ދެ އަހަރު ކުރިން ކުޅުދުއްފުށީ ކައުންސިލުން ގަތް ވޭނެއް؛ އަދިވެސް ބޭނުން ނުކުރެވޭ

ކުޅުދުއްފުށި ސިޓީ. (ފޮޓޯ/އަބޫއިޝް)

މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ހދ ކުޅުދުއްފުށީ ކައުންސިލުން ބިޑަށް ލައިގެން ހޯދި ވޭނެއް ބޭނުންނުކުރެވި، ކައުންސިލަށް މާލީގޮތުން ބޮޑު ބުރައަކަށް ވެއްޖެއެވެ.

ކުޅުދުއްފުށީ ކައުންސިލަށް ވޭނެއް ބޭނުންވެގެން 2020 ވަނަ އަހަރުގެ އޮކްޓޯބަރުމަހު ބިޑަށް ހުޅުވާލައި، ވޭން ގެނެސްފައިވަނީ 2021 ވަނަ އަހަރުގެ ޖެނުއަރީމަހުގެ 21 ވަނަ ދުވަހެވެ.

އޮޑިޓަރ ޖެނެރަލް ނެރުއްވާފައިވާ ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ 2021 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ، 2021 ވަނަ އަހަރު ގެނައި އެ ވޭން ރަޖިސްޓްރީ ނުކުރެވި ދެ އަހަރަށްވުރެ ގިނަ ދުވަސް ވެފައި ވާކަމަށެވެ.

އޮޑިޓް ރިޕޯޓްގައި ވާގޮތުން ކުޅުދުއްފުށީ ކައުންސިލުން ވަނީ ލިކުއިޑޭޓެޑް ޑެމޭޖަސް އަށްވާ 48,930 ރުފިޔާ އާއި ރިޓެންޝަން ފައިސާއަށްވާ 34,950 ރުފިޔާ އުނިކުރުމަށް ފަހު ވޭނުގެ އަގަށްވާ 615,120 ރުފިޔާ ވޭން ސަޕްލައިކުރި ކުންފުންޏަށް ދައްކާފައެވެ.

ވޭނު ގަތުމުގެ އެއްބަސްވުމުގައިވާ ގޮތުން ކައުންސިލްގެ ނަމަށް ވޭން ރަޖިސްޓްރީ ކޮށްދިނުމަކީ ވެސް ވޭން ސަޕްލައިކޮށްދިން ފަރާތުގެ ޒިއްމާއެކެވެ.

އޮޑިޓު ރިޕޯޓުގައި ވާގޮތުން ވޭން ރަޖިސްޓްރީ ކުރެވިފައިނުވަނީ ވޭން ރަޖިސްޓްރީކުރުމަށް ޓްރާންސްޕޯޓަށް ހުށަހެޅި ލިއުންތަކުގައި މައްސަލަ ހުރެގެންނެވެ. ޓްރާންސްޕޯޓުން އޭރު އެ ލިޔުންތައް ބެލިބެލުމުން އެނގުނު ގޮތުގައި އެ އުޅަނދަކީ އުމުރު ހަމަވެފައިވާ އުޅަނދެކެވެ.

މިކަން ޓްރާންސްޕޯޓުން އޭރު ވަނީ ކުޅުދުއްފުށީ ކައުންސިލަށް އަންގާފައެވެ.

ކުޅުދުއްފުށީ ކައުންސިލުގެ އޮޑިޓުގައިވާ ގޮތުގައި ކައުސިލުން ހޯދި އެ ވޭނަކީ، ކައުންސިލުން ބަޔާންކުރި ޝަރުތުތައް ހަމަވާ އުޅަނދެއް ވެސް ނޫނެވެ.

މިގޮތުން ކައުންސިލްގެ މައުލޫމާތު ޝީޓްގައި އުޅަނދު އުފެއްދި ތާރީހެއް ކަމަށް 2017 ވަނަ އަހަރުން 2020 ވަނަ އަހަރަށް ބަޔާންކޮށްފައި އޮތް ނަމަވެސް އެ އުޅަނދަނީ 2012 ވަނަ އަހަރު އުފައްދާފައިވާ ވޭނެއްކަން އެނގެން އޮންނަ ކަމަށް އޮޑިޓަށް ވަނީ ފާހަގަވެފައެވެ. އަދި އެންމެ ގިނަވެގެން 25،000 ހާސް ކިލޯ މީޓަރާ ހަމަޔަށް ދުއްވާފައި އޮންނަން ޖެހޭނޭކަމަށް ބަޔާންކުރި ނަމަވެސް އެ ވޭން ވަނީ 84,984 ކިލޯ މީޓަރަށް ދުއްވާފައެވެ.

އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ، ވޭން ރަޖިސްޓްރީ ނުކުރެވި ދިގުލައިގެން ދިއުމުން ކައުންސިލުން ކުރެވޭނެ ގިނަ ދަތުރުތަކެއް ނުކުރެވި، ދަތުރުފަތުރަށް އިތުރު ޚަރަދުތަކެއް ކުރަންޖެހިފައިވާ ކަމަށެވެ. އަދި ކައުންސިލްގެ އެހެން ކަންކަމަށް ބޭނުންކުރެވޭނެ ގިނަ އަދަދެއްގެ ފައިސާ ވޭން ސަޕްލައިކޮށްދިން ފަރާތަށް ހަވާލުކޮށްފައިވާ ކަމަށްވެސް އޮޑިޓް ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ.

ކުޅުދުއްފުށީ ސިޓީ ކައުންސިލުން މި މައްސަލަ އެ ސިޓީގެ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާއިރު، މި މައްސަލައަކީ މިހާރު ކޯޓުގައި ހިނގަމުންވެސްދާ މައްސަލައެކެވެ.

"ސަން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކުޅުދުއްފުށީ ކައުންސިލަށް ވޭން ސަޕްލައިކޮށްދިން ކުންފުނިން ވަނީ ބޭންކް އޮފް މޯލްޑިވްސް އަށްވެސް އޭގެ ވޭނެއް ގެނެސްދިނުމަށް މަސައްކަތްކޮށްފައެވެ. ނަމަވެސް ފައިސާ ދެއްކުމުގެ މުއާމަލާތުގެ ކުރިން ބޭންކަށް އެކަން އެނގިގެން އެ މުއާމަލާތް ވަނީ ކެންސަލްކޮށްފައެވެ

comment ކޮމެންޓް