މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ގެއްލުވާލުމާއި ސޯޝަލް މީޑިއާ އެކްޓިވިސްޓް ޔާމީން ރަޝީދުގެ މަރާ ގުޅިގެން ދައުލަތުން ދައުވާ ކުރާ ތިން މީހުންގެ ތެރެއިން ބަންދުން ދޫކޮށްލި އަހްމަދު އިސްމާއިލް (އަހަނދު)ގެ ފައިގައި މިރޭ ޓެގު އަޅުވައިފިއެވެ.
މިދިޔަ އަހަރުގެ ޖޫން 26 ގައި ހައްޔަރު ކުރުމަށް ފަހު ޝަރީއަތް ނިމެންދެން ބަންދުކުރި އަހަނދުގެ އަޑުއެހުންތައް ކުރިއަށް ގެންދިޔައީ ސިއްރު ކޮށްގެންނެވެ. ބުދަ ދުވަހު އޭނާ ދޫކޮށްލާފައި ވަނީ ޝަރުތުތަކަކާ އެކުގައެވެ.
ރިލްވާނާއި ޔާމީންގެ މަރާ ގުޅިގެން، އަހަނދަށް ދައުލަތުން އުފުލީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާއާއި ޓެރަރިޒަމްގެ އަމަލެއް ކުރަން އެހީތެރިވި ކަމުގެ ދައުވާއެވެ.
'ސަން'އަށް އެނގިފައިވާ ގޮތުގައި މިރޭ އޭނާގެ ފައިގައި ޓެގު އަޅުވާފައި ވަނީ ކްރިމިނަލް ކޯޓުން އެގޮތަށް ޝަރުތު ކުރުމާ ގުޅިގެންނެވެ.
ޓެގު އަޅުވާފައިވާ މީހުންނަށް ވަކި ވަގުތުތަކެއްގައި ގެއިން ބޭރަށް ދިޔުމާއި، ހުއްދަ ނެތި މާލެއިން ފުރައިގެން ދިޔުމާއި އަމުރުގައި ކަނޑައަޅާފައިވާ ވަކި ސަރަހައްދުތަކަކަށް ދިޔުން މަނާވާނެއެވެ. އަދި، ފުލުހުންނަށް އެ މީހުން ކޮންޓްރޯލް ކުރުމުގެ ބާރު ލިބިގެންވާނެއެވެ.
ޓެރަރިޒަމް މަނާ ކުރުމާ ބެހޭ ގާނޫނު ދަށުން މީހުންގެ ފައިގައި ޓެގް އެޅުވޭނީ ހައި ކޯޓުން ނެރޭ އަމުރެއްގެ ދަށުންނެވެ. އަދި، އެ އަމުރު ނެރުމަށް ހޯމް މިނިސްޓަރަށް ދެންނެވުމުން މިނިސްޓަރު ނިންމަވާ ގޮތެއްގެ މަތީން ފުލުހުންނަށް ހައި ކޯޓުގައި އެ ކަމަށް އެދެވޭނެއެވެ.
އަހަނދުގެ މައްސަލައާ ގުޅިގެން ޕީޖީ އޮފީހުން މީގެ ކުރިން ބުނެފައިވަނީ އޭނާގެ މައްޗަށް އެ ދައުވާ އުފުލީ ރިލްވާން މަރާލުމުގެ ކަންކަން ރާވައި އިންތިޒާމު ކޮށްފައިވާތީއާއި އޭނާއާއި އޭނާގެ ބައިވެރިން ރާވާފައިވާގޮތުގެ މަތިން އެހެން ބަޔަކު މެދުވެރިކޮށް، ރިލްވާން ރަހީނުކޮށް މަރާލާފައިވާތީ ކަމަށެވެ.
އޭނާ ވަނީ ޔާމީން ރަޝީދަށް ފާރަލުމުގެ ކަންކަން އިންތިޒާމުކޮށް އެކަން ކުރުމަށް އެހީތެރިވެދީފައި ކަމަށް ވެސް ޕީޖީ އޮފީހުން ބުންޏެވެ.
އެ ދެ މައްސަލައިގައި ދެން ދައުވާކޮށްފައި ވަނީ އިސްމާއިލް އަބްދުއްރަހީމް އާދަމް (އިސޫ)އަށާއި އަހްމަދު މުއާޒް (ގަޓު މުއާ)އަށެވެ. އެ ދެ މީހުން ވެސް ތިބީ ބަންދު ކޮށްފައެވެ.