ސެލްޓިކްގެ ކޯޗަކަށް ރޮޖާސް ހަމަޖައްސައިފި

ސެލްޓިކްގެ ކޯޗަކަށް ހަމަޖެއްސި ބްރެންޑަން ރޮޖާސް -- ފޮޓޯ/ ގެޓީ

ސްކޮޓްލެންޑްގެ އެންމެ ކާމިޔާބު ކްލަބު، ސެލްޓިކްގެ ކޯޗަކަށް އަލުން ބްރެންޑަން ރޮޖާސް ހަމަޖައްސައިފިއެވެ.

ރޮޖާސް ސެލްޓިކްއާ ހަވާލުވެފައި މިވަނީ ލެސްޓާ ސިޓީގެ ކޯޗުކަމުން ވަކިކުރިތާ ދެ މަސް ދުވަހުގެ ތެރޭގައެވެ. އުމުރުން 50 އަހަރުގެ ރޮޖާސް ވަނީ މީގެ ކުރިން ސެލްޓިކްގައި ހޭދަކުރި މުއްދަތުގެ ތެރޭގައި އެ ކްލަބަށް ހަތް ތަށި ހޯދައިދީފައެވެ.

"ސެލްޓިކްގެ ކޯޗުކަމުގެ މަގާމަށް ބްރެންޑަން ރޮޖާސް ހަމަޖައްސާފައިވާކަން އިއުލާންްކުރަން. އޭނާ ކްލަބަށް ސޮއިކޮށްފައިވަނީ ތިން އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގައި. ރޮޖާސްއަކީ މީގެ ކުރިން ވެސް މި ކްލަބަށް ގިނަ ކާމިޔާބީތަކެއް ހޯދައިދީފައިވާ ކޯޗެއް،" ސެލްޓިކުން ނެރުނު ބަޔާނެއްގައި ބުންޏެވެ.

ސެލްޓިކްގެ ކޯޗުކަމުގެ މަގާމުގައި އެންމެ ފަހުން ހުރީ އަންޓޭ ޕޮސްޓެކޮގްލޫއެވެ. ސެލްޓިކަށް 2021 ވަނަ އަހަރުން ފެށިގެން އިރުޝާދުދެމުންދިޔަ ޕޮސްޓެކޮގްލޫ ވަނީ މިމަހުގެ ތެރޭގައި ހަތަރު ދުވަހުގެ ކޮންޓްރެކްޓެއްގެ ދަށުން ޓޮޓެންހަމް ހޮޓްސްޕާގެ ކޯޗުމަކުގެ މަގާމާ ހަވާލުވެފައެވެ. އޭނާ ވަނީ ސެލްޓިކަށް ދެ ސީޒަނެއްގައި ސްކޮޓިޝް ޕްރިމިއާޝިޕާއި ސްކޮޓިޝް ލީގް ކަޕް ކާމިޔާބުކޮށްދީފައެވެ.

ސެލްޓިކާ ހަވާލުވާ ރޮޖާސް ވަނީ މީގެ ކުރިން ލެސްޓާގެ އިތުރުން ވެޓްފޯޑާއި ސްވަންސީ ސިޓީ އަދި ލިވަޕޫލަށް ވެސް އިރުޝާދުދީފައެވެ. އޭގެ ތެރެއިން ލެސްޓާގައި ހޭދަކުރި ހަތަރު އަހަރުގެ ތެރޭގައި އޭނާ ވަނީ އެ ކްލަބަށް އެފްއޭ ކަޕަކާއި އެފްއޭ ކޮމިއުނިޓީ ޝީލްޑެއް ކާމިޔާބުކޮށްދީފައެވެ.

comment ކޮމެންޓް