ސާފް ޗެމްޕިއަންޝިޕް: ވާދަވެރި މެޗެއް ނުލިބި، ރާއްޖޭގެ ޓީމު މުބާރާތަށް ނުކުންނަނީ

ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމަށް ގައުމީ ޓީމުން ޖަޕާނުގައި ކުރިއަށްގެންދިޔަ ތަމްރީނުތަކުގެ ތެރެއިން -- ފޮޓޯ/ އެފްއޭއެމް

ވާދަވެރި މެޗެއް ނުލިބި، ރާއްޖޭގެ ޓީމު ސާފް ޗެމްޕިއަންޝިޕަށް ނުކުންނަން ޖެހިއްޖެއެވެ.

އިންޑިއާގެ ބެންގަލޫރުގައި އަންނަ ބުދަ ދުވަހު ފަށާ ސާފް ޗެމްޕިއަންޝިޕަށް ރާއްޖެއިން ތަމްރީނުތައް ފަށާފައިވަނީ މިދިޔަ މަހުގެ 21 ގައެވެ. ރާއްޖޭގައި ތަމްރީނުތައް ފުރިހަމަކުރުމަށްފަހު، ގައުމީ ޓީމު ވަނީ އިތުރު ތަމްރީނުތަކަށް މިމަހުގެ ފަސްވަނަ ދުވަހު ޖަޕާނަށް ފުރައިފައެވެ.

ޖަޕާނުގެ ފުކުޝީމާގެ "ޖޭ ވިލެޖް ޓްރައިނިން ސެންޓަރު" ގައި ގައުމީ ޓީމުން ވަނީ މިމަހުގެ ހަވަނަ ދުވަހުން ފެށިގެން މިދިޔަ ބުދަ ދުވަހުގެ ނިޔަލަށް ފަރިތަކުރުންތައް ކުރިއަށްގެންގޮސްފައެވެ. އެއަށްފަހު އިއްޔެ ކޮލަމްބޯ މަގުން ބަންގަލޫރަށް ދަތުރުކުރުމަށް ހަމަޖެހިފައިވީ ނަމަވެސް، ފުލައިޓު ވަނީ ކެންސަލްވެފައެވެ. އަދި ދެން ގައުމީ ޓީމުން ބެންގަލޫރަށް ދަތުރުކުރާނީ މާދަމާއެވެ.

ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމަށް ގައުމީ ޓީމުން ޖަޕާނުގައި ކުރިއަށްގެންދިޔަ ތަމްރީނުތަކުގައި ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ -- ފޮޓޯ/ އެފްއޭއެމް

ޖަޕާނުގައި ކުރިއަށްގެންދިޔަ ތަމްރީނުގެ ތެރެއިން ގައުމީ ޓީމުން އެކުވެރިކަމުގެ މެޗެއް ކުޅުމަށް ކުރިން ތާވަލުކުރިއެވެ. ނަމަވެސް ވިއްސާރައިގެ ސަބަބުން އެ މެޗު ވަނީ ކެންސަލްކޮށްފައެވެ.

އެކަމާ ގުޅޭގޮތުން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މިއަދު ބުނީ އެ މެޗު ކެންސަލްކޮށްފައިވަނީ ބޯކޮށް ވާރޭ ވެހެމުންދިއުމާ ގުޅިގެން ރެފްރީ އާއި ދެ ޓީމުން އެއްބަސްވެގެން ކަމަށާއި އެ މެޗު ކެންސަލްކުރަން ޖެހުނު ނަމަވެސް, ޓީމުގެ ތަމްރީނުތައް ދިޔައީ ވަރަށް ރަނގަޅަށް ކަމަށެވެ.

ސާފް ޗެމްޕިއަންޝިޕަށް ނުކުންނަ އެހެން ޓީމުތަކުން ދަނީ ވާދަވެރި މެޗުތައް ކުޅެމުންނެވެ. ބައެއް ޓީމުތަކުން މުބާރާތްތަކުގައި ވާދަކުރަމުންދާ އިރު، އެހެން ޓީމުތަކުން ވަނީ ވަރުގަދަ ޓީމުތަކާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅެފައެވެ.

ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމަށް ގައުމީ ޓީމުން ޖަޕާނުގައި ކުރިއަށްގެންދިޔަ ތަމްރީނުތަކުގެ ތެރެއިން -- ފޮޓޯ/ އެފްއޭއެމް

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނެނީ ބަންގުލަދޭޝް އާއި ބޫޓާން އަދި ލުބުނާންއާއެކު "ގްރޫޕު ބީ" ގައެވެ. އެ ގްރޫޕުގެ ފުރަތަމަ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 22 ވަނަ ދުވަހުއެވެ. ގްރޫޕުގެ ފުރަތަމަ މެޗުގައި ލުބުނާނާއި ބަންގުލަދޭޝް ބައްދަލުކުރާ އިރު، އެ ގްރޫޕުގެ ދެވަނަ މެޗުގައި ރާއްޖެއިން ނުކުންނާނީ ބޫޓާންއާ ދެކޮޅަށެވެ.

އެންމެ ވަރުގަދަ ގްރޫޕެއްގެ ގޮތުގައި ފާހަގަކޮށްލެވެނީ "ގްރޫޕު އޭ" އެވެ. އެ ގްރޫޕުގައި ހިމެނެނީ އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ އާއި އެންމެ ފަހުގެ ރަނަރަޕް ނޭޕާލްގެ އިތުރުން ޕާކިސްތާނާއި ކުވެއިތެވެ. މުބާރާތް ފެށިގެންދާނީ ވެސް އެ ގްރޫޕުގެ މެޗުތަކުންނެވެ. މިމަހުގެ 21 ގައި ކުޅޭ އެ ގްރޫޕުގެ ފުރަތަމަ މެޗުގައި ކުވެއިތާއި ނޭޕާލް ބައްދަލުކުރާ އިރު، އެ ދުވަހު ކުޅޭ ދެވަނަ މެޗުގައި ބައްދަލުކުރާނީ އިންޑިއާ އާއި ޕާކިސްތާނެވެ.

ރާއްޖެ އިން ވަނީ ދެ ފަހަރަކު ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފައެވެ. އެއީ ސްރީލަންކާ އަދި ރާއްޖޭގައި ކުޅުނު 2008 ގެ ސާފް ޗެމްޕިއަންޝިޕާއި 2018 ގައި ބަންގުލަދޭޝްގައި ބޭއްވި ސާފް ޗެމްޕިއަންޝިޕެވެ. އޭގެ އިތުރުން ރާއްޖެއިން ވަނީ ތިން ފަހަރަކު ރަނަރަޕް މަގާމު ހޯދައިފައެވެ. އެއީ ނޭޕާލުގައި ބޭއްވި 1997 ގެ ސާފާއި ބަންގުލަދޭޝްގައި ބޭއްވި 2003 އަދި 2009 ގެ ސާފް ޗެމްޕިއަންޝިޕްގައެވެ.

comment ކޮމެންޓް