އަޟްޙާ ޢީދުގެ މުނާސަބަތުގައި ހުރިހާ ދިވެހީންނަށް ތަހުނިޔާ ފޮނުއްވައި އިސްލާމީ އުސޫލުތަކުގެ ތެރެއިން އުފާފާޅު ކުރެއްވުމަށް އެމްޑީއޭގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް މުހައްމަދު އެދިވަޑައިގެންފިއެވެ.
އަޟްޙާ ޢީދުގެ މުނާސަބަތުގައި ސިޔާމު ދެއްވި ޚިތާބުގައި ވަނީ އެންމެހައި މުސްލިމު އަޚުންނާއި، އުޚްތުންނަށް މަބްރޫރު ހައްޖެއް މިންވަރު ކުރެއްވުންއެދި ﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވާފައެވެ.
އަޟްޙާ ޢީދަކީ ޙައްޖުގެ އަޅުކަމާ، ގުޅިގެން އަޅުގަނޑުމެންނަށް އަންނަ މުނާސަބާއެއް ކަމުގައި ވީހިނދު، ޙައްޖުގެ މަތިވެރި އަޅުކަމުން ލިބިދޭ ފިލާވަޅުތަކުން ޢިބްރަތް ހާސިލުކުރުމަކީ މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވަކިން ޚާއްޞަކޮށް، އިސްލާމްދީނަކީ އެއްބައިވަންތަކަމަށް ބާރުއަޅާ، އަދި ހުރިހާ ކަމެއްގައިވެސް ހަމަހަމަކަމަށް އިސްކަންދޭ ދީނެއްކަން ސާބިތުވެފައިވާ ކަމަށް ވެސް ވިދާޅުވިއެވެ. އެހެންކަމުން، ދިރިއުޅުމުގައިވެސް އެ އުޞޫލުތައް ހިފެއްޓުމަށް އޭނާ ވަނީ އިލްތިމާސް ކުރައްވާފައެވެ.
"ޢީދުގެ އުފާފާޅުކުރުމުގައި އިސްލާމް ދީނުގެ އުޞޫލުތަކާއި، މުޖްތަމަޢުގެ އަޚްލާޤީ ހަމަތަކުން ބޭރުނުވުމަށް އެންމެހައި ފަރާތްތަކަށް އަޅުގަނޑު އިލްތިމާސް ކުރަމެވެ," ސިޔާމް ދެއްވި ޚިތާބުގައި ވިދާޅުވެފައިވެއެވެ.
ޢީދުގެ އުފާފާޅުކުރުމުގައި މުޖްތަމަޢުގެ ހުރިހާ ފަރާތްތަކެއް ބައިވެރިކޮށްގެން ކުރިއަށްގެންދިއުމަށް ގޮވާލައި އޭނާ ވިދާޅުވީ ޢީދަކީ އަޅާލުމާއި، އޯގާތެރިކަން އިސްކުރުމުގެ ފުރުޞަތެއް ކަމުގައި ވީހިނދު، ލިބިފައިމިވާ ފުރުޞަތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަކީ މުހިންމު ކަމެއް ކަމަށެވެ.
އަޟްޙާ ޢީދުގެ ދުވަސްތަކަކީ، ދިވެހިންނަށް އަދި މުޅި އިސްލާމީ އުންމަތަށް ހުރިހާ ގޮތަކުންވެސް އުފާވެރިކަމާއި، ފާގަތިކަން ގެނެސްދޭނެ ދުވަސްތަކެއް ކަމުގައި ލެއްވުން އެދި މާތްﷲ ގެ ޙަޟްރަތުގައި ވަނީ ދުޢާ ދަންނަވާފައެވެ.