ޝަރުއީ ދާއިރާގެ މުވައްޒަފުންނަށް ސިޔާސީ ހަރަކާތްތައް ހިންގައި ޖަމިއްޔާ ޖަމާއަތްތަކުގެ މެމްބަރުކަން ކުރެވޭނެ ގޮތަށް 'ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ޤަވާއިދު' އިސްލާހުކޮށްފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހު އާންމުކުރި 'ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ކޯޑް އޮފް ކޮންޑަކްޓް' އާއެކު ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދު ވަނީ ބައެއް ބާބުތަކާއި މާއްދާތައް ބާތިލުވެފައެވެ. އަދި އެ ގަވާއިދުގައި ހިމެނޭ ބައެއް ބާބުތަކަށް ވަނީ އިސްލާހު ގެނެސްފައެވެ.
ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދުުން އުވާލި ބާބުތަކުގެ ތެރޭގައި، ގަވާއިދުގެ 2، 22، 26 އަދި 27 ވަނަ ބާބު ހިމެނެއެވެ. އަދި ގަވާއިދުން އުވާލި މާއްދާތަކުގެ ތެރޭގައި 4، 5، 6، 10، 11، 12، 13 އަދި 14 ވަނަ މާއްދާ ހިމެނެއެވެ.
އޭގެ ތެރޭގައި ޝަރުއީ ދާއިރާގެ މުވައްޒަފުން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުން އުވާލައި ސިޔާސީ ހަރާކާތްތަކުގައި ބައިވެރިވެވޭނެ ގޮތަށް، އިސްލާހުތަކާ އެކު ކޯޑް އޮފް ކޮންޑަކްޓުގައި ވަނީ ހިމަނާފައެވެ.
މިހާރު އަމަލުކުރަން ފަަށާފައިވާ ކޯޑް އޮފް ކޮންޑަކްޓުގައި، ސިޔާސީ ހަރާކާތްތަކުގައި ބައިވެރިވުމާ ގުޅޭ އުސޫލުތައް ހިމަނާފައިވަނީ، ޝަރުއީ ދާއިރާގެ މިނިވަންކަން ހިފެހެއްޓުމާއި އިތުބާރު ދެމެހެއްޓުމުގެ މާއްދާގެ ތެރޭގައެވެ. މި މާއްދާގައި ބުނެފައިވަނީ، އެއްވެސް މުވައްޒަފެއްގެ ނަޒާހާތްތެރިކަމާ މެދު ސުވާލު އުފެދިދާނެ އެއްވެސް ކަމެއް ކޮށްގެން ނުވާނެ ކަމަަށާއި ޝަރުއީ ދާއިރާގެ މިނިވަންކަމާއި އެ ދާއިރާއަށް ރައްޔިތުންކުރާ އިތުބާރަށް އުނިކަން އަންނާނެ ކަންކަން ކުރުމުން ދުރުހެލިވާންވާނެ ކަމަށެވެ.
މީގެ ތެރޭގައި ސިޔާސީ ހަރަކާތް މާނަކޮށްފައިވަނީ ސިޔާސީ ވަކި ޕާޓީއެއް ނުވަތަ ސިޔާސީ މަގާމަށް ވާދަކުރާ ވަކި ކެންޑިޑޭޓެއްގެ މަގުބޫލުކަން އިތުރުކުރުމަށް ނުވަތަ މަގުބޫލުކަން ކުޑަކުރުމަށް ހިންގާ ހަރަކާތްތަކާއި އާއްމުންގެ މެދުގައި ސިޔާސީ ގޮތުން ދެބަސްވުން އުފެދިފައިވާ ނުވަތަ އުފެދިދާނެ ކަންކަމާ ގުޅޭ ބަހުސްތަކާއި ކެމްޕެއިންތަކެވެ.
އެހެންނަމަވެސް ސިޔާސީ ހަރަކާތްތަކުގެ ތެރެއިން ޝަރުއީ ދާއިރާގެ މުވައްޒަފުންނަށް ބައިވެރިވެވިދާނެ ކަންތައްތަކެއް ބަޔާންކޮށް، އެ މާއްދާގައި ވަނީ ހިމަނާފަވެ. އެއީ:
- ސިޔާސީ ޕާޓީއެއް ނުވަތަ ސިޔާސީ ހަރަކާތެއް ހިންގާ ޖަމިއްޔާއެއް ނުވަތަ ޖަމާއަތެއްގެ މެންބަރަކަށް ވުން.
- ސިޔާސީ ޕާޓީއެއްގެ ނުވަތަ ސިޔާސީ ހަރަކާތެއްގެ އެތެރޭގެ އިންތިހާބެއްގައި ވޯޓުލުން.
- އަމިއްލައަށް ވޯޓުލާ މަރުކަޒަށް ހާޒިރުނުވެވޭ ތިމާގެ މީހަކު ވޯޓުލާ މަރުކަޒަށް ހާޒިރުވުމުގައި އެހީތެރިވެދީ އުޅުން.
- އާއްމުންގެ މެދުގައި ބައިބައިވުން އުފެދިފައި ނުވާ ނުވަތަ އުފެދިދާނޭ ކަމަށް ނުބެލެވޭ އަދި އެ ކަމެއްގައި އުޅުމުގެ ސަބަބުން ޝަރުއީ ދާއިރާގެ މިނިވަންކަމަށް ނުވަތަ އެ ދާއިރާއަށް ކުރާ އިތުބާރަށް ނޭދެވޭ އަސަރުނުކުރާނޭ ނުވަތަ ނަޒާހާތްތެރިކަމާ މެދު ސުވާލު ނުއުފެދޭނެ ފަދަ އިޖްތިމާއީ ހަރަކާތްތަކުގައި ބައިވެރިވުން.