އީދަށް މަޑުއްވަރި އޮތީ ވަރަށް ފޯރީގައި، އަވަހަށް ދަތުރު ހަދާ!

މަޑުއްވަރީގައި މީގެ ކުރިން ފާހަގަކުރި އީދެއް --

ރ. މަޑުއްވަރީގައި މި އަހަރުގެ އަޟްހާ އީދު ވަރަށް ކުލަގަދަކޮށް ފާހަގަކުރަން ތައްޔާރުވާން ފަށައިފިއެވެ.

އެ ރަށުގައި މި އަަހަރުގެ އީދު ފާހަގަކުރަނީ ހުޅަނގު އަވަށާއި މަޑުއްވަރީ އެކުވެރިންގެ ކްލަބް ޖަމިއްޔާ ގުޅިގެންނެވެ.

އެ ޖަމިއްޔާގެ އޮފިޝަލަކު "ސަން"އަށް ބުނީ މިހާރު ކުރިއަށް ދަނީ ހަރަކާތްތަކަށް ފަންޑު ހޯދުމުގެ މަސައްކަތް ކަމަށެވެ.

"ފުރަތަމަ އީދު ކުޅުމަށް ހުއްދަ ހޯދަން ކައުންސިލް އިދާރާ ދޮށަށް ގޮސް ހުއްދަ ހޯދާފައި އީދު ކުޅިވަރު ފަށާނީ،" އޭނާ ބުންޏެވެ.

އީދު ދުވަހު އީދު ނަމާދުން ފައިބައިގެން ރަށުގެ ރައްޔިތުންނަށް ހެނދުނުގެ ސައި އޮންނާނެ ކަމަށާއި އެ ދުވަހު ހަވީރު އަނެއް ދުވަހަށް ތައްޔާރުވުން އޮންނާނެކަމަށް އޮފިޝަލް ބުންޏެވެ.

"އަނެއް ދުވަހު ރަސްމީކޮށް ފެށޭނީ އީދު ކުޅެން،" އޭނާ ބުންޏެވެ.

އީދު ހަރަކާތްތަކުގެ ތެރޭގައި ފިރިހެންވެރިންގެ ކޯޑިއާއި އަންހެންވެރިންގެ ކޯޑި އޮންނާނެއެވެ. ފިރިހެނުންގެ ކޯޑި އަންހެނުން ނެރޭއިރު ޖަހާނީ ކަމުވޮށިގެންވާ ފިރިހެނެއްގެ ބޮލަށެވެ. އަންހެނުންގެ ކޯޑި ފިރިހެނުން ނެރި ޖަހާނީ އަންހެނެއްގެ ބޮލަށެވެ.

"ކޯޑި ބޮލަށް ޖަހާ މީހާ އެ ރޭގެ ޝޯއަށް ހުރިހާ ޚަރަދެއް ކޮށްދޭން ޖެހޭނީ. ޑްރިންކް އެއްޗެހި ދިނުމާ އެ ކަންކަން،" އޮފިޝަލް ބުންޏެވެ.

މާލި ޕެރޭޑާއި ދެލި މާއްޔާއި ކުޑަކުދިންގެ ހަވީރު އަދި މަސް ރޭސް ވެސް އީދު ހަރަކާތްތަކުގެ ތެރޭގައި ހިމެނެއެވެ.

މީގެ އިތުރުން، އީދު ޝޯ ވެސް ވަރަށް ފޯރީގައި ބާއްވަން ނިންމައިފައިވާއިރު، އެކަތި ބޮޑުބެރު ގުރޫޕްގެ ހަރަކާތްތަކެއް މި ޝޯތަކުގައި ފެންނާނެއެވެ.

މި އަހަރުގެ އީދު ފާހަގަކޮށްލަން މަޑުއްވަރީއަށް ދާން ސަޅިވާނެކަމަށް އެ ރަށު މީހުން ބުނެއެވެ. އަވަހަށް ދަތުރު ހަދާ ތައްޔާރުވުމަށް ވެސް އެދެއެވެ.

comment ކޮމެންޓް