ވެރިކަން ކުރައްވަނީ ގާނޫނީ އިމުގެ ތެރެއިން ކަމަށާއި "ކިތަންމެ ކޯފާވިޔަސް" ދެން ވެސް ހުންނަވާނީ ގާނޫނީ އިމުގެ ތެރޭގައި ކަމަށް ވިދާޅުވެ، ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ރައްދު ދެއްވައިފިއެވެ.
ސަރުކާރާ ކޯލިޝަންގައި ހިމެނޭ ދެވަނައަށް އެންމެ ބޮޑު ޕާޓީ، ޖޭޕީން ރިޔާސީ އިންތިޚާބުގައި ވަކިން ވާދަކުރަން ނިންމެވުމަށް ފަހު ގާސިމް ގެންދަވަނީ ސަރުކާރަށް ފާޑު ވިދާޅުވަމުންނެވެ.
އިއްޔެ ބޭއްވި ޖޭޕީގެ ކައުންސިލް ބައްދަލުވުމެއްގައި ގާސިމް ވަނީ އޭނާގެ ވިލާ ކުންފުންޏަށް ދީފައި އޮތް ވާވެއްދި ފަޅު ވިއްކުމުގެ މަސައްކަތް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހުއްޓުވާފައިވާތީ ނުރުހުން ފާޅުކުރައްވައި ވާހަކަ ދައްކަވާފައެވެ. އޭނާ ވަނީ ރައީސް ޞާލިޙްގެ އިސްތިއުފާއަށް ގޮވާލައްވައިފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު އެމްޑީޕީއަށް ސޮއިކުރަން މިއަދު ސޯލްޓް ކެފޭގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން "ސަން"އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ރައީސް ވިދާޅުވީ، އެ މަނިކުފާނު ވެރިކަން ކުރައްވަނީ ގާނޫނީ އިމުގެ ތެރެއިން ކަމަށާއި އަދި ކުރިއަށް އޮތް ތަނުގައި ވެސް ދެމި ހުންނަވާނީ ގާނޫނީ އިމުގެ ތެރޭގައި ކަމަށެވެ.
"އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ތަނުގައި ވެސް އަޅުގަނޑު މަސައްކަތް ކުރާނީ ގާނޫނީ އިމުގެ ތެރޭގައި. އެއީ، އަޅުގަނޑުގެ ކިތަންމެ ގާތް މީހެއްގެ ކަމެއް ވިޔަސް،" ގާސިމަށް އިޝާރާތް ކުރައްވަމުން ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ، ޕާޓީގެ މީހެއް ކަމަށް ވިޔަސް، އަދި އާއިލާގެ މީހެއް ކަމަށް ވިޔަސް، ގާނޫނު އަސާސީން ބޭރަށް ވަޑައިނުގެންނެވޭނެ ކަމަށެވެ. ހުރިހާ ކަމެއް ވެސް ކުރައްވާނީ ގާނޫނީ އިމުގެ ތެރެއިން ކަމަށް އެ މަނިކުފާނު ތަކުރާރުކޮށް ވިދާޅުވިއެވެ.

ރަައީސް އިބްރާހިމް މުހައްމަދު ޞާލިޙް، މިއަދު "ސަން"އަށް ދެއްވި ހާއްސަ އިންޓަވިއުގެ ތެރެއިން -- ސަން ފޮޓޯ
"އޭގެ ތެރެއަށް [މިނިވަން މުއައްސަސާތަކަށް] ނުފޫޒު ފޯރުވުމަކީ އަޅުގަނޑު މިހާތަނަށް ވެސް ކުރި ކަމެއް ނޫން. އަދި ވެސް ނުކުރާނަން. އެހެންވީމާ، އެ މައްސަލައިގައި [ގާސިމްގެ މައްސަލަ] ވެސް އަޅުގަނޑު ހުންނާނީ ގާނޫނީ އިމުގެ ތެރޭގައި،" ރައީސް ވިދާޅުވިއެވެ.
"ގާނޫނީ އިމުން ބޭރަކަށް ނުދާނަން، ކޮންމެ ބޭފުޅަކު ކިތަންމެ ކޯފާ ވިޔަސް އެއީ އެ ބޭފުޅެއްގެ ކަމެއް. އަޅުގަނޑެއް ހަމަ ގައިމު ވެސް ގާނޫނު އަސާސީން ބޭރަކަށް ނުދާނަން،"
މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގައި ރައީސާ އެކު ކޯލިޝަން ހަދަން ފޮނުވި ދައުވަތު ގަބޫލުނުކޮށް، ވަކިން ވާދަކުރަން ނިންމެވުމަށް ފަހު ގާސިމް ގެންދަވަނީ ސަރުކާރަށް ވަރަށް ބޮޑަށް ނުރުހުން ފާޅު ކުރައްވަމުންނެވެ.