ސާފް ޗެމްޕިއަންޝިޕްގެ ތާރީހުގައި އެންމެ ގިނަ ގޯލު ޖަހައިގެން ރާއްޖޭގެ އަލީ އަޝްފާގު (ދަގަނޑޭ) ހަދާފައިވާ ރެކޯޑާ، އިންޑިއާ ކެޕްޓަން ސުނިލް ޗެތުރީ އަރައި ހަމަކޮށްފިއެވެ.
މިހާތަނަށް ޗެތުރީ ވަނީ ސާފް ޗެމްޕިއަންޝިޕްގައި 23 ގޯލު ކާމިޔާބުކޮށްފައެވެ. ދަގަނޑޭ ވެސް އެ އަދަދަށް ގޯލު ޖަހާފައިވާ އިރު، އިންޑިއާގެ ބެންގަލޫރުގައި ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕްގައި އަނިޔާގެ ސަބަބުން އޭނާ ނުކުޅެއެވެ.
ދަގަނޑޭގެ ރެކޯޑާ ޗެތުރީ އަރައި ހަމަކޮށްފައިވަނީ ސާފް ޗެމްޕިއަންޝިޕް 2023 ގެ "ގްރޫޕު އޭ"ގެ ފަހު މެޗުގައި ކުވައިތު ކޮޅަށް ޖެހި ގޯލާއެކުއެވެ. އެއްވަރުވެގެން ނިމިގެންދިޔަ އެ މެޗުގައި ޗެތުރީ ޖެހި އެ ގޯލަކީ މިފަހަރުގެ މުބާރާތުގައި އޭނާ ޖެހި ފަސްވަނަ ގޯލެވެ. އޭގެ ތެރެއިން ދެ ގޯލު ޖަހާފައިވަނީ ޕާކިސްތާން ކޮޅަށެވެ. އަދި ކުވައިތުގެ އިތުރުން ޗެތުރީގެ ދެން ގޯލު ޖަހާފައިވަނީ ނޭޕާލާ ދެކޮޅަށް ކުޅުނު މެޗުގައެވެ.
ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ ދަގަނޑޭ އެންމެ ފަހުން ކުޅުނު ސާފް ޗެމްޕިއަންޝިޕަކީ 2021 ވަނަ އަހަރު ރާއްޖޭގައި ބޭއްވި ސާފް ޗެމްޕިއަންޝިޕެވެ. އެ މުބާރާތުގައި ދަގަނޑޭ ވަނީ ތިން ގޯލު ޖަހައިފައެވެ. އޭގެ ތެރޭގައި އިންޑިއާ ކޮޅަށް ވެސް ދަގަނޑޭ ގޯލެއް ޖެހިއެވެ. ނަމަވެސް އެ މެޗު ނިމިގެންދިޔައީ 3-1 ގެ ނަތީޖާއަކުން އިންޑިއާ އަތުން ރާއްޖެ ބަލިވެގެންނެވެ.
ޗެތުރީ އަކީ އިންޑިއާ ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖަހައިދިން ކުޅުންތެރިޔާގެ އިތުރުން އެންމެ ގިނަ މެޗު ކުޅެދިން ކުޅުންތެރިޔާއެވެ. މިހާތަނަށް އިންޑިއާއަށް ޗެތުރީ ކުޅުނު 140 މެޗުން އޭނާ ވަނީ 92 ގޯލު ކާމިޔާބުކޮށްފައެވެ.
މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ގްރޫޕު ސްޓޭޖު އިންޑިއާ އިން ނިންމާލީ ހަތް ޕޮއިންޓާއެކު ގްރޫޕުގެ ދެވަނަ ހޯދައިގެންނެވެ. "ގްރޫޕު އޭ" އިން އެއްވަނަ ހޯދީ ކުވައިތެވެ. ސެމީ ފައިނަލުގައި އިންޑިއާ ނުކުންނަން ޖެހޭ ޓީމެއް އެނގޭނީ މާދަމާ ކުޅޭ "ގްރޫޕު ބީ"ގެ ފަހު މެޗުތަކަށްފަހުއެވެ.
މިވަގުތު "ގްރޫޕު ބީ"ގެ އެއްވަނައިގައި އޮތީ ކުޅުނު ދެ މެޗުން ވެސް މޮޅުވެ، ހަ ޕޮއިންޓް ހޯދާފައިވާ ލުބުނާނެވެ. ދެން ހިމެނޭ ބަންގުލަދޭޝް އާއި ރާއްޖެއަށް، ކޮންމެ ޓީމަކަށް ދެ މެޗުން ލިބިފައިވަނީ ތިން ޕޮއިންޓެވެ. އަދި ގްރޫޕުގެ ފުލުގައި އޮތް ބޫޓާނަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.
މާދަމާ ހަވީރު 3:00 ގައި ކުޅޭ މެޗުގައި ރާއްޖެއިން ނުކުންނާނީ ވަރުގަދަ ލުބުނާނާ ދެކޮޅަށެވެ. އަދި މާދަމާ ރޭ 7:00 ގައި ކުޅޭ މެޗުގައި ބަންގުލަދޭޝް ނުކުންނާނީ ބޫޓާނާ ދެކޮޅަށެވެ.