ސަރުކާރުގެ ސިޔާސަތަކީ މާލޭ ސަރަހައްދުން ގޯއްޗަށް ޝަރުތު ހަމަވާ އެންމެންނަށް ގޯތި ދޫކުރުން ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެއެވެ.
މާލޭ ސަރަހައްދުން ސަރުކާރުން ދޫކުރާ 5،000 ގޯއްޗަށް ޝަރުތު ހަމަވީ މީހުންގެ ލިސްޓު އާންމު ކުރުމަށް ރައީސް އޮފީހުގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ވިދާޅުވީ، 5،000 ގޯއްޗަށް އެދި ކުރިމަތިލާފައިވާ މީހުންގެ ތެރެއިން ޝަރުތު ހަމަވާ އެންމެންނަށް ގޯތި ދޭން ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ނިންމަވާފައިވާ ކަމަށެވެ.
އަސްލަމް ވިދާޅުވީ، ބިންވެރިޔާ ސްކީމުގެ ދަށުން މާލޭ ސަރަހައްދުން ގޯއްޗަށް އެދި ހުށަހެޅި މީހުންގެ ތެރެއިން ޝަރުތު ހަމަވާ މީހުންގެ ވަގުތީ ލިސްޓު މިއަދު އާންމު ކުރާނެ ކަމަށެވެ. އަދި، ގެދޮރުވެރިން ޕޯޓަލްއިން ޑިސްކޮލިފައިވީ މީހުންނާއި ސަބަބު ވެސް ފެންނަން ހުންނާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ބިންވެރިޔާ ސްކީމްގެ ދަށުން ގޯއްޗަށް 15،164 ފޯމު ހުށަހެޅިއެވެ. އެއީ، 23،801 މީހުންނެވެ. އޭގެ ތެރެއިން، 12،794 ފޯމު ނުވަތަ 19،857 މީހުންގެ ޝަރުތު ހަމަވެއެވެ.
އެހެންވެ، ސަރުކާރުން ޖުމްލަ 12،794 ގޯތި ދޭން ވަނީ ނިންމައިފައެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް --- ފޮޓޯ: ރައީސް އޮފީސް
މިނިސްޓަރު ވިދާޅުވީ، މި ވަގުތަށް 5،000 ގޯތި ދޭން އިއުލާނު ކުރި ނަމަވެސް ސަރުކާރުގެ ސިޔާސަތަކީ ގޯއްޗަށް އެދި ހުށަހެޅި މީހުންގެ ތެރެއިން ޝަރުތު ހަމަވާ އެންމެންނަށް ގޯތި ދޫކުރުން ކަމަށެވެ.
"ސަރުކާރުން ނިންމާފައިވަނީ މި ޕްރޮގްރާމަށް ކޮލިފައިވީ ހުރިހާ ފަރާތްތަކަކަށް ގޯތި ދިނުމަށް، ސަރުކާރުގެ ސިޔާސަތެއް ގޮތުގައި ކަނޑައަޅައިގެން ކުރިއަށް ދާނީއޭ. އެހެންނަމަވެސް ފުރަތަމަ އިއުލާނު ކުރެއްވި 5،000 ގޯތީގެ ލިސްޓު މިއަދު ފެނިވަޑައިގަންނަވާނެ،" މިނިސްޓަރު ވިދާޅުވިއެވެ.
"ސަރުކާރުގެ ސިޔާސަތެއް އެބައޮތް، މި ލިސްޓު ލައިވް ލިސްޓެއްގެ ގޮތުގައި ބާއްވައިގެން ބާކީ ތިބި ފަރާތްތަކަށް އެކަން ހަމަޖެއްސުމަށް ތަރުތީބު ކުރާނެ ގޮތް ވެސް،"

ބިންވެރިޔާ ސްކީމުގެ ދަށުން މާލޭން ގޯތި ލިބުނު މީހުންގެ ލިސްޓު އާންމު ކުރަން ސަރުކާރުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް
ސަރުކާރުން، މާލޭ ސަރަހައްދުން ދޫކުރާ ބަންޑާރަ ގޯތީގެ އެންމެ ކުޑަ ސައިޒަކީ 1،250 އަކަ ފޫޓެވެ. އަދި، އެކަކަށް ވުރެ ގިނަ މީހުން ހުށަހަޅާ ފޯމުތަކަށް، އިތުރުވާ ކޮންމެ މީހަކަށް 400 އަކަ ފޫޓު ބިމަށް އިތުރު ވާނެއެވެ. އެއް އެޕްލިކޭޝަންގައި ހަތް މީހުންނަށް ވުރެ ގިނަ މީހުން ހިމެނޭ ނަމަ ލިބޭނީ ޖުމުލަ 4،000 އަކަ ފޫޓުގެ ގޯއްޗެވެ.
ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބޭ މީހުންގެ ލިސްޓު މިއަދު އާންމު ކުރާއިރު، މާލޭގައި ދިގު މުއްދަތަކަށް ދިރިއުޅެމުން އަންނަ މީހުންނަށް ފުލެޓު ދޭން ހިންގާ 'ގެދޮރުވެރިޔާ' ސްކީމްގެ ދަށުން ފުލެޓު ލިބޭ މީހުންގެ ލިސްޓު އާންމުކުރާނެ ދުވަހެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ފުލެޓު ލިސްޓުގެ މަސައްކަތް ވެސް މިހާރު ވަނީ ނިމުމަކާ ހަމައަށް ގޮސްފައެވެ. އެ ލިސްޓަށް މާ ދިގު އިންތިޒާރެއް ކުރަން ނުޖެހޭނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.