ފަލަސްތީނުގެ ރެފިއުޖީ ކޭމްޕަށް އިސްރާއީލުން ދިން ހަމަލާ ސަރުކާރުން ކުށްވެރިކޮށްފި

ޖެނިން ރެފިއުޖީ ކޭމްޕު އިސްރާއީލުގެ ސިފައިން ރެއިޑުކުރަނީ -- ފޮޓޯ/އަލްޖަޒީރާ

ފަލަސްތީނުގެ ޖެނިން ރެފިއުޖީ ކޭމްޕަށް އިސްރާއީލުގެ ސިފައިން މިއަދު ދިން އަނިޔާވެރި ހަމަލާތައް ދިވެހި ސަރުކާރުން ކުށްވެރި ކޮށްފިއެވެ.

މި ހަމަލާގައި ކުޑަކުއްޖަކު ހިމެނޭ ފަސް މީހަކު މަރުވެ، ކުށެއްނެތް އެތައް ބަޔަކަށް ވަނީ އަނިޔާވެފައެވެ.

އިސްރާއީލުން ދިން ހަމަލާ ކުށްވެރިކޮށް ސަރުކާރުން ނެރުނު ބަޔާނެއްގައި ވަނީ، އިސްރާއީލުގެ އަނިޔާވެރިކަމުގެ ޝިކާރައަކަށް ވެފައިވާ މީހުންގެ އާއިލާތަކަށް ތައުޒިޔާ ކިޔާފައެވެ. އެ ބަޔާނުގައި ވަނީ، ފަލަސްތީނުގެ ސަރަހައްދުތަކުގައި ތިބި އަންހެނުންނާއި ކުޑަކުދިން ހިމެނޭ ގޮތަށް ހަތިޔާރު ނެތް އާންމުންނަށް އިސްރާއީލުން ބާރުގެ ބޭނުން ކުރާތީ ކަންބޮޑުވާ ކަމަށެވެ.

މީގެ އިތުރުން، 1967 ވަނަ އަހަރުގެ ކުރީގެ ސަރަހައްދީ އިމުގެ މައްޗަށް ބިނާވެފައިވާ ފަލަސްތީނުގެ މިނިވަން ދައުލަތެއް ޤާއިމްކުރުމަށާއި، އެދައުލަތުގެ ވެރިރަށަކީ އިރުމަތީ ޤުދުސްކަމަށް ހެދުމަށް ދިވެހިރާއްޖެއިން އަބަދުވެސް ތާއީދުކުރާނެކަމަށް ރާއްޖެއިން ބުނަމުން އަންނަ ބުނުން އެ ބަޔާނުގައި ވަނީ ތަކުރާރުކޮށްފައެވެ.

comment ކޮމެންޓް