އިލެކްޝަންސް ކޮމިޝަނުން މަސައްކަތްކުރަނީ އަލަށް އުފައްދަން މަސައްކަތްކުރާ 'ދަ ޑިމޮކްރެޓްސް' އުފެދިދާނެތީ އެ ކަމަށް ދަތިކުރުމަށްކަމަށް ޕާޓީ އުފެއްދުމަށް އިސްކޮށް ހަރަކާތްތެރިވާ އެ ޕާޓީގެ މުއައްސިސް ހަސަން ލަތީފް މިއަދު ވިދާޅުވެއްޖެއެވެ.
އިލެކްޝަންސް ކޮމިޝަނަށް ވަޑައިގަތުމަށްފަހު މިއަދު ނޫސްވެރިންނާ ވަހަކަދައްކަވަމުން ހަސަން ލަތީފް ވިދާޅުވީ ޑިމޮކްރެޓްސް އުފެއްދުމަށް 3،560 ފޯމު ޖޫން މަހުގެ އެއްވަަނަ ދުވަހު ހުށަހަޅައިފައިވާކަމަށާއި އެ ދުވަހުން ފެށިގެން އެ ކޮމިޝަނުގައި އެދިގެން އެ ފޯމުތައް ޕްރޮސެސްކުރުމުގެ ފަހުގެ މައުލޫމާތުތައް ހޯދަމުން އައިކަމަށެވެ.
އެއާއެކު 3،000 ސައްހަ ފޯމު އޮތްކަމުގެ އެ ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގް ޔަގީންކަން ދެއްވައިފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އެއާއެކު ޕާޓީ އުފައްދަން ބާއްވަންޖެހޭ ފުރަތަމަ ޖަލްސާ ބޭއްވުމުގެ ހުއްދަ ވެސް އަވަސްވުމަކީ އޮންނަ އުސޫލުކަމަށް އޭނާ ވިދާޅުވިއެވެ.
"އެއްވެސް ޝައްކެތް ވަސްވާހެއް ނެތް މިންވަރަށް ތިމަންނާއަށް [އީސީގެ ރައީސް ފުއާދަށް] އެބަ ޔަގީންވެޔޭ 3،000 ސައްހަ ފޯމު އެބައޮތްކަން. އެހެންވީމާ އެހެންޏާ ވެސް އަމަލުކުރާނެ ގޮތަކީ 3،000 ސައްހަ ފޯމު އޮތްކަމަށް ވަންޏާ ޕާޓީ އުފެއްދުމުގެ ޖަލްސާ ބޭއްވުމުގެ ހުއްދަ ދޭނީއޭ. އެހެންވީމާ އެއީ އޭ އަމަލުކުރާނެ ގޮތަކީ،" ފުއާދާ ހަވާލައިދެއްވައި ހަސަން ލަތީފް ވިދާޅުވިއެވެ.
ހަސަން ލަތީފް ވިދާޅުވީ ފުއާދު އެ ފަދައިން ވިދާޅުވި ނަމަވެސް އެ ކޮމިޝަނުގެ އެހެން މެމްބަރުންގެ ޚިޔާލު އެ ކަމުގައި ތަފާތުވެ ފޯމުތައް ޗެކުކުރުމުގައި އެހެން އާ ގޮތްތަކެއްް ބޭނުންކުރަމުން އަންނަކަމަށެވެ. އެއީ ހުއްދަ ދިނުން ލަސްވާ ސަބަބުގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ.
އެގޮތުން މީގެ ކުރިން މިދިޔަ ބުރާސްފަތި ދުވަހު ޕާޓީ އުފައްދަން ބާއްވާ ޖަލްސާ ބޭއްވުމުގެ ހުއްދަ އެ ކޮމިޝަނުން ދޭނެކަމަށް ބުނި ނަމަވެެސް އެ ހުއްދަ ނުދޭކަމަށް އޭނާ ވިދާޅުވިއެވެ.
"ދެން އަޅުގަނޑުމެންނަށް އެނގޭ މި ޕާޓީ އުފެއްދުމަށް އަޅުގަނޑުމެން ފޯމު ހުށަހެޅުމާއި މި ކަންކަން ކުރީމާ ވަރަށް އާދަޔާ ޚިލާފު ކަންކަން ވެގެންދިޔައީ. އެއް ކަަމަކަށް މި އިލެކްޝަންސް ކޮމިޝަނަށް އަޅުގަނޑުމެން މި 3،560 ފޯމު ހުށަހެޅި ދުވަހު އެ ރޭ އަޅުގަނޑުމެންނަށް ފެނިއްޖެ އެ ފޯމުތަކުގައި ހުރި މައުލޫމާތު ރާއްޖޭގެ އެތައް މިތަނުން ކޮންމެވެސް ގޮތަކުން ލީކުވެގެން އެ މައުލާމާތު އެނގި ރާއްޖޭގެ ރަށްރަަށުގެ އެކި ބޭފުޅުން ގެންގުޅުއްވާކަން،" އޭނާ ވިދާޅުވިއެވެ.
އޭނާ ވަނީ ކުއްލިއަކަށް އިލެކްޝަންސް ކޮމިޝަނުގެ ގަވައިދުތައް ބަދަލުކުރުމާއި އެ ނޫން ވެސް ލަސްތަކަކީ އެ ކޮމިޝަނުގެ ތެރެއިން ޑިމޮކްރެޓްސް އުފައްދަން ދަތިކުރުމަށް ކުރާ ކަންކަމުގެ ގޮތުގައި ސިފަކުރައްވައިފައެވެ.
ހުއްދަ ލަސްކުރުމުގެ ސަބަބުން ދިމާވާނެ ދަތިތަކުގެ ވާހަކަ ތަފްސީލްކޮށް ހިއްސާކުރި ނަމަވެސް އެކަށީގެންވާ އިޖާބައެއް އެ ކޮމިޝަނުން ނުދިންކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން އިލެކްޝަންސް ކޮމިޝަނަށްވާނެ ތަފްސީލްކޮށް ކިޔައިދީފައި ކަލަންޑަރުގައި ދުވަސްތައް ހުރި ގޮތާއި މުއްދަތުތަކާއި ތާރީޚުތައް އޭގައި ހިމަނައިގެން އަޅުގަނޑުމެން ކެނޑީޑޭޓަކު ނެރުމަށް މަސައްކަތްކުރަމޭ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ކެނޑީޑޭޓަކު ހުންނާނެ،" ހަސަން ލަތީފް ވިދާޅުވިއެވެ.
އޭނާ ވަނީ އެ ޕާޓީ އުފެެއްދުމުގެ ހުއްދަ ދިނުމަށްޓަކައި އެ ކޮމިޝަނުގެ ތެރެއިން ކުރަންޖެހޭ ކަންކަން އަވަހަށް ކުރުމަށް ގޮވައިލައްވައިފައެވެ.