ދިވެހިންނަށް ވިސާއާ ނުލައި އެމެރިކާއަށް ދެވޭ ގޮތް ހެދުމާ މެދު ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންޓޯނިއޯ ބްލިންކެން މަޝްވަރާކުރައްވައިފިއެވެ.
މި މަޝްވަރާ ކުރިއަށްދިޔައީ އެމެރިކާގެ ވޮޝިންޓަނުގައި ރާއްޖޭގެ އެމްބަސީއެއް ހުޅުވުމަށް ޓަކައި ޝާހިދު އެ ގައުމަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ކުރިއަށް ގެންދިޔަ ބައްދަލުވުމެއްގައެވެ.
ޝާހިދާއި ބްލިންކެންގެ މި ބައްދަލުވުމުގައި ޝާހިދުވަނީ ވިސާ މާފުކޮށްދިނުމަކީ މުހިންމު ކަމެއްގެ ގޮތުގައި ދެކެވަޑައިގަންނަވާކަމަށް ވިދާޅުވެފައެވެ.
އެ ވާހަކަތަކާ ގުޅިގެން ބްލިންކެންވަނީ ވިސާ ދިނުމުގެ އުސޫލުތައް ދިވެހީން އެދޭ ގޮތަށް ބަދަލުކުރުމަށް ޓަކައި ކުރަންޖެހޭ ކަންކަން މަޝްވަރާކުރުމަށްފަހު ކުރައްވާނެކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން ދިވެހި ދަރިވަރުންނަށް ސްކޮލަޝިޕާއި އެކްސްޗޭންޖް ޕްރޮގްރާމްތަކުން ފުރުސަތު ދިނުމާ ގުޅޭގޮތުން ވެސް ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

މިނިސްޓަރު ޝާހިދު، ސެކްރެޓަރީ އޮފް ސްޓޭޓް ބްލިންކެންއާ ބައްދަލުކުރެއްވުން -- ފޮޓޯ/ ފޮރިން މިނިސްޓްރީ
އެ ބައްދަލުވުމާ ގުޅޭގޮތުން ބްލިންކެން ކުރެއްވި ޓްވީޓުގައިވަނީ ޝާހިދާއެކު ކުރެވުނު މުހިންމު މަޝްވަރާތަކުގެ ތެރޭގައި އިގްތިސާދީ ތަރައްގީއާއި ދިފާއީ ދާއިރާއާ ގުޅޭ މުހިންމު މަޝްވަރާތައް ހިމެނޭ ކަމަށެވެ.
މީގެ އިތުރުން މަތީ ތައުލީމާއި ޑިމޮކްރަސީ ކުރިއެރުވުމާ ގުޅޭ މަަޝްވަރާތައް ކުރިއަށްދިޔަ ކަމަށް ވެސް ބްލިންކެން ވިދާޅުވިއެވެ.
"އަޅުގަނޑު އުންމީދުކުރަނީ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވާނެ ކަމަށް،" ބްލިންކެން ވިދާޅުވިއެވެ.

ޝާހިދާއި އެމެރިކާގެ ޑެޕިއުޓީ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ޖޯން ފައިނާ -- ފޮޓޯ/ ފޮރިން މިނިސްޓްރީ
މީގެ އިތުރުން ޝާހިދުވަނީ އެމެރިކާގެ ޑެޕިއުޓީ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ޖޯން ފައިނާއާ ބައްދަލުކުރައްވައި ބައެއް މަޝްވަރާތައް ވެސް ކުރައްވައިފައެވެ.
އޭގޮތުން ދެ ގައުމުގެ މަސްލަހަތާ ގުޅިފައިވާ ސަލާމަތީ ނުރައްކާތަކާއި، ދެ ގައުމުގެ ދެމެދުގައި އޮތް ސްޓްރެޓެޖިކް ޕާޓްނާޝިޕް ވަރުގަދަކުރުމަށް ޓަކައި ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ރޮނގުން އިތުރު އެއްބާރުލުން ދީ ގުޅުން ވަރުގަދަކުރުމަށް މަޝްވަރާކޮށްފައިވެއެވެ.
ހަމައެއާއެކު ޝާހިދުވަނީ ޔުނިއިޓެޑް ސްޓޭޓްސް އެޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (ޔޫއެސް އެއިޑް)ގެ އެޑްމިނިސްޓްރޭޓަރު ސަމަންތާ ޕަވާއާ ބައްދަލުކުރައްވައިފައެވެ.