މައްކަތުލްމުކައްރަމާ (18 ޖޫން): ކޮވިޑް-19ގެ ބަލިމަޑުކަމުގެ ކުރީގެ އަހަރުތަކުގައި ހައްޖަށް ދާ މީހުންގެ އަދަދާ އެއްވަރަށް މިއަހަރު ހައްޖަށް ދާ މީހުންގެ އަދަދު އަރާނެކަމަށް ސައޫދީ އަރަބިއާގެ ސަރުކާރުން ބުނެފިއެވެ.
ހައްޖުގެ ކަންކަމާބެހޭ ސައޫދީ ވުޒާރާގެ ވަކީލު މުހައްމަދުލް ބީޖާވީ ވިދާޅުވިގޮތުގައި މިއަހަރު 2.5 މިލިޔަން މީހުން ހައްޖުގެ އަޅުކަމުގައި ބައިވެރިވާނެކަމަށް ވަނީ ބެލެވިފައެވެ. ކޮވިޑް-19ގެ ބަލިމަޑުކަމުގެ ކުރިއަށް ބަލާއިރު އަހަރަކު 2.5 މިލިޔަން މީހުން ހައްޖުގެ އަޅުކަން އަދާކުރުމަށްޓަކައި ސައުދީއަށް ދެއެވެ.
ހައްޖުވެރިންގެ ގޮތުގައި މިހާތަނަށް ގާތްގަނޑަކަށް 1.4 މިލިޔަން މީހުން ސައޫދީއަށް ގޮސްފައިވާއިރު މި ހަފުތާގެ ނިޔަލަށް 2.3 އާއި 2.5 މިލިއަނާ ދެމެދުގެ މިންވަރަކަށް ހައްޖުވެރިން ސައޫދީއަށް އަންނާނެކަމަށް ބެލެވޭކަމަށް ބީޖާވީ ވިދާޅުވިއެވެ.
ކޮވިޑްގެ ބަލިމަޑުކަމުން ދުނިޔެ އަރައިގެންފައިވީނަމަވެސް އެބަލިވެސް ރޯގާއެއްގެ ގޮތުގައި ދުނިޔޭގެ ގައުމުތަކުގައި މަޑުމަޑުން ނަމަވެސް އަދިވެސް ފެތުރެމުން ދެއެވެ. ކޮވިޑް އާ ދެކޮޅަށް އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ސައޫދީވެސް ހިމެނޭގޮތަށް ދުނިޔޭގެ ހުރިހާ ގައުމަކުންވެސްވަނީ އުވާލާފައެވެ.
ނަމަވެސް ސައޫދީ ސަރުކާރުން ހައްޖުވެރިންނަށް އިލްތިމާސް ކޮށްފައިވަނީ ހައްޖުގެ އަޅުކަމުގެ ތެރޭގައި އެންމެން އެކުގައި އުޅެންޖެހޭ ހުރިހާ ވަގުތުތަކެއްގައިވެސް މާސްކް އަޅައިގެން އުޅުމަށެވެ. އަދި އަތްދޮވުމާއި ސެނެޓައިޒާ ފަދަ ތަކެތި ބޭނުންކޮށްގެން އަތް ސާފުކުރުމުގެ ކަންތައްވެސް ކޮވިޑްގެ ދުވަސްވަރުގައި ކުރިޔަށްގެންދިޔަ ގޮތަށް ކުރިޔަށް ގެންދިޔުމަށް ހައްޖުގެ ކަންކަމާބެހޭ ސައޫދީ ވުޒާރާއިންވަނީ ހައްޖުވެރިންނަށް އިލްތިމާސްކޮށްފައެވެ.
ބީޖާވީ ވިދާޅުވިގޮތުގައި މިއަހަރުގެ ހައްޖުގެ ކަންކަމަށް ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް މިހާރުވަނީވެ ނިމިފައެވެ. މީގެތެރޭގައި ސަލާމަތީ ކަންކަމާއި ސިއްހީ ކަންކަމާއި މިނާއާއި އަރަފާތުގައި ހައްޖުވެރިންނަށް ދޭންޖެހޭ ޚިދުމަތްތަކުގެ ތައްޔާރީތައް ހިމެނޭކަން އޭނާ ފާހަގަކުރެއްވިއެވެ.