ކްރޮއޭޝިއާ މިޑްފީލްޑަރު ލޫކާ މޮޑްރިޗް ރެއާލް މެޑްރިޑާއެކު ހަދާފައިވާ ކޮންޓްރެކްޓް އާކޮށްފިއެވެ.
ރެއާލާއެކު މޮޑްރިޗް ހަދާފައިވާ ކޮންޓްރެކްޓް އާކޮށްފައިވަނީ އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އެއާއެކު ޖަރުމަން މިޑްފީލްޑަރު ޓޯނީ ކްރޫސްއާއެކު އިތުރު ސީޒަނެއްގައި ރެއާލުން މޮޑްރިޗް ވެސް ފެނިގެންދާނެއެވެ.
ޓޮޓެންހަމް ހޮޓްސްޕާއަށް ކުޅުމަށްފަހު، ރެއާލްއާ މޮޑްރިޗް ގުޅުނީ 2012 ވަނަ އަހަރުއެވެ. އެއަށްފަހު އޭނާ ރެއާލާއެކު 20 ތަށި ހޯދާފައިވާ އިރު، އޭގެ ތެރޭގައި ފަސް ޗެމްޕިއަންސް ލީގު ހިމެނެއެވެ. މޮޑްރިޗްގެ ކޮންޓްރެކްޓް އާކޮށްފައިމިވަނީ ސައުދީ އަރަބިއާގެ އަލް ހިލާލުން ވެސް އޭނާ ހޯދުމަށް މަސައްކަތްކުރަމުން ދަނިކޮށެވެ.
އަންނަ ސީޒަނުގައި ރެއާލްގެ މިޑްފީލްޑްގެ ވާދަވެރިކަން ވަރަށް ބޮޑަށް ފެނިގެންދާނެއެވެ. ބޮރޫޝިއާ ޑޯޓްމަންޑްގެ އިނގިރޭސި މިޑްފީލްޑަރު ޖޫޑް ބެލިންހަމް ވެސް ވަނީ ރެއާލްއާ ގުޅިފައެވެ. މޮޑްރިޗް އާއި ކްރޫސް އާއި ބެލިންހަމްގެ އިތުރުން ރެއާލްގެ މިޑްފީލްޑުން ފްރާންސް މިޑްފީލްޑަރު އޮރެލިއަން ޗުއަމެނީ އާއި އެޑުއާޑޯ ކަމަވިންގާ އަދި އުރުގުއާއީ މިޑްފީލްޑަރު ފެޑޭ ވަލްވާޑޭ ވެސް ހިމެނެއެވެ.
މިސީޒަން ވެގެން ގޮސްފައިވަނީ ރެއާލަށް ކާމިޔާބު ސީޒަނަކަށް ނޫނެވެ. ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި މެންޗެސްޓާ ސިޓީ އަތުން ބަލިވި އިރު، ރެއާލުން ސްޕެނިޝް ލަލީގާ ނިންމާލީ ދެވަނައިގައެވެ.