ރެކޯޑަކާއެކު ރާއްޖެ ކަޓައިފި، ބަންގުލަދޭޝް ސެމީއަށް

ސާފް ޗެމްޕިއަންޝިޕް 2023 ގައި ބޫޓާނާއި ބަންގުލަދޭޝް ބައްދަލުކުރި މެޗުގެ ތެރެއިން -- ސަން ފޮޓޯ/ އަބްދުﷲ އަބީދު

ސާފް ޗެމްޕިއަންޝިޕް 2023 ގައި ބޫޓާން ބަލިކޮށް، ބަންގުލަދޭޝް އިން ސެމީ ފައިނަލުގެ ޖާގައެއް ހޯދައިފިއެވެ.

އިންޑިއާގެ ބެންގަލޫރުގެ ސްރީ ކަންތީރަވާ ސްޓޭޑިއަމްގައި މިރޭ ކުޅުނު "ގްރޫޕު ބީ"ގެ ފަހު މެޗުގައި ބޫޓާންގެ މައްޗަށް ބަންގުލަދޭޝް އިން ކުރި ހޯދީ 3-1 ގެ ނަތީޖާއަކުންނެވެ.

އެ މެޗު ވެގެންދިޔައީ ރާއްޖެއިން ވަރަށް ބޮޑަށް ބަރޯސާވި މެޗަކަށެވެ. އެއީ ރާއްޖެއަށް ސެމީ ފައިނަލުގެ ފުރުސަތު އޮތީ ބޫޓާނުން ދެ ގޯލުގެ ލީޑަކާއެކު ބަންގުލަދޭޝް ބަލިކޮށްގެން ކަމަށްވާތީއެވެ.

އެ ނަތީޖާއާއެކު ހަ ޕޮއިންޓް ހޯދައިގެން "ގްރޫޕު ބީ"ގެ ދެވަނައިގެ ގޮތުގައި ބަންގުލަދޭޝަށް ސެމީގެ ޖާގައެއް ލިބިފައިވާ އިރު، ރާއްޖެ ވަނީ މުބާރާތުން ކަޓައިފައެވެ. މިއީ ސާފް ޗެމްޕިއަންޝިޕްގެ ދިގު ތާރީހުގައި ގްރޫޕު ސްޓޭޖުން ރާއްޖެ ކެޓި ފުރަތަމަ ފަހަރެވެ.

ފުރަތަމަ ހާފުގެ ކުރީކޮޅުގައި ބޫޓާންގެ ފަރާތުން ވަރުގަދަ ކުޅުމެއް ފެނިގެންދިޔަ އިރު، ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ވެސް ތަނަވަސްކުރިއެވެ. އޭގެ ތެރެއިން މެޗުގެ ނުވަވަނަ މިނެޓުގައި ބޫޓާންގެ ޝެރުބް ޑޯޖީ ފޮނުވާލި ހަމަލާއެއް ފާހަގަކޮށްލެވެއެވެ. ޕެނަލްޓީ އޭރިއާ ތެރެއިން އޭނާ ފޮނުވާލި ހަމަލާ، ބަންގުލަދޭޝްގެ ކީޕަރު އަނީސުރް ރަހުމާން ވަނީ މަތަކޮށްފައެވެ.

ސާފް ޗެމްޕިއަންޝިޕް 2023 ގައި ބޫޓާނާއި ބަންގުލަދޭޝް ބައްދަލުކުރި މެޗުގެ ތެރެއިން -- ސަން ފޮޓޯ/ އަބްދުﷲ އަބީދު

މެޗުގެ 12 ވަނަ މިނެޓުގައި ބޫޓާނުން ވަނީ ގޯލެއް ޖަހައި ލީޑު ހޯދައިފައެވެ. ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ހަމަލާއެއް ބަންގުލަދޭޝްގެ ގޯލުގެ މަތީ ކަނަކަށް އަމާޒުކޮށްލައިގެން ބޫޓާނަށް އެ ގޯލު ކާމިޔާބުކޮށްދިނީ ސެންޑާ ޑޯޖީއެވެ.

ބޫޓާނުން ލީޑު ހޯދުމާއެކު ކުޅުން ރަނގަޅުކޮށް، ބަންގުލަދޭޝް އިން ވަނީ މެޗުގެ 21 ވަނަ މިނެޓުގައި ގޯލެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުން ބަންގުލަދޭޝަށް އެ ގޯލު ކާމިޔާބުކޮށްދިނީ ޝެއިޚް މޯސަލިންއެވެ. މޯސަލިންގެ ބޯޅަ ދިފާއުކުރުމަށް ބޫޓާން ކީޕަރު ޔެލްޓްޝެން ޒަންގްޕޯއަށް ފުރުސަތު އޮތް ނަމަވެސް، އެ ބޯޅަ ގޯލަށް ވަދެފައިވަނީ އޭނާގެ ބޯ މަތިންނެވެ.

މެޗުގެ 32 ވަނަ މިނެޓުގައި ބަންގުލަދޭޝް އިން ވަނީ އިތުރު ގޯލެއް ޖަހައި ލީޑު ހޯދައިފައެވެ. ޝެއިޚް މޯސަލިން ނަގައިދިން ހުރަސް، ޕެނަލްޓީ އޭރިއާ ތެރެއިން ބަންގުލަދޭޝްގެ ރާކިބް ހުސައިން ޖައްސާލުމާއެކު އެ ބޯޅަ ބޫޓާންގެ ގޯލުގެ ތެރެއަށް ވަދެފައިވަނީ އެ ޓީމުގެ ޑިފެންޑަރު ފުންޓްސޯ ޖިގްމޭ އަތުން ބައިކޮޅަށެވެ.

އޭގެ ހަތަރު މިނެޓު ތެރޭ ބަންގުލަދޭޝް އިން ވަނީ ލީޑު ފުޅާކޮށްފައެވެ. ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ފޮނުވާލި ހަމަލާއަކުން ބަންގުލަދޭޝަށް އެ ގޯލު ކާމިޔާބުކޮށްދިނީ ރާކިބް ހުސައިންއެވެ.

ސާފް ޗެމްޕިއަންޝިޕް 2023 ގައި ބޫޓާނާއި ބަންގުލަދޭޝް ބައްދަލުކުރި މެޗުގެ ތެރެއިން -- ސަން ފޮޓޯ/ އަބްދުﷲ އަބީދު

މެޗުގެ ދެވަނަ ހާފުގައި ދެ ޓީމުގެ ފަރާތުން ފެނިގެންދިޔައީ ދާދި ހަމަހަމަ ކުޅުމެކެވެ. ބަންގުލަދޭޝް އިން ލީޑުގައި ހިފަހައްޓާލުމަށް މަސައްކަތްތަކެއް ކުރި އިރު، ބޫޓާނުން މަސައްކަތްކުރީ ލީޑު ހަނިކުރުމަށް ފުރުސަތުތަކުގެ ބޭނުން ހިފުމަށެވެ.

ދެވަނަ ހާފުގައި ގިނަ ފުރުސަތުތަކެއް ތަނަވަސްކުރެވިފައި ވަނީވެސް ބޫޓާނަށެވެ. އެގޮތުން ބޫޓާންގެ ޓެންޒިން ނޯބޫ އާއި ސެންޑާ ޑޯޖީއަށް ލިބުނު ފުރުސަތެއް ފާހަގަކޮށްލެވެއެވެ. އެ ދެ ހަމަލާ ވެސް ބަންގުލަދޭޝްގެ ގޯލާ އަމާުވެފައެއް ނުވެއެވެ.

މުބާރާތުގެ ސެމީ ފައިނަލުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުއެވެ. އެ ދުވަހުގެ މެންދުރުފަހު 2:30 ގައި ކުޅޭ ސެމީގެ ފުރަތަމަ މެޗުގައި ކުވައިތާއި ބަންގުލަދޭޝް ބައްދަލުކުރާ އިރު، އެ ދުވަހުގެ ރޭ 7:00 ގައި ކުޅޭ ސެމީގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ އާއި ލުބުނާނެވެ.

comment ކޮމެންޓް