ދ. އަތޮޅު މަދަރުސާގެ އެންމެ މޮޅު ދަރިވަރަކަށް އިޔާ!

ދ. އަތޮޅު ސްކޫލްގެ އެންމެ މޮޅު ދަރިވަރު އިޔާއަށް ސަން ސިޔާމް ގުރޫޕުން ދޭ ލެޕްޓޮޕް ހަވާލުކުރައްވަނީ ---

ދ. އަތޮޅު މަދަރުސާގެ އެންމެ މޮޅު ދަރިވަރަކަށް މަރިޔަމް އިޔާ އިސްމާއިލް ހޮވިއްޖެއެވެެ.

ދ. މީދޫގައި ހުންނަ އެ އަތޮޅު މަދަރުސާގެ އަހަރީ އިނާމުދިނުމުގެ ޖަލްސާ ބުދަ ދުވަހުގެ ރޭ ވަނީ ބާއްވައިފައެވެ.

އިޔާ އެ ސްކޫލްގެ ފާއިތުވެދިޔަ އަހަރުގެ އެންމެ މޮޅު ދަރިވަރުގެ މަގާމު ހޯދީ އޯލެވެލްގައި ތިން މާއްދާއިން އޭ ސްޓާ އާއި ފަސް މާއްދާއިން އޭ ހޯދައިގެންނެވެ. އޭނާ ވަނީ ގައުމީ ގަދަ ދިހައެއްގެ ހަވަނަ މަގާމު ވެސް ހޯދައިފައެވެ.

ފާއިތުވެދިޔަ އަހަރު ގައުމީ ގަދަ ދިހައަކުން އެ ސްކޫލުން ޖާގަ ހޯދީ އިޔާ އެކަނި ނަމަވެސް، އޭގެ ކުރީ އަހަރާ ބަލާއިރު މިދިޔަ އަހަރުގެ ނަތީޖާ ވަނީ ރަނގަޅުވެފައެވެ.

ބެސްޓްއޯލް ރައުންޑް ހޯދި އިޔާއަށް ސަން ސިޔާމް ގްރޫޕްގެ ފަރާތުން ލެޕްޓޮޕަކާއި ފައިސާގެ އިނާމެއް ވަނީ ދީފައެވެ. އަދި މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި ރައީސް އޮފީހުން ވެސް ވަނީ އިނާމު ދީފައެވެ.

މި އިނާމުތައް ހަވާލުކޮށްދެއްވީ އަހަރީ އިނާމު ދިނުމުގެ ޖަލްސާގެ ޝަރަފްވެރި މެހެމާން، ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދުއެވެ.

ޖަލްސާގައި ވާހަކަ ދައްކަވަމުން ސިޔާމް ވަނީ އިޔާއަށް ތައުރީފްކުރައްވައިފައެވެ. އޭނާ ވިދާޅުވީ، އިޔާއަކީ ހިތްވަރުގަދަ ކިޔަވާ ކުއްޖެއް ކަަމަށެވެ. އަދި އިޔާގެ މަންމަ އާއި ބައްޕަ އޭނާއަށް ދިން އެއްބާރުލުމާއި އެހީތެރިކަން ފާހަގަކުރައްވައި ސިޔާމް ވިދާޅުވީ ކޮންމެ ބެލެނިވެރިޔަކު ވެސް އެ ބެލެނިވެރިއެއްގެ ދަރިއަކަށް ހަގީގީ އެއްބައިވަންތަކަން ދޭންޖެހޭނެ ކަމަށެވެ.

ރޭގެ ޖަލްސާގައި ތައުލީމީ ގޮތުން ކާމިޔާބީ ހޯދި އެހެން ދަރިވަރުންނަށް ވެސް ވަނީ އިނާމު ދީފައެވެ. އަދި އެންމެ ރަނގަަޅު ނަތީޖާ ހޯދި ޓީޗަރުންގެ އަގުވަޒަންކޮށް ވެސް ވަނީ އިނާމު ދީފައެވެ.

comment ކޮމެންޓް