ފަތުރުވެރިޔާ ރޭޕްކުރިކަމަށް ތުހުމަތުކުރެވޭ މީހާގެ ޕާސްޕޯޓު ހިފަހައްޓައިފި

ރިޒް ކާޓަން ފަރި އައިލޭންޑް ---

ރިޒް ކާޓަން ފަރި އައިލޭންޑް ރިސޯޓުގައި ޗައިނާ ފަތުރުވެރިއެއް ރޭޕްކުރިކަމަށް ބުނާ މައްސަލައިގައި އެ ކަން ކުރިކަމުގެ ތުހުމަތުކުރެވޭ ދިވެހި ބަޓްލަރުގެ ޕާސްޕޯޓު ހިފަހައްޓައިފިއެވެ.

އެންމެ ފުރަތަަމަ މި މައްސަލަ އާންމުންގެ ސަމާލުކަމަށް އައިސްފައިވަނީ ސޯޝަލް މީޑިއާގައި ދައުރުވި ޕޯސްޓަކާ ގުޅިގެންނެވެ.

އެ ޕޯސްޓުގައިވާ ގޮތުން އެ ފަތުރުވެރިޔާއަކީ ޗައިނާއަށް ނިސްބަތްވާ ފަތުރުވެރިއެކެވެ. އޭނާ ރޭޕްކޮށްފައިވަނީ ދަ ރިޒް ކާޓަން މޯލްޑިވްސް ފަރި އައިލެންޑުގައި ދިވެހި ބަޓްލަރެއްކަމަށް ވެސް ލިޔެފައިވެއެވެ.

މި ކަމާ ގުޅިގެން ނޫސްތަކަށް މައުލޫމާތު ދެމުން ފުލުހުން ބުނީ ކ. އަތޮޅުގެ ރިސޯޓުގައި ހިނގި އެ މައްސަލަ ހުށަހަޅައިފައިވަނީ މި މަަހުގެ ހަވަނަ ދުވަހު ކަމަށެވެ.

އެއާއެކު މިއަދު ފުލުހުން ބުނީ އޭނާ ރާއްޖެއިން ފުރުން މަނާކުރުމުގެ އަމުރަކަށް ކޯޓުގައި އެދުމުން އިއްޔެއިން ފެށިގެން ނުފުރޭ ގޮތަށް އެ އަމުރު ނެރެދީފައިވާކަމަށެވެ.

މި ކަމާ ގުޅިގެން އެންމެ ފަހުން ފުލުހުން ބުނެފައިވަނީ އެއްވެސް މީހަކު އަދި ހައްޔަރު ކޮށްފައި ނުވާ ކަމަށެވެ.

ނަމަވެސް، މައްސަލަ ހުށަހެޅުމާ އެކު ފޮރެންސިކް ޓީމެއް އެ ރިސޯޓަށް ގޮސް، ތަހުގީގަށް ބޭނުންވާ ފޮރެންސިކް ސާމްޕަލްތަކާއި ފުރަތަމަ ބަޔާން ދެ މީހުންގެ ފަރާތުން ނަގާފައި ވާކަމަށް ފުލުހުން ބުނެޏެވެ.

އަދި އިތުރު ފިޔަވަޅެއް އަޅާނީ އެ ސާމްޕަލް ތަކުގެ ނަތީޖާ ލިބުމުން ކަމަށް ވެސް ފުލުހުން ބުންޏެވެ.

comment ކޮމެންޓް