މަހިބަދޫއަށް މަސްތުވާތަކެތި ގެންދިޔަ މީހަކު 12 އަހަރަށް ޖަލަށްލައި، 50،000 ރުފިޔާއިން ޖޫރިމަނާކޮށްފި

މަހިބަދޫ: މަހިބަދޫގައި ޑްރަގު ގެންގުޅުނު އައްޑޫ މީހަކު 12 އަހަރަށް ޖަލަށް -- ފޮޓޯ/ ގެސްޓްހައުސަސް އޮފް މޯލްޑިވްސް

މާލެއިން، މަހިބަދޫއަށް މަސްތުވާތަކެތި ގެންދިޔަ މީހަކު 12 އަހަރާއި ހަ މަހަށް ޖަލަށްލައި، 50،000 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.

މަހިބަދޫއަށް މަސްތުވާތަކެތި ގެންދިޔަ މައްސަލައިގައި، އެ ރަށު ކޯޓުގެ މެޖިސްޓްރޭޓް އާމިނަތު ނިޔާޝާ، 12 އަހަރާއި ހަ މަސް ދުވަހުގެ ހުކުމަކާއެކު ބައި ލައްކަ ރުފިޔާގެ ޖޫރިމަނާއެއް ކުރީ، އައްޑު ސިޓީ ހިތަދޫ، ލެވީނިއާ މުހައްމަދު ޒުނާން ނަޖުމީގެ މައްޗަށެވެ.

އަންގާރަ ދުވަހު ނިންމި މި މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި މަހިބަދޫ ބަނދަރު މަތިން މި މީހާ ހައްޔަރުކުރީ، ފުލުހުންގެ އިންޓެލިޖެންސްއަށް ލިބުނު މައުލޫމާތަކާއެކު، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ފަސްވަނަ ދުވަހު ހަވީރުގެ ވަގުތެއްގައެވެ.

ފުލުހުން އޭނާ ހިފަހައްޓައި ބެލިއިރު، އޭނާ ގެންގުޅުނު ދަބަހަކުން މަސްތުވާތަކެތި ފެނިފައިވެއެވެ.

މި މައްސަލައިގައި ދައުލަތުން އޭނާގެ މައްޗަށް އުފުލީ، ކެނެބިސް ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާއެވެ. މި ދައުވާއަށް އޭނާ ޝަރިއަތުގައި އެންމެ ފުރަތަމަ ކުރީ އިންކާރެވެ. އަދި ދައުވާގެ ދިފާއުގައި އޭނާ ހުށަހަޅާފައި ވަނީ ދައުލަތުންވެސް ހުށަހެޅި ހެކިންނެވެ. އެކަމަކު، މި އަހަރުގެ ސެޕްޓެމްބަރު މަހު އޭނާ ވަނީ ދައުލަތާއެކު އިއުތިރާފުގެ އެއްބަސްވުމެއް ހަދަން ހުށަހަޅައިފައެވެ.

ދައުލަތާއެކު ހެދި އިއުތިރާފު އެއްބަސްވުމާއެކު އޭނާ ކުށަށް އިއުތިރާފުވުމުން، އޭނާގެ އެއްބަސްވުން ޝަރީއަތަށް ބަލައިގަނެ އަދަބު ލުއިކޮށްދޭން ނިންމިއެވެ. އެހެންކަމުން، 25 އަހަރުގެ ހުކުމެއް އަންނަ މި މައްސަލައިގެ އުގޫބާތުން ދެބައިކުޅަ އެއްބައި ޝަރިއަތުން ލުއިކޮށްދިނެވެ.

އަދަބު ލުއިކޮށްދިނުމާއެކު، އޭނާ މި މައްސަލައިގައި ބަންދުގައި ހުރި މުއްދަތު އުނިކުރުމުން ދެން އޭނާ ތަންފީޒު ކުރަން ޖެހޭ މުއްދަތަކީ 11 އަހަރާއި ދެ މަހާއި 26 ދުވަހެވެ.

comment ކޮމެންޓް