ގެމަނަފުށީ މަގުތައް ތާރުއަޅައިގެން ތަރައްގީކުރަން 76.1 މިލިއަން ރުފިޔާއަށް އާރުޑީސީއާ ހަވާލުކޮށްފި

ގެމަނަފުށީ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް އާރުޑީސީއާ ހަވާލުކުރުމުގެ ތެރެއިން--- ފޮޓޯ/ ޕްލޭނިންގ

ގއ. ގެމަނަފުށީ މަގުތަކުގައި ތާރުއެޅައިގެން ތަރައްގީކުރަން 76.1 މިލިއަން ރުފިޔާއަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ހަވާލުކޮށްފިއެވެ.

މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިން އެންޑް އިންފްރާސްޓަކްޗާ މިނިސްޓްރީގައި މިކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ގެމަނަފުށީގެ މަގުތައް ތަރައްގީ ކުރުމަށް އާރްޑީސީއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިއާ އަހުމަދު ހަމީދެވެ. އާރުޑީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޖެނެރަލް މެނޭޖަރު ހުސައިން ނަދީމެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ، މި އެއްބަސްވުމުގެ ދަށުން 2.8 ކިލޯމީޓަރުގެ މަގުގައި ތާރުއެޅުމަށް ހަމަޖެހިފައިވާކަމަށެވެ. މިއާއެކު މަގުތަކުގައި ފެންހިންދާ ނިޒާމުވެސް ގާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މަގުބައްތިތައްވެސް ޖަހާނެއެވެ.

ގެމަނަފުށީ މަގުތައް ހެދުމުގެ މި މަޝްރޫޢުގެ މަސައްކަތް ނިންމުމަށް އާރުޑީސީއަށް ދީފައިވަނީ 540 ދުވަހެވެ.

ގެމަނަފުށީ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް އާރުޑީސީއާ ހަވާލުކުރުމުގެ ތެރެއިން--- ފޮޓޯ/ ޕްލޭނިން މިނިސްޓްރީ

ސަން އާ ވާހަކަދައްކަވަމުން ގެމަނަފުށީ ކައުންސިލްގެ ރައީސް އިބްރާހިމް ނާޝިދު ވިދާޅުވީ، އެރަށުގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމަކީ މިހާރު ރަށުގެ ރައްޔިތުން އެންމެ ބޭނުންވާ އެއް ކަންތައް ކަމަށެވެ.

"ވާރޭ ވެހޭއިރަށް މަގުތަކުގައި ފެން ބޮޑުވެ މަގުތަކުން ފެން ނުހިނދޭ މައްސަލައަކީ ބޮޑު މައްސަލައެއް. ސަރުކާރުން ގެމަނަފުށީގެ މަގުތައް ހެދުމަށް ނިންމުމާއެކު މިހާރު ދިމާވާ އެފަދަ މައްސަލަތަކަށް ހައްލެއް އަންނާނެ،" ނާޝިދު ވިދާޅުވިއެވެ.

ގެމަނަފުއްޓަކީ 53.7 ހެކްޓަރުގެ ރަށެކެވެ. މި ރަށަކީ ރާއްޖޭގެ ނިސްބަތުން މަސްވެރިކަމުގައި ފާހަގަކޮށްލެވޭ ރަށެކެވެ. އާބާދީގައި 1900 އަށްވުރެ ގިނަ މީހުން ދިރިއުޅެމުންދާއިރު، ރަށުގެ ގިނަ ބަޔަކު ދަނޑުވެރިކަންވެސް ކުރެއެވެ.

comment ކޮމެންޓް