މި ރަށުގައި ފޯނު ބޭނުން ކުރުން މަނާ!

ބޭރުގައި އުޅޭ އިރު ތަފާތު ކަންތައްތައް ރެކޯޑުކޮށް ފަހަށް ރައްކާ ކުރުމަކީ ވަރަށް ގިނަ މީހުން ކުރަން ބޭނުންވާ ކަމެކެވެ. ސްމާޓްފޯނެއް އޮތުމުން މި ތަޖުރިބާތައް ރައްކާކުރުމަށް ފަސޭހަ ވެގެން ދެއެވެ. ނަމަވެސް ފޯނު ބޭނުންކުރުން މަނާކުރުމުން ދެން ކަންތައް ކުރާނީ ކިހިނެއް ހެއްޔެވެ؟ ފިންލެންޑުގެ ރަށެއްގައި ފަތުރުވެރިންނަށް މިކަންތައް އިހުސާސް ކުރެވޭނެއެވެ. މަންޒަރުތައް ތަޖުރިބާ ކުރަން ޖެހޭނީ ރެކޯޑު ނުކޮށެވެ.

ފިންލެންޑުގެ ރަށެއް ކަމަށްވާ އުލްކޯ ޓެމިއޯއަށް ދާ ފަތުރުވެރިންނަށް ފޯނު ބޭނުން ކުރުން މަނާ ވާނެއެވެ. ފޮޓޯއެއް ނަގަން ބޭނުންވި ނަމަވެސް އަދި ޓެކްސްޓަކަށް ރިޕްލައި ކުރަން ބޭނުންވި ނަމަވެސް މި ރަށުގައި އުޅެން ޖެހޭނީ އެއިން އެއްވެސް ކަމެއް ނުކޮށެވެ.

އުލްކޯ އިން ބުނާ ގޮތުގައި އެ ރަށަކީ މުޅި ދުނިޔޭގައި ވެސް ހުރި ހަމައެކަނި "ސްމާޓްފޯޯން ފްރީ" ޓުއަރިސްޓް ރަށެވެ.

އެރަށުގެ ފަތުރުވެރިންގެ މަސައްކަތުގައި އުޅޭ މާހިރެއް ކަމަށްވާ މެޓްސް ސެލިން ބުނާ ގޮތުގައި ކޮންމެ ބޮޑު ޗުއްޓީއަކާ ދިމާކޮށް މީހުން އެ ރަށަށް ދާ ދުވަސްވަރުގައި ރަށުގައި ފޯނު ބޭނުން ކުރުން މަނާވާނެއެވެ.

"މިގޮތަށް އަސްލު ކަންތައް ކުރުމުގެ ބޭނުމަކީ، އަޅުގަނޑުމެން ބޭނުންވަނީ ފަތުރުވެރިން މި ރަށުގެ ރީތިކަން ބަލައި އެ ތަނުގައި ހާޒިރުވެ ހުރުމަށް. ފޯނަށް ގެއްލުމުގެ ބަދަލުގައި،" އޭނާ ބުންޏެވެ.

މި ރަށަށް ފަތުރުވެރިން ގޮސް ހޮޓެލް ތަކުގައި މަޑު ކުރާއިރު ފޯނު ފަދަ ތަކެތި ބޭނުން ކުރެވޭނެއެވެ. ނަމަވެސް "ޑިޖިޓަލް ޑީޓޮކްސް"އެއް ބޭނުންކޮށް ސްމާޓްފޯނުތަކާ ދުރުގައި ތިބުމަށް ވަރަށް ބޮޑަށް ބާރު އަޅައެވެ.

ހޮޓެލް އިން ބޭރަށް ނިކުންނައިރު ފަތުރުވެރިންގެ ފޯނުގެ ސްކްރީންގައި ސްޓިކާއެއް ހަރުކުރަން އަންގާނެއެވެ. މި ސްޓިކާއަކީ ފޯނުގެ ސްކްރީން ފޮރުވާލެވޭ ސްޓިކާއެކެވެ. އެހެންވީމާ ފޯނު ބޭނުންކުރަން ބޭނުންވި ނަމަވެސް އެކަން ކުރުން ހުއްޓުމަށް ބާރު އެޅިގެންދާނެއެވެ.

comment ކޮމެންޓް