ޖާބިރު މާދަމާ އެމްޑީޕީއަށް ސޮއިކުރަނީ

ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ --- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު، ވެރިކަން ކުރާ ކޯލިޝަނުގައި ހިމެނޭ މައި ޕާޓި، އެމްޑީޕީއަށް މާދަމާ ސޮއި ކުރައްވަން ނިންމަވައިފިއެވެ.

އެމްޑީޕީއަށް ސޮއިކުރުމާ ގުޅޭގޮތުން 'ސަން'އާ ވާހަކަދައްކަވަމުން ޖާބިރު ވިދާޅުވީ ސޮއިކުރަން ބާއްވާ ރަސްމިއްޔާތު އޮންނާނީ މާދަމާ 11:00 ގައި ކަމަށެވެ.

މި ރަސްމިއްޔާތު އޮންނާނީ ރައީސުލްޖުމްޙޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙުގެ ކެމްޕެއިން ހަރަކާތްތައް ކުރިއަށް ގެންދާ ސޯލްޓް ކެފޭގައި، ރައީސް ޞާލިޙާއި، އެމްޑީޕީގެ އިސްވެރިންނާއި ބައެއް މަޖިލިސް މެމްބަރުންގެ ހާޒިރުގައެވެ.

ޖާބިރު ވިދާޅުވި ގޮތުގައި ސޮއިކުރުމުގެ ރަސްމިއްޔާތަށް ގެއިން ސޯލްޓް ކެފޭއަށް ވަޑައިގަންނަވާނީ ހިންގަވައިފައެވެ. އަދި އެތަނަށް ވަޑައިގަންނަވާއިރު، ރާއްޖޭގެ މަޝްހޫރު ބޮޑުބެރު ގްރޫޕް "ހަބޭސް" ބައިވެރިވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޖާބިރު، އެމްޑީޕީއަށް ސޮއިކުރަން ނިންމާފައި މިވަނީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް މި ފަހުން ޖާބިރު އެ ޕާޓީއާ ގުޅިވަޑައިގަތުމަށް ދައުވަތު ދެއްވައިފައި ވަނިކޮށެވެ.

މިއީ ޖާބިރު އެމްޑީޕީއަށް ސޮއިކުރައްވާ ހަތަރު ވަނަ ފަހަރެވެ.

މި ފަހުން އެކި ޕާޓީތަކުގެ ގިނަ މެމްބަރުން ވަނީ އެމްޑީޕީއާއި ގުޅިވަޑައިގެންފައެވެ. އޭގެ ތެރޭގައި ފެން ކުންފުނީގެ އެމްޑީ ހަސަން ޝާހް އާއި ހަޔާ އެޑިއުކޭޝަންގެ ނާއިބު އައިމިނަތު މުހައްމަދު ސަލީމް އާއި ހެެރިޓޭޖް މިނިސްޓްރީގެ ނާއިބު ވަލީދާ ވަލީދާއި ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރުވެސް ހިމެނެއެވެ.

މީގެ އިތުރުން ޖޭޕީ ކައުންސިލްގެ ބައެއް މެންބަރުން ވެސް ހިމެނެއެވެ.

comment ކޮމެންޓް