ޖޯންއަށް އެކްޓު ކުރެވިދާނެކަމަކަށް ކުރިން ގަބޫލެއް ނުކުރަން: ކަރަން ޖޯހަރު

ބޮލީވުޑްގެ އެކްޓަރު ޖޯން އަބްރަހަމްއަށް ފިލްމުކުޅުމުގެ ހުނަރު ލިބިފައިވާކަމަށް ކުރިން ގަބޫލުކު ނުކުރާކަމަށް ޕްރޮޑިއުސަރު ކަރަން ޖޯހަރު ބުނެފިއެވެ.

ކަރަން ޖޯހަރުގެ ޗެޓް ޝޯވް "ކޮފީ ވިތު ކަރަން"ގެ ސީޒަންއެއްގައި ކަރަންވަނީ މިކަމާ ގުޅިގެން ޖޯން ގާތުން މަޢާފަށްވެސް އެދިފައެވެ.

ކަރަން ބުނިގޮތުގައި ޖޯންއަކީ މޮޑެލިންގް ދުނިޔޭގައި އޭރު އެންމެ ކާމިޔާބު ފަންނާނުކަމަށާއި ޖޯންގެ ކުރިމަގު އޮތީ މޮޑެލްކުރުމުގެ ދާއިރާގައިކަމަށް ވިސްނުނުކަމަށެވެ. އަދި މިހާރު ފިލްމީ ދާއިރާއިން ޖޯން ހޯދާފައިވާ ކާމިޔާބީ އޭރު ތަސައްވަރުވެސް ނުކުރެވޭކަމަށް ކަރަންވަނީ ބުނެފައެވެ.

އަމިއްލަ ފިލްމު ކުންފުނި ދަރުމާއިން ގިނަ ފިލްމީ ތަރިން ހިންދީ ސިނަމާއަށް ތަޢާރަފްކޮށްދިނުމުގައި ކަރަންއަކީ އަބަދުވެސް ވަރަށް މުހިއްމު ދައުރެއް އަދާކުރާ ފަރާތެކެވެ. އެހެންކަމުން ޖޯން އަބްރަހަމްވެސް ކަރަން ގާތު ވަރަށް ގިނަ ކަންކަމުގައި ލަފާ ހޯދާކަމަށާއި އެދުވަސްކޮޅު ކަރަންގެ ފިލްމު "ކަބީ ޚުޝީ ކަބީ ޣަމް"ގެ ރޯލެއް ޖޯންއަށް ހުށަހެޅިކަމަށް ޖޯންވަނީ ބުނެފައެވެ.

މިފިލްމުގައި ބަތަލާ ކަރީނާ ކަޕޫރު (ޕޫ)އާއެކު ކޮލެޖުގައި ފެންނަ ރޮބީގެ ރޯލު ކަރަން އެންމެ ފުރަތަމަ ހުށަހެޅީ ޖޯންއަށެވެ. އެހެންނަމަވެސް އެ ރޯލް ކުޑަކަމުން ޖޯންވަނީ ކަރަންގެ އެފުރުސަތު ދޫކޮށްލާފައެވެ.

ހިންދީ ސިނަމާގައި ޖޯން އަށް ލިބެމުން އަންނަ މަގުބޫލުކަމާއެކު އެކްޓަރުވެފައިވަނީ އެންމެ ގިނަ ޕްރޮޑިއުސަރުން މަސައްކަތްކުރަން ބޭނުންވާ އެއް އެކްޓަރަށެވެ. ހާއްސަކޮށް މިއަހަރު ކުރީކޮޅު ރިލީޒްވި ފިލްމު "ޕަތާން"ގެ ކާމިޔާބީއަށްފަހު ޖޯންއަކީ ބޮލީވުޑްގެ އާ ވިލެންގެގޮތުގައިވެސް ގިނަ ބަޔަކުވަނީ ސިފަކޮށްފައެވެ. ޖޯން އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ ބަތަލާ މަނޫޝީއާއެކު ކުޅޭ ފިލްމު "ތެހެރާން"އިންނެވެ. މިފިލްމުގައި ޖޯން ފެންނާނީ އިންޑިއާގެ ކުރީގެ ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރު ދޭވް މަލްކާނީގެ ރޯލްއިންނެވެ.

comment ކޮމެންޓް