ސިފައިން ނުކުމެ ގައުމާ ހަވާލުވާން އިދިކޮޅުން ގޮވާލައިފި

މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު / ފޮޓޯ: ޕީޕީއެމް

ސިފައިން ނުކުމެ ގައުމާ ހަވާލުވުން ނޫން އިތުރު ގޮތެއް ނެތް ކަމަށް މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ޗޭމްބަރަށް ވަންނަ ދޮރުތައް ތަޅުލާފައި ހުރުމުން އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށް އިދިކޮޅުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މެންބަރު ސައީދު ވިދާޅުވީ، ގައުމު މިއަދު ވެއްޓިފައިވާ އަނދަވަޅުން ނަގަން ސަލާމަތީ ބާރުތަކުން ގައުމާ ހަވާލުވާން ޖެހޭ ހާލަތަށް ކަންކަން ގޮސްފައިވާ ކަމަށެވެ.

ސައީދު ވިދާޅުވީ މޮރީޝަސްއާ ފުށުއެރި ކަނޑުގެ ސަރަހައްދުގެ މައްސަލައިގައި މަސްކަނޑުތަކުން ބޮޑުބައެއް ރައީސް އިބްރާހީމް މުޙައްމަދު ޞާލީޙް ވިއްކާލެއްވި ކަމަށާއި، އެކަމާ ދެކޮޅަށް އަޑުއުފުލައި އިދިކޮޅުން ކުރާ އިހުތިޖާޖުގައި ސިފައިންވެސް ބައިވެރިވާން ޖެހޭ ކަމަށެވެ.

ރޭގަ ސިފައިންގެ އަހަރީ ދުވަހުގެ ޖަލްސާގައި ޑިފެންސް މިނިސްޓަރު އެ ދެއްކެވީ ރައީސް ޞާލިޙްގެ ކުރިމަގުގެ ޗާޓު. ދިވެހި ސިފައިން ނުކުމެ މި ގައުމާ ހަވާލުވުން ނޫން ގޮތެއް އަޅުގަނޑު ގަބޫލެއް ނުކުރަން މިހާރު އޮތް ކަމަކަށް. އަޅުގަނޑުމެންނަށްވެސް އަދި ސެކިއުރިޓީ ބޭފުޅުންނަށް [ސިފައިންއަށް] ވެސް ގައުމު ސަލާމަތް ކުރުމަށް ވުރެ ބޮޑު ވާޖިބެއް މިއަދު ނެތް. މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު

ސިފައިން ގައުމާ ހަވާލުވާން ޖެހޭ ކަމަށް ގަބޫލު ކުރައްވާ ބައިވަރު ސަބަބުތައް ހުރިކަން ފާހަގަކުރައްވާ ސައީދު ވިދާޅުވީ، ސަރުކާރުން މިނިވަން މުއައްސަސާތަކަށާއި، ދައުލަތުގެ ވަކިވެފައިވާ ބާރުތަކަށް ނުފޫޒު ފޯރުވުން އިންތިހާއަށް ގޮސްފައިވާ ކަމަށެވެ. އެގޮތުން، ހައި ކޯޓުގައި ކުރިއަށްދާ އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީންގެ އިސްތިއުނާފްގެ މައްސަލަ މަޑުޖައްސާލަން މަސައްކަތް ކުރުމާއި، އިދިކޮޅުން ހުށަހަޅާ މައްސަލަތައް ތަހުގީގު ނުކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަނަށް ސަރުކާރުން އަންގާފައިވާ ކަމަށްވެސް އޭނާ ތުހުމަތު ކުރެއްވިއެވެ.

އަދި އިދިކޮޅުން ރައީސް އާ ބައްދަލުކުރަން ރައީސް އޮފީހަށް ދިޔަ ދުވަހެއްގައި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ނުކުމެވަޑައިގެން "ބޭނުން އެއްޗެކޭ ހަދާނީ" ވިދާޅުވި ކަމަށްވެސް ސައީދު ވިދާޅުވިއެވެ.

އަދި މަޖިލީހުގެ މަސައްކަތްތައް ހުއްޓުވައި، އެކަން ހައްލު ކުރުމަށް ދައުލަތުގެ ވެރިއެއްގެ ހައިސިއްޔަތުން އެއްވެސް މަސައްކަތެއް ނުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި ލެވެލްއަށް ވެއްޓުނީމަ، ދިވެހި ލޮބުވެތި ރައްޔިތުން، އަޅުގަނޑުމެން އެބަ ޖެހޭ ރައްޔިތުންނަށް ދަންނަވަން. މި ގައުމު ދެނެއް ނެތޭ މި އެމްޑީޕީގެ ސަރުކާރުން ސަލާމަތް ކުރެވޭކަށް. މި މީހުންނަށް ވެރިކަން ލިބޭ ކޮންމެ ފަހަރަކު ގައުމުން ބޮޑު ބައެއް ވިއްކާލާނެ. ގައުމު އަޅުވެތި ކަމެއްގެ ތެރެއަށް ގެންދާނެ. މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު

މަޖިލީހުގެ މަސައްކަތްތައް ހުއްޓިފައިވާތީ އިދިކޮޅުން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށް އެކަން ހައްލު ކުރުމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންނެވި ކަމަށް ބުނެފައެވެ. އަދި މަޝްވަރާގެ ތެރެއިން ކަންކަން ކުރިއަށް ގެންދިއުމަށް އެމްޑީޕީގެ އެއްބާރުލުން ނުލިބޭ ކަމަށްވެސް ބުނެފައެވެ.

ނަމަވެސް އެމްޑީޕީން ބުނީ އެއީ މަޖިލީހަށް ހުށަހަޅާފައިވާ މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ މައްސަލަ ކުރިއަށް ނުގެންދިއުމަށް ރައީސް ނަޝީދު ގަސްތުގައި ކުރައްވާ ކަމެއް ކަމަށެވެ.

comment ކޮމެންޓް