ބައިގަރުނު ކުރިން ގެއްލުނު މީހަކު ދިރިހުރިތޯ ބަލަން ގެމަނަފުށީގެ އިއުލާނެއް

ގއ. ގެމަނަފުށި: ދިޔަދޫ މީހަކު ހޯދަން ގެމަނަފުށީ މެޖިސްޓްރޭޓް ކޯޓުން ވަނީ އިއުލާނުކޮށްފައި --

މީގެ ބައި ގަރުނު ކުރިން ގެއްލުނު މީހަކު ދިރިހުރިތޯ ބެލުމަށް ގއ. ގެމަނަފުށީގެ މެޖިސްޓްރޭޓް ކޯޓުން އިއުލާނެއްކޮށްފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ގެމަނަފުށީ މެޖިސްޓްރޭޓު ކޯޓުން ކުރި އިއުލާނުގައިވާ ގޮތުން ހޯދަނީ ތަނޑިރަތްމާގެ / ގއ. ދިޔަދޫ، ޙަސަން މުޙައްމަދެވެ.

ޙަސަން ދުނިޔޭގައި ހުރިތޯ ނުވަތަ ނެތްތޯ އެނގޭ މީހަކު 10 ދުވަހުގެ ތެރޭ އެކަން ގެމަނަފުށީ މެޖިސްޓްރޭޓް ކޯޓަށް އަންގަން އެ ކޯޓުން ވަނީ އެދިފައެވެ.

ގެމަނަފުށީ މެޖިސްޓްރޭޓް ކޯޓުގެ މީޑިއާ އޮފިޝަލް 'ސަން'އަށް ވިދާޅުވީ، އެ ކޯޓުން ހޯދަން އިއުލާނުކުރީ 1973ވަނަ އަހަރު ގެއްލުނު މީހެއް ކަމަށާއި، ޙަސަން ހޯދަނީ ތަރިކަ ބެހުމުގެ މައްސަލައެއްގައި އޭނާގެ ދަރިފުޅު ކަމަށެވެ.

"ކަނޑުމަތީ ހާދިސާއެއްގައި ގެއްލުނީ،" އޮފިޝަލް ވިދާޅުވިއެވެ.

މީގެ ކުރިން މީހުން ދިރިއުޅެމުން ދިޔަ ރަށެއް ކަމަށްވާ ދިޔަދޫ ވަނީ ފަޅު ރަށެއްގެ ގޮތުގައި ހަމަޖައްސައިފައެވެ. މިހާރު އެ ރަށު މީހުން ދިރިއުޅެމުން އަންނަނީ ގެމަނަފުށީގެ އިތުރުން ގއ. ކޮނޑޭ އާއި ލ. ގަމުގައެވެ.

comment ކޮމެންޓް