މި އަހަރުގެ އަޟްހާ އީދު ބޯމަތިވެފައިވާއިރު، އެކި މީހުން އެކި ތަންތަނަށް ދާން ދަތުރު ހަދަން ފަށައިފިއެވެ. ބައެއް މީހުން ދާންވީ ކޮންތަނަކަށް ކަން ނުނިންމިގެން ވެސް އުޅެއެވެ.
އެފަދަ މީހުންނަށް މިއީ އުފާވެރި ވާހަކައަކަށް ވެދާނެއެވެ. މާ ބޮޑަށް ވިސްނައި ފިކުރުކުރަން ހަދާނެކަމެއް ނެތެވެ. މި އަހަރުގެ ބޮޑު އީދަށް އަވަހަށް ރ. މީދުއަށް ދާން ދަތުރު ހަަދާށެވެ.
މީދުއަކީ ޒަމާނުއްސުރެ ވެސް އީދު ކުޅިވަރު ވަރަށް ފޯރީގައި ކުޅޭ ރަށެކެވެ. ސަޤާފީ ކުޅިވަރުތަކާއި މި ޒަމާނުގެ ކުޅިވަރުތައް ވެސް އެ ރަށުގެ އީދު ކުޅިވަރުތަކުގެ ތެރޭގައި ހިމެނެއެވެ.
މީދޫ ޖަމިއްޔަތުއްޞަލާޙުގެ ޢީދު ކޮމިޓީގެ ރައީސް ހުސައިން އަފީފު މިއަދު "ސަން"އަށް ވިދާޅުވީ މީދޫގެ މި އަހަރުގެ އީދު ވަރަށް ފޯރިގަދަ ވާނެ ކަމަށެވެ.
އީދު ހަރަކާތްތައް ފަށަނީ މުޅި ރައްޔިތުން ޝާމިލުވާ ބާބަކިއުއަކުން ކަމަށް އޭނާ ވިދާޅުވިއެވެ. އެއަށްފަހު، އީދު ކުޅިވަރުގެ ހުއްދަ ހޯދުމަށް ކައުންސިލް އިދާރާއަށް ދިއުން އޮންނާނެކަމަށް އޭނާ ވިދާޅުވިއެވެ.
"ހިއްޗަށް ވަޑައިގަންނަވާ މަންޒަރު ދައްކުވައިދޭ ކުޅިވަރެއް ވެސް އޮންނާނެ. އީދު ވިލޭރޭ ފަން މާލީގެ ކުޅިވަރުތައް ވެސް އޮންނާނެ،" އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، މ. މަޑުއްވަރީގެ ލަނގިރި ގުރޫޕަކުން ވެސް އެ ރަށުގައި ހަަރަކާތްތަކެއް ކުރިއަށް ގެންދާނެ ކަމަަށް ވެސް އަފީފް ވިދާޅުވިއެވެ.
މީގެ އިތުރުން ވެސް، ބޮޑު މަސް ކުޅުމާއި ސްޓޭޖް ޝޯގެ އިތުރުން ވެސް ފޯރިގަދަ އެތައް ކުޅިވަރެއް މި އަހަރު މީދޫގައި އޮންނާނެއެވެ.
އަފީފް ވިދާޅުވީ ކޮންމެ އަހަރަކު ވެސް އީދަށް މީދުއަށް ރަށުން ބޭރުން ވަރަށް ގިނަ މީހުން ދާ ކަމަށެވެ. މި އަހަރު ވެސް ކުއްޔަށްދޭ ކޮޓަރިތައް ވެސް ފުލްވަމުންދާ ކަމަށް ވިދާޅުވިއެވެ.
މި އަހަރުގެ މީދޫގެ އީދު ކަވަރޭޖް އެސްއެސްޓީވީ އާއި ސަން އޮންލައިނުން ގެނެސްދޭނެއެވެ.
ރ. މީދޫއަކީ އެސްއެސްޓީވީގެ "ބޮޑުޢީދުފޯރި" ޝޯގައި ކަވަރޭޖް ގެނެސްދިނުމަށް ހަމަޖެހިފައިވާ ދެވަނަ ރަށެވެ. އަނެއް ރަށަކީ ބ. ދަރަވަންދޫއެވެ.
އެސްއެސްޓީވީގެ ކަވަރޭޖުގެ ތެރެއިން ޢީދު ކުޅިވަރުތަކާއި ހަރަކާތްތަކުގެ ޚަބަރުތަކާއި މި ދެ ރަށުގެ މުހިންމު ކަންކަމާއި ގުޅުންހުރި ޚަބަރުތައް ސަން އޮންލައިންގައި ހިމަނައި އެ ހަރަކާތްތައް އެސްއެސްޓީވީގެ ފޭސްބުކް ޕޭޖުން ގެނެސްދޭނެއެވެ.