ސާވިސަސްއާއި ފްލްކްސްއިންކް ޕްރައިވެޓް ލިމިޑެޓްގެ ޖޮއިންޓް ވެންޗާ ކުންފުންޏާ 79.6 މިލިއަން ރުފިޔާއަށް މި މަސައްކަތް ހަވާލުކޮށްފައިވަނީ 2019 ވަނަ އަހަރުގެ ޖުލައި މަހުގެ 10ވަނަ ދުވަހުއެވެ. މި މަސައްކަތް ނިންމުމަށް 363 ދުވަސް ދީފައިވާއިރު، މަސައްކަތް ނިންމުމަށް ދިން މުއްދަތު ހަމަވެ، އިތުރަށް ތިން އަހަރުވާން އޮތީ ކުޑަ ދުވަސްކޮޅެކެވެ.
ތުޅާދޫގައި މިހާރު އިމާރާތްކުރަމުންދާ ރޯހައުސްތަކުގެ ބޮޑުމިނަކީ 1،100 އަކަފޫޓެވެ. މިއިން ކޮންމެ ރޯހައުސްއެއްގައި ތިން ކޮޓަރި، ތިން ފާހާނާ، ސިޓިންރޫމް، ބަދިގެ އަދި ސްޓޯރޫމްގެ އިތުރުން ލޯންޑްރީ ހިމެނެއެވެ.
ތުޅާދޫގައި މީގެ ކުރިންވެސް ވަނީ 100 ރޯހައުސް އިމާރާތް ކުރުމުގެ މަސައްކަތް ކުރިއަށްގެންގޮސްފައެވެ. މިއީ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި އެޅުމަށް ހަވާލުކުރި މަޝްރޫޢުއެކެވެ.

ތުޅާދޫގައި ކުރިން އެޅި 50 ރޯހައުސް--- ސަން ފޮޓޯ/ ޢަބްދުﷲ ހުސައިން
ނަމަވެސް އޭގެ ތެރެއިން މަސައްކަތް ނިންމައި ރައްޔިތުން ދިރިއުޅުމަށް ދޫކޮށްފައިވަނީ 50 ގެ އެވެ. އަނެއް 50 ގޭގެ ފައުންޑޭޝަން އެޅިގޮތަށް އެތައް އަހަރެއް ވެގެންދިޔައިރުވެސް އެތަން އަދިވެސް އޮތީ ހަމަ އެގޮތަށެވެ.

ރައީސް ނަޝީދުގެ ވެރިކަމުގައި އެޅުމަށް ނިންމި 100 ރޯހައުސްގެ ތެރެއިން 50 ގޭގެ ފައުންޑޭޝަން އެޅިގޮތަށް ބަހައްޓާފައި--- ސަން ފޮޓޯ/ ޢަބްދުﷲ ހުސައިން
އާބާދީގައި 3072 މީހުން ދިރިއުޅެމުންދާ ތުޅާދޫއަކީ ގޯތިގެދޮރުގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވެފައިވާ ރަށެކެވެ. މިހާރު ނިމެން ކައިރިވެފައިވާ 100 ރޯ ހައުސް ރައްޔިތުން ދިރިއުޅުމަށް ދޫކުރި ނަމަވެސް އެއީ އެންމެ އެކަށީގެންވާ އަދަދެއް ނޫންކަމަށް ތުޅާދޫ ކައުންސިލްގެ ރައީސް އިބްރާހީމް އާދިލް ވަނީ ވިދާޅުވެފައެވެ.
މީގެކުރިން ސަންއާ ވާހަކަދައްކަވަމުން އާދިލް ވިދާޅުވެފައިވަނީ، އެއްޗެއް ނެތުމަށް ވުރެ 100 ގެ ރަނގަޅުކަމަށެވެ. ދިރިއުޅޭނޭ ގޯތި ހޯދުމަށް އެއަށްވުރެ ގިނަ މީހުން އެބަތިބިކަމަށް އާދިލް ވަނީ ވިދާޅުވެފައެވެ.
ތުޅާދޫއަކީ ރާއްޖޭގައި އެންމެ ފުރަތަމަ ބޯހިޔާވަހިކަމުގެ މަޝްރޫޢުއަށް ބިންހިއްކަން ފެށި އެއް ރަށެވެ. މިރަށުގެ ބިން ހިއްކަން ފަށާފައިވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައެވެ.