ދިވެހި ފުލުހުންގެ ޚިދުމަތުން ބާއްވަމުން އަންނަ އަމާންވެށީގެ އަށްވަނަ ޕްރޮގްރާމްގެ ދަށުން ފުލުހުންގެ 100ވަނަ ފުރާވަރު ކޭމްޕު ށ. މިލަންދޫގައި ބާއްވައިފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް މިލަންދޫ ސްކޫލުގެ ފުރާވަރު ކުދިންނަށް އަމާޒުކޮށްގެން ހިންގި އެ ކޭމްޕުގައި ޖުމްލަ 153 ދަރިވަރުން ބައިވެރިވިއެވެ. އޭގެ ތެރޭގައި 73 އަންހެން ދަރިވަރުންނާއި 80 ފިރިހެން ދަރިވަރުން ހިމެނެއެވެ.
ފުލުހުން ބުނީ އެ ދަރިވަރުންނަށް ހިންގުނު ކޭމްޕުގެ އިތުރުން އެ ކުދިންގެ ބެލެނިވެރިންނަށް އަމާޒުކޮށްގެން ވެސް ހުނަރުތައް ކުރިއެރުވުމުގެ ބައެއް ސެޝަންތައް ކުރިއަށް ދެންދިޔަ ކަމަށެވެ. އެ ސެޝަންތަކުގައި އެ ސްކޫލުގެ 201 ބެލެނިވެރިއަކު ބައިވެރިވިއެވެ.

100ވަނަ ފުރާވަރު ކޭމްޕު ށ. މިލަންދޫގައި -- ސަން ފޮޓޯ
ފުލުހުންގެ ފުރާވަރު ކޭމްޕަކީ ދިރިއުޅުމުގެ ތަފާތު އެކި ކަންކަމަށް ދަރިވަރުން އަހުލުވެރި ކުރުވައި ދިރިއުޅުމުގެ މައިދާނަށް ނުކުތުމަށް ދަސްކޮށްދިނުމުގެ މަގްސަދުގައި ކުރިއަށްގެންދާ ކޭމްޕެކެވެ.
މި ކޭމްޕުގައި ދަރިވަރުންނަށް ފިލާވަޅުތައް ނަގައިދީފައިވަނީ އަމަލީ އެކިއެކި ހަރަކާތްތަކުގެ ތެރެއިންނެވެ.
ދަރިވަރުންނަށް ނަގައިދިން މުހިންމު ފިލާވަޅުތަކުގެ ތެރޭގައި ދީނީ ކަންކަމަށް ސަމާލުކަން ދިނުމާއި، ދީނީ އާދަކާދަތަކަށް އަހުލުވެރިކުރުވުމުގެ އިތުރުން ދަރިވަރުންނާ ގުޅުންހުރި ގާނޫނުތަކާއި ގަވާއިދުތަކުގެ މައުލޫމާތު ހިއްސާކުރުން ހިމެނެއެވެ.
އަދި މަދަރުސީ ތައުލީމުގެ ތެރެއިން ދަރިވަރުންގެ ދިރިއުޅުން ބައްޓަންކުރުމަށް އިސްކަންދޭންވީ ކަންކަމުގެ މައުލޫމާތާއި ގަޑިން ގަޑިއަށް ކަންކަންކުރަން ދަސްކޮށްދީ އަމިއްލަ ސަލާމަތާއި ރައްކާތެރިކަމާއި ސާފުތާހިރުކަމަށް މަސައްކަތްކުރާނެގޮތް ދަސްކޮށްދީފައިވެއެވެ.
ހަމައެއާއެކު މައިންބަފައިންނާއި އެހެން މީހުންނަށް އިހުތިރާމްކުރުމުގެ ރިވެތި ސިފަ އަށަގެންނެވުމާ އަދި އާންމު އިޖުތިމާއި މިންގަނޑާ ހިލާފު ކަންކަމުން ރައްކާތެރިވުމަށް މައުލޫމާތުދީފައިވެއެވެ.
ފުލުހުންގެ މި ހަރަކާތުގެ މީޑިއާ ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސައިފައިވަނީ އެސްއެސް ޓީވީއެެވެ.