އަޑުއެހުންތައް ނިންމާލުމަށްފަހު ފަސް މަސް ފަހުން ހުކުމް ކުރި ގާޒީއަކަށް ނަސޭހަތް ދީފި

ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ގާޒީ ރަފީޢުއްދީން އަޙްމަދު: އޭނާއަށް ނަސޭހަތް ދިނުމަށް ވަނީ ނިންމާފައި

މައްސަަލައެއްގެ އަޑުއެހުންތަށް ނިމުމަށްފަހު ހުކުމް ކުރުން ލަސް ކުރުމުން ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ގާޒީ ރަފީޢުއްދީން އަޙްމަދަށް ނަސޭހަތް ދިނުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

ޖޭއެސްސީން މިއަދު ބުނީ, ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ބެލި މައްސަލައެއްގެ އަޑުއެހުންތައް ނިމުނު ފަހުން ތިރީސް ދުވަހުގެ ތެރޭގައި ހުކުމް ކުރުމުގެ މަޖިލިސް ބާއްވާފައި ނުވާ ކަމަށެވެ.

އެކަމާ ގުޅިގެން އެއްކުރި މައުލޫމާތުން އެނގޭ ގޮތުގައި މައްސަލައިގެ ހުކުމް ކޮށްފައިވަނީ ހުލާސާ ބަޔާން ނިމުނު ދުވަހުން ފެށިގެން 157 ދުވަސް ފަހުން ކަމަށެވެ. އެކަން ގާޒީ ރަފީޢުއްދީން އަޙްމަދުގެ ވާހަކަތަކުން އެނގޭ ކަމަށް ވެސް ޖޭއެސްސީން ވަނީ ބުނެފައެވެ.

ގާނޫނުގައި ބުނާ 30 ދުވަހުގެ ތެރޭގައި މައްސަލައިގެ ހުކުމް ކޮށްފައިނުވަނީ މައްސަލަ ނިންމަން އޭނާއަށް އެކަށީގެންވާ ވަގުތު ލިބިމަށްފަހު ކަމަށާއި އެއީ މެޖިސްޓްރޭޓް ރަފީއުއްދީންގެ އިހުމާލުން ކަން ތަހުގީގަށް ސާބިތުވާ ކަމަށް ވެސް ޖޭއެސްސީން ވަނީ ބުނެފައެވެ.

އެހެންކަމުން ފިޔަވަޅެއްގެ ގޮތުގައި އޭނާއަށް ނަސޭހަތްދިނުމަށް ޖޭއެސްސީން ވަނީ ނިންމާފައެވެ.

comment ކޮމެންޓް