މެލޭޝިއާގެ ބަޖެޓް އެއާލައިނެއް ކަމަށްވާ ބަޓިކް އެއާއިން ރާއްޖެއާއި މެލޭޝިޔާއާ ދެމެދު ސީދާ ދަތުރުތައް މިއަދު ފަށައިފިއެވެ.
މެލޭޝިއާގެ ވެރި ރަށް ކުއާލަލަމްޕޫރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)އަށް އައި ބަޓިކް އެއާގެ ފުރަތަމަ ފްލައިޓަށް މިއަދު މެންދުރު ވަނީ މަރުހަބާ ކިޔާފައެވެ. އެގޮތުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން ވަނީ ހާއްސަ ވޯޓަ ސެލިއުޓަކުން އެކަން ފާހަގަކޮށްފައެވެ.
ބަޓިކް އެއާއިން ރާއްޖެއަށް ކުރި މި ދަތުރުގައި 121 ފަސިންޖަރުން ވަނީ އައިސްފައެވެ.
އެމްއޭސީއެލްއިން ބުނީ ބަޓިކް އެއާގެ ފުރަތަމަ ފްލައިޓުން ދަތުރު ކުރި ފަސިންޖަރުންނަށް މަރުހަބާ ކިއުމުގެ ގޮތުން ހާއްސަ ހަފުލާއެއް ބޭއްވި ކަމަށެވެ.
މާލެއާ ކުއާލަލަމްޕޫރާ ދެމެދު ކުރާ ސީދާ ދަތުރުތައް ބަޓިކް އެއާއިން މިއަދު ފަށާފައިވާއިރު އެ އެއާލައިނުން ދަނީ މިދިޔަ މަހުން ފެށިގެން ރާއްޖެއިން ސްރީލަންކާއަށް، އެއަށް ފަހު މެލޭޝިއާއަށް ދަތުރުތައް ކުރަމުންނެވެ. އެހެންނަމަވެސް މިއަދު ފެށިގެން ދިޔަ ސީދާ ދަތުރުތައް ކޮންމެ ދުވަހަކު ވެސް ބަޓިކް އެއާއިން ކުރަމުން ދާނެއެވެ.

މެލޭޝިއާގެ ބަޖެޓް އެއާލައިނެއް ކަމަށްވާ ބަޓިކް އެއާއިން ރާއްޖެއާއި މެލޭޝިޔާއާ ދެމެދު ސީދާ ދަތުރުތައް ފެށުން-- ފޮޓޯ/ އެމްއޭސީއެލް
ރާއްޖެއަށް ކުރާ ދަތުރުތަކުގައި ބަޓިކް އެއާއިން ބޭނުން ކުރާނީ ބޮއިންގް 737 މަރުކާގެ ބޯޓެވެ. މިއީ 180 މީހުންގެ ޖާގައިގެ ބޯޓެކެވެ.
ބަޓިކް އެއާއިން މެލޭޝިޔާ، ތައިލޭންޑް، އޮސްޓްރޭލިއާ ހިމެނޭހެން ފަންސާސް މަންޒިލަކަށް ދަތުރުތައް ބާއްވައެވެ. އެގޮތުން މި މަންޒިލުތަކުން ރާއްޖެއަށް ފަސޭހަކަމާ އެކު ދަތުރުވެރިންނަށް އައުމުގެ މަގުފަހި ވާނެއެވެ.