ކުވައިތަށް ސެމީގެ ބޮޑު އުންމީދެއް، ޕާކިސްތާނަށް އަމިއްލަ ބާރު ގެއްލިއްޖެ

ސާފް ޗެމްޕިއަންޝިޕް 2023 ގައި ޕާކިސްތާން ކޮޅަށް ގޯލު ޖެހުމަށްފަހު، ކުވައިތުގެ ކުޅުންތެރިން އުފާފާޅުކުރަނީ -- ސަން ފޮޓޯ/ އަބްދުﷲ އަބީދު

ސާފް ޗެމްޕިއަންޝިޕް 2023 ގައި ކުވައިތުގެ ދެވަނަ މެޗުގައި ބޮޑު ތަފާތަކުން ޕާކިސްތާން ބަލިކޮށްފިއެވެ.

އިންޑިއާގެ ބެންގަލޫރުގެ ސްރީ ކަންތީރަވާ ސްޓޭޑިއަމްގައި މިއަދު ހަވީރު ކުޅުނު މެޗުގައި ޕާކިސްތާން އަތުން ކުވައިތު މޮޅުވީ 4-0 ގެ ނަތީޖާއަކުންނެވެ.

އެ ނަތީޖާއާއެކު ކުޅުނު ދެ މެޗުން ހޯދި ހަ ޕޮއިންޓާއެކު ކުވައިތުން ވަނީ ސެމީ ފައިނަލުގެ އުންމީދު ބޮޑުކޮށްފައެވެ. މިރޭ އިންޑިއާ އަތުން ނޭޕާލް މޮޅުނުވެއްޖެ ނަމަ, ކުވައިތަށް ސެމީގެ ޖާގައެއް ކަށަވަރުވާނެއެވެ. ދެ މެޗުން ބަލިވި ޕާކިސްތާނަށް ސެމީއަށް ދިއުމަށް ހަނި ފުރުސަތެއް އޮތް ނަމަވެސް, އެޓީމަށް ވަނީ އަމިއްލަ ބާރު ގެއްލިފައެވެ.

ސާފް ޗެމްޕިއަންޝިޕް 2023 ގައި ކުވައިތާ ދެކޮޅަށް ނުކުތް ޕާކިސްތާންގެ ފުރަތަަމަ 11 -- ސަން ފޮޓޯ/ އަބްދުﷲ އަބީދު

މިއަދު ކުޅުނު މެޗުގައި ހަމަހަމަ ކުޅުމަކަށްފަހު ކުވައިތުން ވަނީ ދިހަވަނަ މިނެޓުގައި ގޯލެއް ޖަހައި ލީޑު ހޯދައިފައެވެ. ކުވެއިތަށް އެ ގޯލު ކާމިޔާބުކޮށް ދިނީ ހަސަން އަލަނޭޒީއެވެ. އޭނާ އެ ގޯލު ކާމިޔާބުކުރީ މަހްދީ ދާޝްތީ ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ ފޮނުވާލި ހަމަލާއަކުންނެވެ.

އޭގެ ހަތް މިނެޓު ފަހުން ކުވައިތުން އިތުރު ގޯލެއް ޖަހައި ލީޑު ފުޅާކުރިއެވެ. އީދް އަލް ރާޝިދީ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ފޮނުވާލި ހަމަލާއަކުން ކުވައިތަށް އެ ގޯލު ކާމިޔާބުކޮށްދިނީ މުބާރަކް އަލް ފަނީނީއެވެ.

ސާފް ޗެމްޕިއަންޝިޕް 2023 ގައި ކުވައިތާއި ޕާކިސްތާން ބައްދަލުކުރި މެޗުގެ ތެރެއިން -- ސަން ފޮޓޯ/ އަބްދުﷲ އަބީދު

އެ ގޯލަށްފަހު ޕާކިސްތާނުން ވަނީ އެ ޓީމުގެ އެޓޭކް ވަރުގަދަކޮށްފައެވެ. ނަމަވެސް ޕާކިސްތާނަށް ކުވައިތުގެ ގޯލާ އަމާޒުކޮށް އެއްވެސް ހަމަލާއެއް ފޮނުވާލެވިފައެއް ނުވެއެވެ. ޕާކިސްތާނަށް ލިބުނު އެންމެ ރަނގަޅު ފުރުސަތަކީ އަރިމަތިން ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، ޕާކިސްތާންގެ މުހައްމަދު ވަހީދު ބޮލުން ފޮނުވާލި ހަމަލާއެކެވެ. އެ ހަމަލާ ދިޔައީ ކުވައިތު ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށެވެ.

މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި ކުވައިތުން ވަނީ އެޓީމުގެ ތިންވަނަ ގޯލު ކާމިޔާބުކޮށްފައެވެ. ލިބުނު ރީބައުންސް ބޯޅައަކުން ކުވައިތަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ދެވަނަ ގޯލު ވެސް ކާމިޔާބުކޮށްދިން އަލް ފަނީނީއެވެ. އޭނާއަށް ބޯޅަ ލިބުމާއެކު ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލީ ޕާކިސްތާން ކީޕަރު ޔޫސުފް ބަޓްގެ ބޯމަތިންނެވެ. އެ ގޯލާއެކު ފުރަތަަމަ ހާފު ނިމިގެންދިޔައީ 3-0 ގެ ނަތީޖާއަކުން ކުވައިތު ކުރީގައި އޮވެގެންނެވެ.

ސާފް ޗެމްޕިއަންޝިޕް 2023 ގައި ކުވައިތާއި ޕާކިސްތާން ބައްދަލުކުރި މެޗުގެ ތެރެއިން -- ސަން ފޮޓޯ/ އަބްދުﷲ އަބީދު

މެޗުގެ ދެވަނަ ހާފުގެ ފުރަތަމަ ފަސް މިނެޓުގެ ތެރޭގައި ކުވައިތަށް ގޯލު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. މުބާރަކް އަލް ފަނީނީ ނަގައިދިން ހިލޭ ޖެހުމަކުން ކުވައިތުގެ ސަލްމާން މުހައްމަދު ބޮލުން ފޮނުވާލި ހަމަލާ އަމާޒުވީ ޕާކިސްތާން ގޯލުގެ ހުރަސް ދަނޑިއަށެވެ.

މެޗުގެ 65 ވަނަ މިނެޓުގައި ޕާކިސްތާނަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ބޯޅައަކުން ޕާކިސްތާންގެ މުހައްމަދު ވަލީދު ޚާން ފޮނުވާލި ހަމަލާ، ކުވައިތުގެ ކީޕަރު ބަދަރް ބިން ސާނޫން ވަނީ މަތަކޮށްފައެވެ.

ސާފް ޗެމްޕިއަންޝިޕް 2023 ގައި ކުވައިތާއި ޕާކިސްތާން ބައްދަލުކުރި މެޗުގެ ތެރެއިން -- ސަން ފޮޓޯ/ އަބްދުﷲ އަބީދު

މެޗުގެ 69 ވަނަ މިނެޓުގައި ކުވައިތުން ވަނީ އެޓީމުގެ ހަތަރުވަނަ ގޯލު ޖަހައިފައެވެ. ބޯޅަ ހިފައިގެން ޕާކިސްތާންގެ ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު، ފޮނުވާލި ހަމަލާއަކުން ކުވައިތަށް އެ ގޯލު ކާމިޔާބުކޮށްދިނީ އީދް އަލް ރާޝިދީއެވެ.

މެޗު ނިމެން މިނެޓަކަށް ވެފައިވަނިކޮށް, ކުވައިތަށް ގޯލު ޖެހުމަށް އިތުރު ފުރުސަތެއް ލިބިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ތެރެއަށް ކުވައިތުގެ ޝަބައިބް އަލް ޚާލްދީ ފޮނުވާލި ބާރު ހަމަލާ، ޕާކިސްތާންގެ ކީޕަރު ޔޫސުފް ބަޓް ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ.

މުބާރާތުގައި މިރޭ ވެސް ކުޅުމަށް ހަމަޖެހިފައިވަނީ "ގްރޫޕު އޭ"ގެ މެޗެކެވެ. މިރޭ 7:00 ގައި ކުޅޭ އެ މެޗުގައި ބައްދަލުކުރާނީ އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ އާއި އެންމެ ފަހުގެ ރަނަރަޕް ނޭޕާލެވެ.

ސާފް ޗެމްޕިއަންޝިޕްގެ ހުރިހާ މެޗެއް އެސްއެސްނެޓްގެ ޗެނަލް ނަމްބަރު 10 އިން ފެންނާނެއެވެ.

comment ކޮމެންޓް