ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމުގެ ގޯލްކީޕަރު މުހައްމަދު ފައިސަލަށް އަނިޔާވެ، ސާފް ޗެމްޕިއަންޝިޕްގައި އޭނާއަށް ނުކުޅެވޭނެކަން ކަށަވަރުވެއްޖެއެވެ.
ގައުމީ ޓީމުން ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން ޖަޕާނުގައި ތަމްރީނުތައް ފުރިހަމަކުރުމަށްފަހު، މިދިޔަ ދެ ދުވަހު ތަމްރީނުތައް ކުރިއަށް ގެންގޮފައިވަނީ ސްރީލަންކާގެ ކޮލަމްބޯގައެވެ. އަދި ގައުމީ ޓީމު މުބާރާތަށް މިއަދު އިންޑިއާގެ ބެންގަލޫރަށް ފުރުމަށް ހަމަޖެހިފައިވެއެވެ.
އަނިޔާގެ ތަފްސީލުދެމުން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނީ ފައިސަލްގެ ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން ސާފް ޗެމްޕިއަންޝިޕުން އޭނާ ނުފެންނާނެ ކަމަށާއި އޭނާއަށް އަނިޔާވެފައިވަނީ ޖަޕާނުގައި ކުރިއަށްގެންދިޔަ ތަމްރީނުގެ ތެރެއިން ކަމަށެވެ. އަދި ކޮލަމްބޯގައި ފައިސަލް އިތުރު ޓެސްޓުތަކެއް ހަދާފައިވާ ކަމަށް ވެސް އެފްއޭއެމުން ބުންޏެވެ.
ފައިސަލަށް އަނިޔާވުމުން އޭނާގެ ބަދަލުގައި މިހާރު ގައުމީ ޓީމަށް ނަގާފައިވަނީ ޔުނައިޓެޑް ވިކްްޓަރީ (ޔޫވީ)ގެ ގޯލްކީޕަރު އަލީ ނާޖިހުއެވެ. އޭނާއާއެކު ދެން ސްކޮޑުގައި ހިމެނޭ ކީޕަރުންނަކީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުގެ ހުސައިން ޝަރީފް އަދި ކްލަބު އީގަލްސްގެ މުހައްމަދު ޝަފީއު (ޗެކް) އެވެ.
މިހާރު މާޒިޔާއަށް ކުޅެމުންދާ ފައިސަލަކީ ގައުމީ ޓީމުގެ އެންމެ ތަޖުރިބާކާރު އެއް ކުޅުންތެރިޔާއެވެ. މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ވެސް ރާއްޖޭގެ ގޯލު ބަލަހައްޓާނެ ކަމަށް ކުރިން ބެލެވިފައިވަނީ ފައިސަލެވެ. ސަތާރަ އަހަރަށްފަހު ގައުމީ ޓީމުގެ ގޯލު ބެލެހެއްޓުމަށްފަހު 2016 ވަނަ އަހަރު ކީޕަރު އިމްރާން މުހައްމަދު ރިޓަޔާކުރުމާއެކު ގިނަ މެޗުތަކުގައި ރާއްޖޭގެ ގޯލު ބަލަހައްޓާފައިވަނީ ފައިސަލެވެ. އޭނާ ވަނީ 2018 ވަނަ އަހަރު ބަންގުލަދޭޝްގައި ބޭއްވި ސާފް ޗެމްޕިއަންޝިޕް ރާއްޖެއަށް ކާމިޔާބުކޮށްދިނުމަށް އިސް ދައުރެއް އަދާކޮށް، އެ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދައިފައެވެ.
އިންޑިއާގެ ބެންގަލޫރުގައި އަންނަ ބުދަ ދުވަހު ފަށާ ސާފް ޗެމްޕިއަންޝިޕަށް ރާއްޖެއިން ތަމްރީނުތައް ފަށާފައިވަނީ މިދިޔަ މަހުގެ 21 ގައެވެ. ރާއްޖޭގައި ތަމްރީނުތައް ފުރިހަމަކުރުމަށްފަހު، ގައުމީ ޓީމު އިތުރު ތަމްރީނުތަކަށް ޖަޕާނަށް ފުރާފައިވަނީ މިމަހުގެ ފަސްވަނަ ދުވަހުއެވެ.
ޖަޕާނުގެ ފުކުޝީމާގެ "ޖޭ ވިލެޖް ޓްރައިނިން ސެންޓަރު" ގައި ގައުމީ ޓީމުން ވަނީ މިމަހުގެ ހަވަނަ ދުވަހުން ފެށިގެން މިދިޔަ ބުދަ ދުވަހުގެ ނިޔަލަށް ފަރިތަކުރުންތައް ކުރިއަށްގެންގޮސްފައެވެ. އެއަށްފަހު މިދިޔަ ބުރާސްފަތި ދުވަހު ކޮލަމްބޯ މަގުން ބަންގަލޫރަށް ދަތުރުކުރުމަށް ހަމަޖެހިފައިވީ ނަމަވެސް، ފުލައިޓު ކެންސަލްވުމުން ދެ ދުވަހު ކޮލަމްބޯގައި މަޑުކުރިއެވެ.
ޖަޕާނުގައި ކުރިއަށްގެންދިޔަ ތަމްރީނުގެ ތެރެއިން ގައުމީ ޓީމުން އެކުވެރިކަމުގެ މެޗެއް ކުޅުމަށް ކުރިން ތާވަލުކުރިއެވެ. ނަމަވެސް ވިއްސާރައިގެ ސަބަބުން އެ މެޗު ވަނީ ކެންސަލްކޮށްފައެވެ. އެހެންކަމުން ސާފް ޗެމްޕިއަންޝިޕަށް ގައުމީ ޓީމު ނުކުންނާނީ ވާދަވެރި މެޗެއް ނުކުޅެއެވެ.
އެކަމާ ގުޅޭގޮތުން އެފްއޭއެމުން ބުނީ އެ މެޗު ކެންސަލްކޮށްފައިވަނީ ބޯކޮށް ވާރޭ ވެހެމުންދިއުމާ ގުޅިގެން ރެފްރީ އާއި ދެ ޓީމުން އެއްބަސްވެގެން ކަމަށާއި އެ މެޗު ކެންސަލްކުރަން ޖެހުނު ނަމަވެސް, ޓީމުގެ ތަމްރީނުތައް ދިޔައީ ވަރަށް ރަނގަޅަށް ކަމަށެވެ.
ސާފް ޗެމްޕިއަންޝިޕަށް ނުކުންނަ އެހެން ޓީމުތަކުން ދަނީ ވާދަވެރި މެޗުތައް ކުޅެމުންނެވެ. ބައެއް ޓީމުތަކުން މުބާރާތްތަކުގައި ވާދަކުރަމުންދާ އިރު، އެހެން ޓީމުތަކުން ވަނީ ވަރުގަދަ ޓީމުތަކާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅެފައެވެ.
މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނެނީ ބަންގުލަދޭޝް އާއި ބޫޓާން އަދި ލުބުނާންއާއެކު "ގްރޫޕު ބީ" ގައެވެ. އެ ގްރޫޕުގެ ފުރަތަމަ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހުއެވެ. ގްރޫޕުގެ ފުރަތަމަ މެޗުގައި ލުބުނާނާއި ބަންގުލަދޭޝް ބައްދަލުކުރާ އިރު، އެ ގްރޫޕުގެ ދެވަނަ މެޗުގައި ރާއްޖެއިން ނުކުންނާނީ ބޫޓާންއާ ދެކޮޅަށެވެ.
އެންމެ ވަރުގަދަ ގްރޫޕެއްގެ ގޮތުގައި ފާހަގަކޮށްލެވެނީ "ގްރޫޕު އޭ" އެވެ. އެ ގްރޫޕުގައި ހިމެނެނީ އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ އާއި އެންމެ ފަހުގެ ރަނަރަޕް ނޭޕާލްގެ އިތުރުން ޕާކިސްތާނާއި ކުވެއިތެވެ. މުބާރާތް ފެށިގެންދާނީ ވެސް އެ ގްރޫޕުގެ މެޗުތަކުންނެވެ. އަންނަ ބުދަ ދުވަހު ކުޅޭ އެ ގްރޫޕުގެ ފުރަތަމަ މެޗުގައި ކުވެއިތާއި ނޭޕާލް ބައްދަލުކުރާ އިރު، އެ ދުވަހު ކުޅޭ ދެވަނަ މެޗުގައި ބައްދަލުކުރާނީ އިންޑިއާ އާއި ޕާކިސްތާނެވެ.
ރާއްޖެ އިން ވަނީ ދެ ފަހަރަކު ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފައެވެ. އެއީ ސްރީލަންކާ އަދި ރާއްޖޭގައި ކުޅުނު 2008 ގެ ސާފް ޗެމްޕިއަންޝިޕާއި 2018 ގައި ބަންގުލަދޭޝްގައި ބޭއްވި ސާފް ޗެމްޕިއަންޝިޕެވެ. އޭގެ އިތުރުން ރާއްޖެއިން ވަނީ ތިން ފަހަރަކު ރަނަރަޕް މަގާމު ހޯދައިފައެވެ. އެއީ ނޭޕާލުގައި ބޭއްވި 1997 ގެ ސާފާއި ބަންގުލަދޭޝްގައި ބޭއްވި 2003 އަދި 2009 ގެ ސާފް ޗެމްޕިއަންޝިޕްގައެވެ.